ހޮރްމޫޒް ކަނޑުއޮޅި ވަރަށް އަވަހަށް ހުޅުވާލާނެ: ޓްރަމްޕް

ހޮރްމޫޒް ކަނޑުއޮޅި ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އީރާނުގެ މަންދޫބުންގެ މެދުގައި ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ކުރިން، ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެކަން ފާހަގަކުރައްވަމުން ޓްރަމްޕު ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ކުރާނެ ކަންކަމުގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށެވެ.
ޓްރަމްޕު ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ވިސްނުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމުގައިވިޔަސް، އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި އީރާނުން ފީ ނަގާނެ ކަމުގެ އިޝާރާތެއް ދީފައިވާތީ، ޓްރަމްޕް ވިދާޅުވީ އެފަދަ ”ޓޯލް ބޫތު“ ނިޒާމެއް ހިންގުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށެވެ.
މެރީލޭންޑްގައި އެއާފޯސް ވަން އަށް އެރުމުގެ ކުރިން ވާހަކަދައްވަކަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައިވެސް އެންމެ އިސްކަމެއް ދޭނީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ލިބިއްޖެނަމަ، ހޮރްމޫޒް ކަނޑުއޮޅި ”އޮޓޮމެޓިކުން“ ހުޅުވިގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ