ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު: 'އެއީ ނިދީގައި ހަނދަށް އެރުވި ކުލަ ނެތް ހުވަފެނެއް'

ރައީސް މުހައްމަދު މުއިއްޒު މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނަކީ ނިދީގައި ހަނދަށް އެރުވި ކުލަ ނެތް ހުވަފެނެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން މިއަދު އެ އެ ބަޔާނަށް ރައްދު ދީފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ފެބްރުއަރީ މަހު މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ރިޔާސީ ބަޔާން އިއްވާފަ އެވެ. އަދި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވާފަ އެވެ.
ތަފްސީލު - ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ، އޭރަކު ހުންނަ ރައީސަކު ކޮންމެ އަހަރަކު ގައުމުގެ ހާލަތު ބަޔާންކޮށް އިއްވާ ބަޔާނެކެވެ. ނާޒިލްގެ ރައްދުގައި ވިދާޅުވީ، ރައީސްގެ ބަޔާނުން ގައުމުގެ ހާލަތު ބަޔަންކޮށްދެއްވާފައިވާ ނުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ކުރަން ފެންނަ ކަންކަން އެ މަނިކުފާނަށް ވިދާޅުވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ، 2026ގެ ރިޔާސީ ބަޔާނަކީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް،" ރައީސް މުއިއްޒު މަޖިލީހުގައި އިއްވެވި ފުރަތަމަ ދެ ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވައި މިއަހަރު އެ މަނިކުފާނުގެ ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވި އެވެ.
އޭގެ ސަބަބެއް ކަމަށް ނާޒިލް ވިދާޅުވީ:
ރައީސް އިއްވެވި ފުރަތަމަ ދެ ރިޔާސީ ބަޔާނުގައި ހުރި "ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން" މިފަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއްވާފައި އޮތުމުން؛ އޭރު ކުރައްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ނުކުރެވި، އާ ތާރީހުތަކެއް ދެއްވި
އާސަންދަ ރީފޯމް ކުރާނެ ކަމަށް އިއުލާންކުރި ފަހުން، އެ ހިދުމަތް އެތައް ގުނައެއް ދަށަށް ގޮސްފި
ޔޫރަޕުން މޮޅު ބޭސް ގެންނާނެ ކަމަށް އިއުލާން ކުރިތާ ދެ އަހަރުވީއިރު، ކުރިން ލިބެމުން އައި ބޭސް ވެސް މިހާރު ނުލިބޭ
"'ފެންވަރު އޮޅުނީތޯއޭ ނިދީގައި ގޮސް ހަނދަށް އެރީ' މި ޅެމުގައި ޝާއިރު އެ ވިދާޅުވާހެން، ތިޔަ ކުލަ ނެތް ހުވަފެންތައް ދެއްކެވުން ހުއްޓާލައްވައި އަސްލު މަސައްކަތްތައް ފޯކަސް ކުރައްވާށޭ،" ނާޒިލް ވިދާޅުވި އެވެ.
ރައީސްގެ ރިޔާސީ ބަޔާނަށް ނާޒިލް ރައްދު ދެއްވަމުން ގެންދެވިއިރު، ޕީއެންސީގެ ބައެއް އިސް މެންބަރުން ގެންދެވީ މަޖިލިސް ތަޅުމުގައި އިހްތިޖާޖު ކުރަމުން އެވެ. އަދި ނާޒިލް ހަދަނީ "ދޮގު" ކަމަށް ވިދާޅުވެ، އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.
"ބަންކަރިން ހިދުމަތުން ލިބޭނެ ކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރާއި ހުޅުލެ އާއި ހުޅުމާލެ އާއި ފުލްމޫން ރިސޯޓާ އެކު މޮނެރެއިލްއަކުން ގުޅާލައިގެން ފުނަދޫގައި ހަދާ ފައިނޭންޝަލް ސެންޓަރާއި މާލެ އާއި ރަސްމާލެ ގުޅާލާ އަންޑަވޯޓާ ޓަނަލުން ދަތުރު ކުރާއިރު ފެންނަ ހިތްގައިމު މަންޒަރުތަކާއި އިގްތިސާދީ އެކި ކުލަކުލައިގެ ސިގްނަލްތަކުގެ ތަފްސީލު މިފަހަރުގެ ރިޔާސީ ބަޔާނުގައި ނެތީތީ އަޅުގަނޑު ހިތާމަ ކުރަން،" ނާޒިލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްް ކުރިއިރު، އެއީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، "އެ ބަޖެޓުން ބޯހިޔާވަހިކަން ދެވުނު އެއްވެސް ރައްޔިތެއް ނެތް" ކަމަށެވެ. އަދި ސޮއިކޮށް ބިންގާ އެޅި މަޝްރޫއޫތައް ވެސް ކުރިއަށް ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިސާލަކަށް ބ. އޭދަފުށި 1،000 ފްލެޓް އަޅަން ސޮއިކޮށް ބޮޑު ރަސްމިއްޔާތެއް ބޭއްވި ފަހުން ތިން އަހަރު ވަނީ. އެ ރަށުގެ ރައްޔިތުން ހެކިވާނެ އެއްވެސް މަސައްކަތެއް ނުހިނގާކަން،" ނާޒިލް ވިދާޅުވި އެވެ.
އެއާ އެކު، އޭނާ ވިދާޅުވީ:
މިދިޔަ އަހަރުގެ ބަޖެޓުގައި "ބޯހިޔާވަހިކަމަށް ހާއްސަ ކުރި 2.68 ބިލިއަން ރުފިޔާ ހުސްކޮށްފި"
އެ ފައިސާ ނަގައިގެން ކުރީ ކޮން ކަމެއްތޯ ސުވާލު އުފެއްދެވި
ރައީސް ދެއްކެވި އިގްތިސާދީ ވާހަކަތަކަށް އަލިއަޅުވާލައްވަމުން ނާޒިލް ވިދާޅުވީ، މި ސަރުކާރަކީ ކުރީގެ ސަރުކާރުން ލޯނުތައް ނެގި ކަމަށް ބުނެ ފާޑުކިޔަމުން ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގައި ދަރަނި ނުނަގާ ވަރަށް މި ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރަނި ދައްކަން ވެސް ދަރަނި އެބަ ނަގާ. ދަރަނި ނަގައިގެން ކުރާ ކަމެއް ފެންނާކަށް ނެތް،" ނާޒިލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވޭ
ހަރަދު ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ދީފާވާ ލަފައާ އެއްގޮތަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ ތަނެއް ނުފެނޭ؛ މިނިސްޓްރީތަކުން ބައެއް މީހުން ވަކިކޮށް، ސަރުކާރު ކުންފުނިތަކަށް ނެގި މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައި
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ މިހާރުގެ ބެލެންސް، ބޭނުންކުރެވޭ ރިޒާވް، ޖުމްލަ ރިޒާވް އަދި ފޮރިން އެކްސްޗޭންޖު ރިޒާވް ހުރި ފައިސާގެ ތަފްސީލު ވަކިކުރަން ރައްޔިތުންނަށް އެއްފަހަރާ ހާމަކޮށްދިނުމަށް ގޮވާލެއްވި؛ މިހާރު އެކަމާ ގުޅޭ ހިސާބުތައް ހާމަ ކުރަމުންދަނީ އޮޅުވާލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ