މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދެން ވެސް ޕީއެންސީއަށް ދީފި ނަމަ، މާލޭގެ ބިންތައް ނުއަގުގައި ވިއްކުން ކުރިއަށް ގެންދާނެ ކަމަށާއި ދެން މާލޭގެ ބިންތައް އެ ގޮތަށް ހުސްކޮށްލާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ބިންތައް ދޫކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓަށް އިޝާރާތްކުރައްވައި އާޒިމް ވާހަކަ ދެއްކެވީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެމްޑީޕީގެ 'ހޭވައްލާ ތައްޔާރު' ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނު ލޯންޗުކުރަން ކުރިއަށްދާ ޖަލްސާގައި، އެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް ވިސްނައިގެން ކައުންސިލް ހިންގާނީ އެމްޑީޕީން ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީން ކައުންސިލް ހިންގި ގޮތް މާލޭގެ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އެމްޑީޕީގެ މޭޔަރެއް ހުންނެވި ނަމަވެސް މިހާރު ވެސް ޕީއެންސީގެ ކައުންސިލަރުންގެ މެޖޯރިޓީ އޮތް ކައުންސިލުން އެ މީހުން ބޭރުކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ބަހާ ހުސްނުކުރަނީސް މި މީހުން އެބަޖެހޭ ބޭރުކޮށްލަން. އެހެން ނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.
މާލެ ބިމުގެ އޮޑިޓަށް ބަލާއިރު މީހަކު ފިތްކަނޑައިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ކޮރަޕްޝަން ނޫން ކަމެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެއް ބިމެއް އެތައް ބަޔަކަށް ކުއްޔަށް ދީފައި އެބަ ހުރި. ކުލި ނުނަގައި ބިންތައް ބަހާފައި އެބަ ހުރި. ހުސްތަންކޮޅެއް އޮތިއްޔާ ގޮޅި ކުރަހައި ކުއްޔަށް ދީފައި އެ އޮތީ. ނުއަގުގައި ބުއްދި ގަބޫލުނުކުރާ ވަރުގެ ކުއްޔަށް ދީފައި އެބަހުރި. ކޮންމެ މުއާމަލާތެއްގެ ފަހަތުގައި ކޮރަޕްޝަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސަރުކާރަށް ބަރޯސާވާ ކައުންސިލެއް އިންތިހާބުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ވެސް ލާމަރުކަޒީ އުސޫލުން ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތައް ހިންގޭނެކަން ދައްކާދީފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީއަށް ކައުންސިލް ނުދޭތި، މާލޭގެ ބިންތައް ފޮތިކޮށް ހުސްކޮށްލާނެ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ