އެމެރިކާއިން ހުރްމޫޒް ކަނޑުއޮޅި ބަންދުކުރަން ނިންމި ނިންމުމަށް ތާއީދުނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

އެމެރިކާ އިސްވެ އޮވެ ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމާ މިއަދު ނިންމަވައިފިއެވެ. އިނގިރޭސި ސަރުކާރުން އިސްކަންދެނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ބަދަލުގައި، ޑިޕްލޮމެޓިކް އުސޫލުން ކަނޑުއޮޅި ހުޅުވުމަށް ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ކަނޑުއޮޅި ބަންދުކުރަން ނިންމެވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްކޮށް ހުންނަވައިގެން 21 ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ މި މަޝްވަރާތައް ނާކާމިޔާބުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ދެކޮޅުހެދުމުންނެވެ. https://www.sun.mv/220532 އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެ ގައުމުން ފަރަންސޭސިވިލާތާއި އެހެނިހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުންދަނީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ރައްކާތެރިކުރުމަށެވެ. އަދި ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ޓޯލް ނެގުމާ ދެކޮޅުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސްޓާމާ ވިދާޅުވީ، އެމެރިކާގެ ބްލޮކޭޑަށް އިނގިރޭސިވިލާތުން ތާއީދުނުކުރާ ކަމަށާއި، އީރާނުގެ ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ. މީގެ ބަދަލުގައި އިނގިރޭސިވިލާތުން މަސައްކަތްކުރަނީ ދުނިޔޭގެ އިގުތިސާދާއި އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް ހަމައަކަށް އެޅުވުމަށްޓަކައި ކަނޑުއޮޅި އަލުން ހުޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާއިރު، މި މައްސަލައިގެ ސަބަބުން އިނގިރޭސިވިލާތުގައި ޕެޓްރޯލްގެ އަގު އުފުލި، އާންމުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އިނގިރޭސިވިލާތުން އެމެރިކާގެ ނިންމުމާ ދެކޮޅުހެދުމާ ގުޅިގެން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސްޓާމާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ނެވިލް ޗެމްބަލިން ގެންގުޅުއްވި ފަދަ ދޫދިނުމުގެ ސިޔާސަތެއް ސްޓާމާ ގެންގުޅުއްވާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި އިނގިރޭސިވިލާތުގެ ގުޅުމަށް ހީނަރުކަމެއް އައިސް، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެކަމަށް މުރާސިލުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ