ގަދަ ފިންޏާއި ހައިހޫނުކަމުގައި ޣައްޒާގެ ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވަނީ
ޣައްޒާ (22 ޑިސެމްބަރު 2025): ފިނިމޫސުމުގެ ގަދަފިނީގެ ސަބަބުންނާއި ކާބޯތަކެތި ނުލިބި ހައިހޫނުކަމުގެ ސަބަބުންނާ އަދި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން ޣައްޒާގެ އިތުރު ކުޑަކުދިންތަކެއް މަރުވެއްޖެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ އިދާރާއިން ބުނީ، ފިނިމޫސުމުގެ ގަދަފިނީގެ ސަބަބުންނާއި ކާބޯތަކެތި ނުލިބި ހައިހޫނުކަމުގެ ސަބަބުން މިދިޔަ ހަފުތާގައި 16 ކުއްޖަކު މަރުވެފައިވާ ކަމުގައެވެ. ފާއިތުވި ދޮޅުމަސް ތެރޭގައި މިކަންކަމުގެ ސަބަބުން ޣައްޒާގައި މަރުވި ކުޑަކުދިން އަދަދު 40 އަށް އަރާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އިންސާނީ އެހީގެ ދާއިރާގައި ޣައްޒާގައި މަސައްކަތްކުރާ އޮކްސްފާމްއާއި ޑޮކްޓާސް ވިތުއައުޓް ބޯޑާސް ފަދަ ޖަމާއަތްތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޮކްސްފާމްއާއި ޑޮކްޓާސް ވިތުއައުޓް ބޯޑާސް އަދި ޔުނިސެފް ބުނާގޮތުން ޣައްޒާގައި ތުއްތު ކުދިން މަރުވާ މައިގަނޑު ތިން ސަބަބަކީ ގަދަފިންޏާއި ކުޑަކުދިންނަށް ބޭނުންވާ ކާނާއާއި ހިޔާވަހިކަން ނުލިބުމެވެ. ޣައްޒާގެ މަންމައަކު އޭނާގެ މަރުވެފައިވާ އޭނާގެ ދަރިފުޅުގެ ގައިގާ ބޮސްދެނީ ކާޑުބައްޔާއި އެ ނޫން ބަލިތަކަށް ތުއްތު ކުދިން ހުށަހެޅެނީ ގަދަފިނިން ރައްކާތެރިކަން ލިބޭނެ ހިޔާވައްސާއި ރަޖާއަދި ހީޓަރުފަދަ ވަސީލަތްތައް ނުލިބުމާއި ކުޑަކުދިން ހެދިބޮޑުވުމަށާއި އެ ކުދިން ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ ކާނާއާއި ބޭސް ފަރުވާ ނުލިބިގެންނެވެ. އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި އެތައް ވަސީލަތްތަކެއް ބޭނުންކުރާކަން އދ. ގެ ތަޖުރިބާކާރުންގެ ރިޕޯޓްތަކުންވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ޣައްޒާގެ އާންމުން ދިރިއުޅޭތަންތަނަށް އަމާޒުކޮށްގެން ބޮންއަޅައި އާންމުން މެރުމާއި އިންސާނުން ދިރިއުޅުމަށް ބޭނުންވާ ގެދޮރާއި ހޮސްޕިޓަލްތަކާއި ސާފު ބޯފެނުނުގެ ވަސީލަތްތައް ނައްތާލުމާއި ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުން ހިމެނެއެވެ. ޣައްޒާއަށް ވައްދާ މަދު ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ކާބޯތަކެތި ހޯދުމަށް ދާ މީހުންގެ ގަޔަށް ބަޑިޖަހައި އެ މީހުން މެރުމަކީ ވެސް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައި ހިމެނޭ ބައެކެވެ. ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ ގަޔަށް ބަޑިޖަހައި އެ މީހުން މެރުމުގައި އިސް ދައުރެއް އަދާކުރާކަމަށްވަނީ ޣައްޒާގައި އުޅޭ ހަމާސް ޖަމާއަތާ އިދިކޮޅު ގޭންގްތަކުގެ މީހުންނެވެ. މި ގޭންގްތަކަކީ އިސްރާއީލުން ފައިސާ ދީގެން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ގޭންގްތަކެއް ކަމަށް ޣައްޒާގެ ސަރުކާރުން ބުނެއެވެ. މި ގޭންގްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާކުރާ ކަމަށް ވަނީ އިސްރާއީލު ސިފައިންގެ ޖާސޫސީ ޔުނިޓްތަކުންނެވެ. ޣައްޒާގެ އާންމުން ދިރިއުޅޭ ފޭލިގެތައް ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ ގަޔަށް ބަޑިޖަހާ މީހުންގެ ތެރޭގައި އިސްރާއީލު ސިފައިން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިފަދަ ސިފައިން ތިބެނީ ފޮރުވިގެންނެވެ. އިސްރާއީލު ސިފައިންގެ ޔުނިފޯމް ނޫން އެހެން ހެދުންތަކުގައެވެ. ނަމަވެސް، މިފަހަކަށް އައިސް ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ ގަޔަށް ބަޑިޖަހައި މެރުމުގެ ޖަރީމާތައް ހިންގާ މިންވަރުވަނީ ވަރަށް ދަށަށް ގޮސްފައެވެ. އެމެރިކާ މެދުވެރިވެގެން ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެއްބަސްވުމަކަށް ދިޔުމާއެކު އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް، ހަމަލާތަކާއި ގަތުލުއާންމުތައް އެއްކޮށް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް 2،000 އަށްވުރެ ގިނަ ފަހަރު އިސްރާއީލުން ޣައްޒާއަށް ހަމަލާދީ 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފައިވެއެވެ. ޣައްޒާގެ ރައްޔިތުންގެ 95 އިންސައްތަ މީހުން ދިރިއުޅެނީ އާދައިގެ ފޮތި ފޭލިގެތަކުގައާއި ސަތަރީގެ ފޭލިގެތަކުގައެވެ. ފިނިމޫސުމުގެ ގަދަވަޔާއެކު އެފޭލިގެތައް ވަނީ ހަލާކުވެފައެވެ. ފިނި މޫސުމުގެ ވާރެއާ އެކު ފޭލިތަކުގައިވަނީ އެއް ފޫޓަށާއި ދެ ފޫޓަށް ފެންބޮޑުވެފައެވެ. ފެނާ އެކު ދަނީ ކިސަޑު ފައިބަމުންނެވެ. މިއާއެކު ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުންވަނީ އިންސާނުންގެ ޒަމީރަށް ކެތްނުކުރެވޭ ވަރުގެ ވޭންދެނިވި ކަމަކަށް ވެފައެވެ. އިސްރާއީލު ގެންދަނީ ފިނިން ސަލާމަތްވާ ބާވަތުގެ ޒަމާނީ ޓެންޓްތައް ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅަމުންނެވެ. މެޑިކަލް ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ތުއްތު ކުދިން ގިނައިން މަރުވަނީ އެ ކުދިންގެ ހަށިގަނޑުގެ ފިނިހޫނުމިން 35 ޑިގްރީއަށްވުރެ ދަށަށް ދިޔުމުގެ ސަބަބުން ދިމާވާ ހައިޕޮތަރމިޔާ ފަދަ ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ