ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްވައިފިއެވެ.
އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ވަރުގަދަ ކުރިމަތިލުމެއް ކަމަށެވެ.
އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް އެންމެ ބޮޑަށް ދަންނަ ޕާޓީ ކަމަށެވެ. ފޮތް ލިސްޓަށް ސަލާންޖެހުމުގެ ސަގާފަތް ނައްތާލުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ތެރެއިން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން އެނގެނީ އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން "ރަށު ބަންދުން" ވީއްލައިދިނީ އެމްޑީޕީން ކަމަށާއި، ނިކަމެތި އާއިލާތަކުގެ ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނީ ވެސް އެ ޕާޓީންކަން އާތިފް ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅި ރާއްޖެ މަރުކަޒީ ކުރުމަށް ކަމަށެވެ. ހާއްސަކޮށް 'ރަސްމާލެ' މަޝްރޫއާއެކު އާބާދީގެ ބޮޑުބައެއް އެއްތަނަކަށް ޖަމާކުރުމަކީ ރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ނެތީމު މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފް ހިންގާ ބަޔެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަން ކުރަން. ކުޅުދުއްފުށީގެ ރައްޔިތުން މިފަހަރު ބޮޑު ޖަވާބެއް ދޭނެ،" އާތިފް ވިދާޅުވިއެވެ.
ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދައަށް އާތިފް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ކޮންމެ އެސްޕީޑީ އަކަށް މަހަކު 25,000 ރުފިޔާ ދޭއިރު، ފަސް އަހަރުގެ ތެރޭގައި އެއީ މީހަކަށް 1.5 މިލިއަން ރުފިޔާ ކަމަށެވެ.
"މި ފައިސާއަކީ އެ ކުދިންނަށް ގެސްޓްހައުސްއެއް އެޅުމަށް ދިން ފައިސާ ނަމަ، ރާއްޖޭގެ އުފެއްދުންތެރިކަން މާ ބޮޑަށް އިތުރުވީސް،" އާތިފް ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން އައިއިރު އެ ސަރަހައްދަށް އިގްތިސާދީ ދިރުން ގެނެސްދޭނެ އެއްވެސް ވިސްނުމެއް ނުވަތަ މަސައްކަތެއް މި ސަރުކާރުގެ ނެތްކަމަށް ވިދާޅުވެ އާތިފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކުޅުދުއްފުށީގެ 14 ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރާނެ: އާތިފް ކުޅުދުއްފުށީގެ 14 ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރާނެ: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ