ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް އިން ފޯމަކަށް އެޅި ލީގުގައި ކުރިއަށް ދިއުމުގެ އިތުބާރު ހޯދައިފި އެވެ.
ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި އީގަލްސް އިން ދެ ވަނަ ބުރުގައި ހޯދި ފުރަތަމަ މޮޅަކީ، މީގެ 10 ދުވަސް ކުރިން އޮޑި ސްޕޯޓްސް ކްލަބް އަތުން ހޯދި ކާމިޔާބެވެ. އޭގެ ފަހުން، ލީގު ބްރޭކަކަށް ދިއުމަށް ފަހު، އެނބުރި އައިސް ކުޅުނު މެޗުން އީގަލްސް މި ވަނީ ޓީސީގެ މައްޗަށް ކުރިހޯދައިފަ އެވެ. އޮޑި އާއި ޓީސީ އަތުން ވެސް އީގަލްސް މޮޅުވީ ހަމަ އެއް ނަތީޖާއަކުންނެވެ.
އީގަލްސް، ލީގުގެ ހަ ވަނައިގައި އޮތީ 13 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ދެ ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި އިބްރާހިމް ލެބީ އެވެ. ސިއެރަ ލިއޯންގެ މިޑްފީލްޑަރު ލެބީ މި ލަނޑު ޖެހީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގަ އެވެ. އެ ގޮތުން، އީގަލްސްގެ ޒައިން ޒަފަރު ނެގި ހުރަހެއް ޓީސީގެ އަބްދުލްވާހިދު އިބްރާހިމް (ވާޑު) ފައިގައި ޖެހިފައި އައި ވަގުތު ހޯދައި، ލެބީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އީގަލްސް އިން ދެ ވަނަ ލަނޑު ޖެހީ ޒައިން އެވެ. މިއީ، އީގަލްސްގެ ފޭދޫ އިއްބެ ޓީސީގެ ދެ ކުޅުންތެރިން ނައްޓާފައި މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޒައިން ޖެހި ގޯލެކެވެ.
މެޗުގައި ލަނޑެއް ޖަހަން ޓީސީ އިން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވި އެވެ. މި މެޗުގެ ނަތީޖާއާ އެކު، ޓީސީ ލީގުގެ ހަތް ވަނައިގައި އޮތީ 13 މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
އީގަލްސް އިން ޓީސީ ވެސް ބަލިކޮށް ފޯމަކަށް އީގަލްސް އިން ޓީސީ ވެސް ބަލިކޮށް ފޯމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ