ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ގަސްދުގައި، ހާޒިރުނުވެ، ކްލަބް ގްރީން ސްޓްރީޓްސް އިން ކުރީ މެޗު ފިކްސްކުރުމުގެ އަމަލެއް ކަމަށާއި އެއީ ވެލެންސިއާގެ ހައްގަކަށް އަރައިގަތުން ކަމަށް އެ ކްލަބުން ބުނެފި އެވެ.
ވެލެންސިއާ އިން މި ގޮތަށް ބުނެފައިވަނީ، އެ ކްލަބުން މިރޭ ނެރުނު ބަޔާނެއްގަ އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. އެ ގޮތުން، މިދިޔަ ހަފްތާގައި ވެލެންސިއާއާ އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ 10 އަހަރަށް ފަހު ވަނީ ރެލިގޭޓްވެފަ އެވެ.
ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި އިއްޔެ 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި މިއަދު ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.
ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، އެފްއޭއެމް އިން މި މައްސަލަ ބަލާނެތޯ އެެއީ އުފެދޭ ސުވާލެކެވެ. އަދި، ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ނައިސް ރެލިގޭޝަނުން ސަލާމަތްވުމަށް ގަވާއިދުން އޮތީ ފުރުސަތު ލިބޭ ގޮތަށެވެ. މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި، މިއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، މިއީ މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.
"ގްރީން ސްޓްރީޓްސްގެ މި އަމަލަކީ ގަސްދުގައި ކްލަބް ވެލެންސިއާގެ ހައްގެއް ނިގުޅައި ގަތުން ކަމަށްވުމުން، މެޗު ފިކްސިންގެ މި މައްސަލަ ބަލައި، ވެލެންސިއާގެ ހައްގު ހޯދައިދިނުމަށް މި ކްލަބުން ފުޓްބޯލް އެސޯސިއޭޝަނަށް ގޮވާލަމެވެ. އަދި، މި މައްސަލަ މި ކްލަބުން ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅާނެ ކަމުގައި ދަންނަވަމެވެ.،" ވެެލެންސިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިހާރު އޮތް ގޮތުން، ވެލެންސިއާ ރެލިގޭޓްވުމާ އެކު، މިއީ، އަށް ވަރަކަށް އަހަރު ތެރޭ އެ ޓީމު ރެލިގޭޓްވެ، ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ދެ ވަނަ ފަހަރެެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓްވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ގްރީން އިން މެޗު ފިކްސްކޮށް ވެލެންސިއާގެ ހައްގަށް އަރައިގަނެފި ކަމަށް ބުނެ، މައްސަލަ ބަލަން ގޮވާލައިފި ގްރީން އިން މެޗު ފިކްސްކޮށް ވެލެންސިއާގެ ހައްގަށް އަރައިގަނެފި ކަމަށް ބުނެ، މައްސަލަ ބަލަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ