އީރާންގެ ރައްޔިތުން ފެނަށް ޖެއްސުމުގެ ބިރުވެރި އިންޒާރު

އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ޤައުމުގެ ސާފު ފެން އުފައްދާ ނިޒާމަށް ޙަމަލާދީ، ސުންނާފަތިކޮށްލާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ފަށްޓަވާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އޭނާ ބޭނުންފުޅުވާ ކަންކަމަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އެ ޤައުމުގެ ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓުތަކާއި އިންޖީނުގެތައް ސުންނާފަތި ކޮށްލައްވާނެ ކަމުގައެވެ.
ޓްރަމްޕްގެ މި ނުރައްކާތެރި އިންޒާރަކީ ހަނގުރާމައިގެ ޤާނޫނުތަކުގައި ކަނޑައެޅިގެން މަނާކޮށްފައިވާ "މުޅި ޖަމާޢަތަކަށް އަދަބު ދިނުމުގެ" ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، ޤާނޫނީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައިނަލްއަޤުވާމީ ޤާނޫނީ މާހިރު ޔުސްރާ ސުވަޔިދީ ވިދާޅުވީ، އީރާން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެ ޤައުމުގެ ހުރިހާ ޢާންމު ރައްޔިތުންނަށް ގަސްދުގައި އަނިޔާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް ކަމުގައެވެ. އެހެން ދާރިސެއް ކަމުގައިވާ ރާއިދު ޖައްރާރު ސިފަކުރެއްވި ގޮތުގައި، މިއީ ހަނގުރާމައިގެ ޖަރީމާއެއް ހިންގަން އުޅޭކަމުގެ "ޞަރީޙަ" ހެއްކެކެވެ. މީގެ އިތުރުން ހަތަރުވަނަ ޖެނީވާ ކޮންވެންޝަނުން ވެސް މި ފަދަ ބިރުދެއްކުމުގެ އަމަލުތައް މަނާކުރެއެވެ.
ޓްރަމްޕްގެ މި އިންޒާރަކީ އީރާނުގެ ތެޔޮ ވަޅުތަކާއި، ކަރަންޓު ވިއުގައިގެ އިތުރުން ޚާރިގް ރަށަށް އަމާޒުކޮށްދީފައިވާ އިންޒާރެކެވެ. ވަކިން އޮންނަ ރަށެއް ކަމުގައިވާ ޚާރިގަކީ އީރާނުގައި އުފައްދާ ތެޔޮ ބޭރުކުރާ މައި މަރުކަޒެވެ. އެ ފަދަ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާދީފި ނަމަ، ހަސްފަތާލުތަކުގެ ޚިދުމަތް ހުއްޓި، ޞިއްޙީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އިންޒާރު ކުރިއެވެ.
އީރާނުގެ އޮފިޝަލުން އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމަށް އިންކާރުކުރަމުންދާއިރު، ޓްރަމްޕް ވަނީ އޭޕްރީލް 6 ގެ ކުރިން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް މުހުލަތެއް ދެއްވާފައެވެ. އެމެރިކާއިން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރާނެ ކަމުގައި ވައިޓް ހައުސްއިން ބުނި ނަމަވެސް، ޓްރަމްޕްގެ އިންޒާރަކީ އީރާނުގެ ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤަށް އަރައިގަތުމަށް ދީފައިވާ ހާމަކަން ބޮޑު އިންޒާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ