ގުޅިގެން ލިބުނު ގޯތި ދޫކޮށްލުމުން ވަކިން ގޯތި ލިބޭ ސްކީމަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 'ބިންވެރިޔާ ހާއްސަ ސްކީމު'ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ފޯމު ހުށަހަޅަން ޖެހޭނީ 'ބޯހިޔާވަހިކަން ޕޯޓަލް' މެދުވެރިކޮށް ކަމަށެވެ.
ތަފްސީލް - 'ބިންވެރިޔާ' ސްކީމުގެ ދަށުން އެހެން ފަރާތަކާ ގުޅިގެން ފޯމު ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ފޯމުގައި ގުޅިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާ ނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް އުސޫލެއް ވަނީ އެކުލަވާލައިފަ އެވެ.
މި އުސޫލުގެ ދަށުން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވޭ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ އެވެ.
ބިންވެރިޔާ ހާއްސަ ކެޓަގަރީން ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ. ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ.
 މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ:
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން އެހެން ފަރާތަކާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް
ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ޝަރުތު ހަމަނުވި މީހުންނަށް ވެސް މި އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ އެވެ. އަދި ބިންވެރިޔާ ސްކީމުން ގޯތި ބިފައިވާ މީހުންގެ ތެރެއިން އެ ގޯތި ހަވާލުކޮށްފައިވާ އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވާ މީހުންނަށް ވެސް އާ އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
މި އުސޫލުގެ ދަށުން ގޯތީގެ އެލޮކޭޝަން ހެދުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާނީ، ޝަރުތު ހަމަވާ މީހުންގެ އަދަދަށާއި ދޫކުރާ ގޯތީގެ އަދަދަށް ބަލާ ހައުސިން މިނިސްޓްރީން ކަމަށް އުސޫލުގައިވެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހަޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ