ފަލަސްޠީނުގެ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ އުޅަނދުތައް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.
ޣައްޒާގައި ނިކަމެތިވެފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފަދަ އެހީ ހިފައިގެން، ސްޕެއިންގެ ބާސަލޯނާއިން މިއަދުގެ ވަގުތެއްގައި 30 އެއްހާ އުޅަނދު ދަތުރު ފެށުމަށް ހަމަޖެހިފައިވެއެވެ.
ޣައްޒާއަށް ކަނޑުމަގުން ދަތުރުކުރުމުގެ މަގުމަތީގައި އިތުރު އުޅަނދުތައް އެ ޙަރަކާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގު އޮތީ ޔަހޫދީންގެ ކޮންޓުރޯލުގެ ދަށުގައެވެ. އަދި، އެ ސަހަރުގައި ތިބި 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތައްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ދަނީ ހުރަސްތަކެއް ކުރިމަތި ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް، 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ 40 އެއްހާ އުޅަނދު ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ އެ އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުތަކުގައި ދަތުރުކުރި މީހުން ހައްޔަރުކޮށްފައެވެ.
ޔަހޫދީ ސިފައިން ހައްޔަރުކުރި 450 އެއްހާ މީހުންގެ ތެރޭގައި ތިމާވެށީގެ ޙިމާޔަތުގައި ވަކާލާތުކުރާ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތުންބަރގް ވެސް ހިމެނެއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުސްވި އަހަރުގެ އޮކްޓޫބަރު މަހު މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ދަނީ ހުރަސްއަޅަމުންނެވެ.
ޣައްޒާގެ ޙިޞާރާއި ދެކޮޅަށް ޞުމޫދު ފްލޮޓިއްލާ ދަތުރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ