ދެ އިންތިހާބު އެއްކޮށްލަނީ ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އަޅުވަން: ޝާހިދު ދެ އިންތިހާބު އެއްކޮށްލަނީ ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އަޅުވަން: ޝާހިދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން މި ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އެޅުވުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރަން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ ވަކަރަށް ޖަހާ އުސޫލުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ފުރަތަމަ ކުރުކޮށްލުމަށް ކަމަށެވެ. އެގޮތުން އެގޮތަށް އަމަލު ކުރުމުން ރައްޔިތުންގެ ބަސް ބުނުމުގެ ހައްގުވެސް ނިގުޅައިގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުން މި ބޭނުންފުޅުވަނީ 50 ޕަސަންޓް ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބަސް ބުނުމުގެ އަނގަމަތީގައި މަލަން އަޅުވަން. އެ ފުރުސަތު ނުދެއްވާތި. ކަންކުރައްވަން ގަސްތުކުރައްވާފައި އޮތް ގޮތަކީ ފުރަތަމަ ވަކަރެއް ޖަހާލަނީ. ވަކަރެއްޖަހާލާއިރު މިކުރައްވަން ބޭނުންފުޅުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށްލަނީ ނޫންހޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މަޖިލިސް ދައުރު ކުރުކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގާ އުސޫލުން ރިޔާސީ ދައުރު ދަންމާލުމަށް ވެސް ވޯޓެއް ނަގާނެ ކަމަށެވެ.
މިގޮތުން އަންނަ އަހަރު ދައުރު 10 އަހަރަށް ދަންމާލަން ވޯޓެއް ނަގައިގެން އެ ވޯޓު ކާމިޔާބުކޮށްފިނަމަ ދެން މި ރާއްޖޭގައި ދުވަހަކުވެސް ރިޔާސީ އިންތިހާބެއް ނުބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިތްޕުޅަށް ގެންނަވާ ކުރުކޮށްލަން އަހާ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ. މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަންނާނީ ދިގުކޮށްލަން، ރައީސުލްޖުމްހޫރިއްޔާގެ އަހަރު 10 އަހަރަށް ޖައްސާލަން. އޭރަށް އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ. އޭގެ ފަހުން ދިވެހިރާއްޖޭގައި އެއްވެސް ގޮތަކަށް ރިޔާސީ އިންތިހާބެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ 20 މިލިއަން ރުފިޔާ ސަލާމަތްކުރަން ބޭނުންވާނަމަ 30 މީހުން ސިޔާސީ ވަޒީފާތަކުން ވަކިކުރުމުން އެ ހަރަދު ކުޑަވާނެ ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރަށް ދެން ބާކީ އޮތީ ދެ އަހަރު ކަމަށާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެރިކަން ކުރާ ޕީއެންސީ ބަލިކޮށް އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށެވެ.
މިހާރު ވެރިކަމުގައި އޮތީ ވަގުތީ ސަރުކާރެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒަކީ ވަގުތީ ރައީސެއް ކަމަށާއި މުއިއްޒަށް ވޯޓުދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން މިހާރު ނިކުމެވަޑައިގެން ތިޔަ ތިއްބެވި ގޮތަށް އަޅުގަނޑުމެން އަތުގުޅާލައިގެން އެކުގައި ނިކުމެ މި ސަރުކާރު ބަލިކޮށްލެވޭނެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މި ސަރުކާރުގެ ބާކީ އޮތީ ދެ އަހަރޭ. މިހާރު މިއޮތީ ވަގުތީ ސަރުކާރެކޭ. ވަގުތީ ރައީސެކޭ،" ޝާހިދު ވިދާޅުވި އެވެ.
"މި ރައީސަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތޭ. 2028 ގައި އުފެދޭނީ އަޅުގަނޑުމެންގެ ސަރުކާރެއް. އެމްޑީޕީގެ ސަރުކާރެއް. ދެ އަހަރުގެ ވަގުތީ ސަރުކާރަކަށް، ވަގުތީ ރައީސަކަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް."
ޝާހިދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ހުރިހާ އެންމެން ނިކުމެ ވޯޓު ފޮށިތައް ފުރާލައި މުއިއްޒު ބަލިކުރަން ޖެހޭ ކަމަށާއި އެކަން އެމްޑީޕީން ކުރަން އޮތީ ތައްޔާރަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ