އެފްކޮން: ކުއާޓާގެ ފަހު ދެ ޖާގަ އައިވަރީ ކޯސްޓާއި އަލްޖީރިއާ އަށް އެފްކޮން: ކުއާޓާގެ ފަހު ދެ ޖާގަ އައިވަރީ ކޯސްޓާއި އަލްޖީރިއާ އަށް

ރަބަތު، މޮރޮކޯ (ޖެނުއަރީ 7) - މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ އައިވަރީ ކޯސްޓާއި އަލްޖީރިއާ އަށް ހޯދައިފި އެވެ.
ގަދަ 16 ބުރުގައި ރޭ ކުޅުނު ފަހު ދެ މެޗުގައި، އަލްޖީރިއާ އިން ކޮންގޯ އަތުން މޮޅުވީ 1-0 އިންނެވެ. އަދި، އައިވަރީ ކޯސްޓުން ވަނީ 3-0 އިން ބުރްކީނާ ފާސޯ އަތުން މޮޅުވެފަ އެވެ.
މޯލޭ ހަސަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ކޮންގޯ އާއި އަލްޖީރިއާ އަށް މެޗުގެ ފުރިހަމަަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ވެސް ފަހު ވަގުތާ ހަމައަށް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަލްޖީރިއާ އަށް 119 ވަަނަ މިނިޓްގައި ޖެހީ، އާދިލް ބޫލްބީނާ އެވެ.
އަލްޖީރިއާ އިން ކުއާޓާ ފައިނަލުގައި ކުޅޭނީ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމު ކަމަށްވާ ނައިޖީރިއާއާ އެވެ.
އައިވަރީ ކޯސްޓުން ރޭ ވަނީ ފަސޭހަކަމާ އެކު، ބުރްކީނާ ފާސޯގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވެސް އައިވަރީ ކޯސްޓުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، 20 ވަަނަ މިނިޓްގައި، އަމަދު ޑިއާލޯ ވަނީ އައިވަރީ ކޯސްޓަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ 12 މިނިޓް ފަހުން، އަމަދު ތަނަަވަސްކޮށްދިން ފުރުސަތެއްގައި، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޔަން ޑިއޮމަންޑޭ އެވެ.
މެޗުގައި އައިވަރީ ކޯސްޓުގެ ފަހު ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް، ބަޒޫމާނާ ޓޫރޭ އެވެ.
އައިވަރީ ކޯސްޓުން ކުއާޓާ ފައިނަލުގައި ކުޅޭނީ، މިސްރާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗުގައި، މާލީން ކުޅޭނީ ސެނެގާލާ އެވެ. އަދި، މުބާރާތް ބާއްވާ މޮރޮޮކޯ އިން ބައްދަލުކުރާނީ ކެމަރޫންއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ