މި ސަރުކާރުން ބޯހިޔާވަހިކަން ސިޔާސީ ކަމެއްގެ ގޮތުގައި ނުނަގަން: މުއްތަލިބް

އަދުގެ ސަރުކާރުން ޤަބޫލުކުރަނީ ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށްޓަކާ ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ކަމަށާއި، އެއީ ސިޔާސީ ކަމެއް ނޫންކަމަށް ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅޫވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތްކުރުމަށް ނިންމި ހައުސިން ޔުނިޓްތަކުގެ ތެރެއިން ޗައިނާގެ ބީޔޫސީޖީ އާ ހަވާލުކުރި ޔުނިޓްތަކުގެ އަމަލީ މަސައްކަތް ރޭ ވަނީ ފަށާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ސިޔާސީ ކަމެއްގެ ގޮތުގައި ބަދަލުގައި އިންސާނިއްޔަތަށް ކޮންމެހެންވެސް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. ވަޒީރު ވިދާޅުވީ، މި ބީދައިން ބަލާނަމަ، މަގާމުގެ ހައިސިއްޔަތުން، ނިކަމެތި ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަކީ  ޒާތީ ކަމެއް ކަމަށެވެ. މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެއް ޕްރޮގްރާމަކަށް އަދި އެއް އުސޫލަކުން ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މުޖުތަމައުގެ އެކި ގިންތިތަކަށް އަމާޒުކޮށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނޭކަމަށެވެ.
ވަޒީރު ވިދާޅުވީ ފްލެޓްތައް އަމިއްލަ ކުރެވޭނޭ މޮޑެލް އެއްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އިމާރާތް ކުރުން ފެށިފައިމިވަނީ، ހިތްދަތި ނިކަމެތި ހާލުގައި އުޅޭ އާއިލާތަކަށް ހާއްސަ އުސޫލަކުން އިސްކަންދީގެންކަމަށެވެ.
ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފްލެޓް ނުލިބޭ ފަރާތްތައް. ބައެއްފަހަރު އެ ފަރާތްތަކަށް އުސޫލުތަކެއް ނޭނގޭ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތަކެއް ހަމައެއް ނުކުރެވޭ. ވަރަށް ގިނަ ފަހަރަކަށް އެފަދަ ފަރާތްތަކަކީ ބާކީ ވެގެންގޮސް ސިސްޓަމްގެ ހަވާސާއަށް ކޮއްޕާލާފައިވާ ފަރާތްތަކަށް ވާތީ، ދިރިއުޅުމުގެ ދަތިކަމާއެކު އެފަދަ ޕްރޮގްރާމަކަށް އެދި ފޯމްލުމަކީވެސް އޮންނާނީ ނުވާވަރު ކަމަކަށް ވެފައި. އެންމެ ނިކަމެތި ފަރާތްތަކަކީ، އެންމެ ނުފެންނަ ފަރާތްތައް
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް
ވަޒީރު ވިދާޅުވީ މި ސަރުކާރު ނިކަމެތި ރައްޔިތުންގެ ނިކަމެތިކަމުގައި ބައިތިއްބައި، އެންމެ ފަގީރު އެންމެ ނިކަމެތި ފަރާތްތައް ބާކީކޮށްފައި ނުބައިތިއްބާނޭކަމަށެވެ. އެގޮތުން ފޯމެއް ނުފުރިގެން ނުވަތަ ލިޔުމެއް ނުލިބިގެން ފްލެޓަށް ނުލެވިފައިތިބޭ ތިބުން ބަދަލުކުރާނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޒިންމާއަކީ އެމީހުންނަށް އެހީތެރިވުނ ކަމަށާއި، ސަރުކާރުގެ މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތައް ހޯދާ، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ދޫކުރާ ބޯހިޔާވިކަމުގެ ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކުރީ ފަހަރުތަކާ ހިލާފަށް ޕޯޓަލް މެދުވެރިކޮށް ފޯމް ފުރިހަމަކުރަން މިފަހަރު ނިސްބަތުން ވަރަށް ފަސޭހަކަމަށް ބައެއް ފަރާތްތަކުން ވަނީ ފާަހަގަކޮށްފައެވެ. 
ބީއެމްއެލުން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ޗައިނާގެ ބީސީޖީޔޫ އާ ހަވާލުކޮށްފައިވަނީ، 1،190 ހައުސިން ޔުނިޓްގެ މަސައްކަތެވެ. މި މަސައްކަތް 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިމޭނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ