މާދަމާ އޮންނަ 3 އިންތިޚާބުގައިވެސް ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެވެ.
މި އިންތިޚާބުގައި ވޯތުލުމުގެ ޙައްގު ލިބިފައިވާ ދެލައްކަ ދުވަދިހާ ހާހަށްވުރެ ގިނަ މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ޤައުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ.
އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުއްމީދު މިކުރަނީ މީގެތެރެއިން ބޮޑު ޕަސެންޓެއް ނިކުމެ ރައްޔިތުން ނިންމުމަށް، ގޮތް ނިންމުމުގައި، ދައުލަތް ހިނގުމުގައި، އެންމެ އިސްކޮށް ތިބޭ ފަރާތްތަކާއި ދައުލަތުގެ އެކިއެކި ނިޒާމުތަކާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަށް، ރައްޔިތުން ރުހޭގޮތް، ރައްޔިތުންނަށް ފެންނަ ގޮތް ބުނެދިނުމަށް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ލައްވާނެކަމަށް." ޒާހިދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ 294،876 މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބުގެ އަމާންކަން ކަށަވަރުކުރުމަށްކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ހުކުރު ދުވަހުގެ އިރުއޮއްސި 6 އިން ފެށިގެން މިހާރު ފަށާފައިވާކަމަށެވެ.
"އޮޕަރޭޝަން ބްލޫރޭ މިހާރުމިވަނީ ފެށިފައި، އަޅުގަނޑުމެންގެ ޒިންމާއަކީ އިންތިޚާބުގެ ކަންތައްތައް ހިނގަމުންދާއިރު، އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން. އަދި އެތަނުގައި ބޭނުންކުރަ ވަޞީލަތްތައްކުގެ ރައްކާތެރިކަން ބެލެހެއްޓުމާއި އާންމުން ވޯޓުލާންދާއިރު އެތަނުގައި އެފަދަ މާޙައުލެއް ޤާއިމުކޮށްދީފައި ބޭއްވުން." ސަމީރު ވިދާޅުވިއެވެ.
ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާންމާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8000 އަށްވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވަމުންދާނެއެވެ.
ވޯޓުލާ ވަގުތު ދިމާވެދާނެ މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކޮށް ވޯޓުލުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 119 ކޯޑިނޭޝަން ސެންޓަރުން އެވަގުތު މަސައްކަތްކުރާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.
ވީހާވެސް ގިނަ މީހުން ވޯޓުލުމަށް ނިކުތުމަށް އިލެކްޝަނުން އިލްތިމާސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ