ރިޔާސީ ބަޔާން 2026: ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެނި، އޭގެހެޔޮ ބަދަލު އިޤްތިޞާދަށް ކުރާނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ

ދިވެހީންނަށް، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ޤައުމުގެ އިޤްތިޞާދަށް ކުރާނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި، ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރު ފުރައިގެ ދިވެހިން އިތުރު ކުރުމަށް، ކަނޑައަޅާ ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ އެއްގެގޮތުން، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމަޔަށް 21174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށާ، މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6724 ވަޒީފާ ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެހެންކަމުން، ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން 17 ނޮވެމްބަރު 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީން ފޮނުވާލާފައިވާނެ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ.
މި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި، އެއީ ކޮން ބައެއްކަން ކަށަވަރު ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ