ރާއްޖެއަށް ދަތިކަމެއް ނެތި ތެޔޮ ލިބެމުންދާނެ، އުއްމީދަކީ އަންނަ ހޯމައިގެ ކުރިން އަގު ހެޔޮވުން: ޒަމީރު
ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބެމުންދާނެ ކަމަށާއި، އުއްމީދަކީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ބޭރުގެ ބާޒާރުގައި ސާފުކޮށްފައިވާ ތެލުގެ އަގު ހެޔޮވުން ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ތާވަލުކޮށްފައިވާ ގޮތަށް ގޭހާއި ތެލުގެ ޝިޕްމަންޓުތައް އެއްވެސް ދަތިކަމެއް ނެތި، ލިބޭނެ ކަމަށެވެ. ޒަމީރު ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމަށްޓަކައި މަޝްވަރާއަށް ދިޔައިރު، މިދިޔަ ހަފުތާ ބަންދުގައި ކްރޫޑް އޮއިލް، ނުވަތަ ސާފުނުކުރާ ތެލުގެ އަގަށް ބަދަލު އައިކަން ފާހަގަވި ކަމަށެވެ. އެކަމަކު ސާފުކޮށްފައިވާ ތެލުގެ އަގުތަކަކަށް އެއްވެސް ހެޔޮ ބަދަލެއް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނާންނަ ކަމަށް ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ [އަންނަ ހަފުތާގެ] ހޯމައާ ހިސާބަށް ދާއިރު ސާފު ތެލުގެ އަގަށް ކޮންމެވެސް ހެޔޮ ބަދަލެއް އަންނާނެއޭ، އެކަމަކު ހަނގުރާމަ ހުއްޓާނުލާތީ އެހެންވެ، އޭގެ ދަތިތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ. މިހާރުވެސް ތާވަލުކުރެވިފައިވާ ގޮތަށް، އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭހުގެ ޝިޕްމަންޓް ލިބެމުން އަންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ޒަމީރު ވަނީ ތަކުރާރުކުރައްވައިފައެވެ. ހަމަ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެއްވެސް ދަތިކަމެއް ނެތި ގޭހާއި ތެލުގެ ޝިޕްމަންޓް ލިބެމުން އަންނަ ކަމަށެވެ. މިހާރު ސަރުކާރަށް ލިބިފައިވާ ތާރީޚުތަކަށް ބަލާއިރު، ޑީސަލްގެ ޝިޕްމަންޓުތައް މިއަދާއި އަންނަ ހޮނިހިރާއި މި މަހުގެ 24ވަނަ ދުވަހު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހާއި 15ވަނަ ދުވަހު ވެސް ޑީސަލް ލިބޭނެ ކަމަށާއި، ޕެޓްރޯލްގެ ޝިޕްމެންޓުތައް އަންނަ ހޮނިހިރު ދުވަހާއި މި މަހުގެ 27ވަނަ ދުވަހު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، މޭ މަހުގެ 18ވަނަ ދުވަހާއި ޖޫން މަހުގެ ދެވަނަ ދުވަހާއި 21ވަނަ ދުވަހު ވެސް ޕެޓްރޯލް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި މަހުގެ 22ވަނަ ދުވަހާއި 23ވަނަ ދުވަހުގެ ހިސާބުގައި ގޭހުގެ ޝިޕްމަންޓެއްވެސް ލިބޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަން ހާމަކޮށްފައެވެ. އަދި ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިދިޔަ މާރިޗް މަހުގެ 22ވަނަ ދުވަހު ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ