ޗައިނާއަށް ލިބޭ ތަރައްގީއާއި ކުރިއެރުމުގެ ހެޔޮ އަސަރު، ރާއްޖެއާއި އެހެން ގައުމުތަކަށް ވެސް ކުރާނެ: ޗައިނާ ސަފީރު
ޗައިނާއަށް ލިބޭ ތަރައްގީއާއި ކުރިއެރުމުގެ ހެޔޮ އަސަރު، ރާއްޖެއަށާއި މުޅި ދުނިޔެއަށް ވެސް ކުރާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ. ސްޕްރިންގް ފެސްޓިވަލް އަދި "އިޔާ އޮފް ދަ ހޯސް" ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން، ސަފީރު ވަނީ އެންމެންނަށް ފައިދާހުރި ތަރައްޤީއާއި، ހުޅުވާލެވިފައިވާ އިގްތިޞާދަކާއި، ޒަމާނީ ކުރިއެރުމަށް ޗައިނާއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައިފައެވެ. ސްޕްރިންގް ފެސްޓިވަލް އަދި "އިޔާ އޮފް ދަ ހޯސް" ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޗައިނާ ސަފީރު ވާހަކަދައްކަވަނީ -- ފޮޓޯ: ޗައިނާ އެމްބަސީ ސަފީރު ކޮންގް ވަނީ ޗައިނާގެ އިގްތިޞާދީ ވަރުގަދަކަމާއި އިސްލާހީ ބަދަލުތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޗައިނާގެ ޖީޑީޕީ 20 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، އަހަރަކު ފަސް ޕަސެންޓުގެ ކުރިއެރުމެއް ހޯދަމުންދާތީ، މިއީ ދުނިޔޭގެ އިގްތިޞާދަށް ލިބޭ ބޮޑު ހަމަޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "ޗައިނާގެ ފެންވަރު ރަނގަޅު ތަރައްޤީގެ ފައިދާ ހަމައެކަނި އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބުމުގެ ބަދަލުގައި، މީގެ ނަފާ އެހެން ގައުމުތަކަށް ވެސް ލިބިގެންދޭ،" ސަފީރު ވިދާޅުވިއެވެ. ސްޕްރިންގް ފެސްޓިވަލް އަދި "އިޔާ އޮފް ދަ ހޯސް" ފާހަގަކުރުމަށް ބޭއްވި ހަފުލާ ތެރެއިން -- ފޮޓޯ: ޗައިނާ އެމްބަސީ އަދި ޗައިނާގެ ހުޅުވާލެވިފައިވާ ސިޔާސަތުތަކާއި ބައިނަލްއަގްވާމީ ޒިންމާދާރުކަމުގެ ސަބަބުން ދުނިޔޭގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިވެ، އިންސާނިއްޔަތަށް ސުލްޙައާއި ކުރިއެރުން ލިބޭނެކަމަށް ވިދާޅުވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ޗައިނާގެ 15 ވަނަ ފަސް އަހަރުގެ ޕްލޭނާއި، ދިވެހިރާއްޖޭގެ "ރެޒިލިއަންޓް މޯލްޑިވްސް 2045" އިސްތިރާޖީ ރޭވުމާ ހުރި އެއްގޮތްކަން ފާހަގަކުރެއްވިއެވެ. މި ދެ ރޭވުމަކީ ވެސް ރައްޔިތުންގެ ލާބައަށް އިސްކަންދީގެން ތަރުތީބުކޮށްފައިވާ ދެ ތަސައްވުރުކަން އޭނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން މިހާރު ވަނީ ދެފަރާތަށް ފައިދާހުރި އާ މަރުޙަލާއަކަށް ދަތުރުކޮށްފައިކަމަށާއި، މިއީ ދެ ގައުމުގެ ލީޑަަރުންގެ މެދުގައި އޮތް ވަރުގަދަ ސިޔާސީ އިތުބާރުގެ ނަތީޖާކަމަށް ސަފީރު ވިދާޅުވިއެވެ. ސްޕްރިންގް ފެސްޓިވަލް އަދި "އިޔާ އޮފް ދަ ހޯސް" ފާހަގަކުރުމަށް ބޭއްވި ހަފުލާ ތެރެއިން ޗައިނާގެ ސަގާފީ ހަރަކާތެއް -- ފޮޓޯ: ޗައިނާ އެމްބަސީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެ-ވިލިމާލެ މަގު ހެދުމުގެ މަޝްރޫޢާއި، އަދި 50 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިގްތިޞާދީ ތަރައްޤީއަށް ޗައިނާއިން ދޭ އެއްބާރުލުމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ޒުވާނުންގެ މެދުގައި އޮންނަ ގުޅުންތަކުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްކަން ފާހަގަކުރައްވަމުން، މިދިޔަ އަހަރު 320,000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ސްޕްރިންގް ފެސްޓިވަލް އަދި "އިޔާ އޮފް ދަ ހޯސް" ފާހަގަކުރުމަށް ބޭއްވި ހަފުލާ ތެރެއިން ދިވެހި ދަރިވަރުންތަކެއް ޗައިނާ ބަހުން ލަވައެއް ހުށަހަޅަނީ -- ފޮޓޯ: ޗައިނާ އެމްބަސީ "ޗައިނާއިން ޤަބޫލުކުރަނީ ކަނޑައަޅާފައިވާ ތަޞައްވުރާ އެއްގޮތަށް މަސައްކަތް ނިންމުމަށާއި ވެފައިވާ ވަޢުދުތައް ފުއްދުމަށް،" ކަމަށް ވިދާޅުވެ، ދެ ގައުމުގެ ގުޅުމުން ރައްޔިތުންނަށް އޭގެ ހަގީގީ ފައިދާ ފެންނާނެކަމުގެ ޔަގީންކަން ސަފީރު އެރުވިއެވެ. ސަފީރު ކޮންގް ވިދާޅުވީ އުމްރާނީ ތަރައްޤީއާއި ވިޔަފާރީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އޯގާތެރިކަމާއި އެކުވެރިކަމަކީ މި ގުޅުމުގެ އަސްލު ބިންގާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ދިވެހި ކުޑަކުދިންގެ މޫނުމަތިން ފެނުނު ހިނިތުންވުމަކީ އޭނާގެ ހިތްޕުޅަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނު ކަމެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ