އިންޑިއާގެ ކްރެޑިޓްލައިންގެ ދަށުން 7،000 ފްލެޓް އަޅަން އޮތް ބިން ޗައިނާ ކުންފުންޏަކަށް ވިއްކި ކަމަށް ތުހުމަތުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލޭގައި 7،000 ފްލެޓް އެޅުމަށް ފައިނޭންސް ހޯދައި އެ މަޝްރޫއު ހިންގުމަށް ހުޅުމާލެއިން ކަނޑައެޅި ބިމެއް މި ސަރުކާރުން ޗައިނާ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަފޫރު އެގޮތަށް ތުހުމަތު ކުރެއްވީ، ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ގަފޫރު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއްގައި ވެސް ގެންދަނީ އޮޅުވާލަމުން ކަމަށާއި ރައްޔިތުންގެ ފައިދާއަށް ކަންކަން ކުރާ ތަނެއް ނުފެންނަ ކަމަށެވެ. އަދި ވައުދުވީ އެއްކަމެއް ވެސް ނުފުއްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އެއް ކަމެއްގެ ވާހަކަ ދަންނަވާލާނަން. އަޅުގަނޑުމެން [ސޯލިހްގެ ސަރުކާރުގައި]  200 މިލިއަން ޑޮލަރު އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހަމަޖައްސާފައިވާ، 7،000 ފްލެޓް އަޅަން އޮތް ބިން، ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް އެ އޮތީ ވިއްކަލާފައި،" ޗެނަލް ޕާކް ސަރަހައްދުގައި އޮންނަ ބިމާ ބެހޭ ގޮތުން ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު މާލޭގެ އަވަށްތަކުގައި ބޭއްވި ބައްދަލުވުމުގައި ވެސް %90 ރައްޔިތުން ހިޔާލު ފާޅު ކުރެއްވީ ބޯހިޔާވަހިކަން ބޭނުންވެގެންނެވެ. ނަމަވެސް އެ ބިން ވިއްކާލުމަކީ އެ "ރައްޔިތުންނަށް މި ސަރުކާރުން ދިން ޖަވާބު" ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ފުންކޮށް ވިސްނަވާ، އެ އޮތީ އެ ބިން ވިއްކާލާފައި. އެއީ މި ސަރުކާރުން [ރައްޔިތުންނަށް] ދިން ޖަވާބު. އެއީ، އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ދެ އިންތިހާބު އެއްކޮށްލާ ވާހަކަ ދައްކާ އިރު، އިންތިހާއަށް ބޭކާރު ގޮތުގައި ސަރުކާރު ހަރަދު ކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
އެމެރިކާގައި 4،000 ސިޔާސީ މުވައްޒަފުން ތިބި އިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 4،100އަށް އަރާ
އެ މުވައްޒަފުންގެ މުސާރައަށް ކޮންމެ މަހަކު 160 މިލިއަން ރުފިޔާ ހަރަދު ކުރަމުން އެބަ ގެންދޭ. އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ
އޭގެ އިތުރުން، ގަފޫރު ވިދާޅުވީ މި ސަރުކާރުން އިންތިހާއަށް ދަރަނި ނަގަމުންދާ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވީ ފައިދާއެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި  އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ސޯލިހްގެ ސަރުކާރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި؛ މި ސަރުކާރުން ނެގި ދަރަނިތަކާ އެކު މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނީ 168 ބިލިއަން ރުފިޔާގައި
އޭގެ އިތުރުން، މިދިޔަ އަހަރަށް މަޖިލީހުން ފާސް ކުރި 54 ބިލިއަން ރުފިޔާއިން ރައްޔިތުންނަށް ވީ ކަމެއް ރައްޔިތުން ސުވާލު އުފައްދަން ޖެހޭ؛ މި ފަހަރު ފާސްކުރި 164 ބިލިއަން ރުފިޔާގެ ބަޖެޓުން ލިބޭނީ ކޯއްޗެއްތޯ ވެސް ރައްޔިތުން ވިސްނަން ޖެހޭ
"ދައުލަތުގެ މުޅި ދަރަނީގެ %28އަކީ މި ސަރުކާރުން އުފެއްދި ދަރަނި. ވޭތުވެ ދިޔަ ހަ ސަރުކާރުގައި ވެސް މި ސަރުކާރުން ދަރަނި އުފައްދައިފި،" އެމްޑީޕީ ސަރުކާރުގައި ދަރަނި ނެގީ ކޮވިޑް ހާލަތުގައި އާމްދަނީ ލިބުން ހުއްޓިގެންކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ