ކަތުމަންޑޫ، ނޭޕާލް (ޖެނުއަރީ 21) - ނޭޕާލުގެ ޕަޓާން ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން އެންގި އެންމެ ފަހުގެ ނޯޓިހާ އެއްގޮތަށް އަމަލުކުރަން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަން (އަންފާ)ގެ އިލެކްޓޯރަލް ކޮމިޓީ އިން ނިންމައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ޕަޓާން ހައި ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ، ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ އަވަސް އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށެވެ. އަދި، ހައި ކޯޓުން ވަނީ މި ކަމުގައި ޝާމިލުވާ ފަރާތްތަކުން މި މަހު 20 ވަނަ ދުވަހު ކޯޓަށް ހާޒިރުވެ، މި ކަމުގައި ދެން ކުރިއަށްދާނެ ގޮތުގެ ފަހުގެ ނިންމުމެއް ކަނޑައަޅަން އަޑުއެހުމެއް ކުރިއަށްގެންގޮސްފަ އެވެ.
އޭއެފްސީ އާއި ފީފާ މެދުވެރިކޮށް ހުއްދަ ހޯދައިގެން، އަންނަ މަހުގެ 11 ވަނަ ދުވަހު އަންފާގެ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އައި ނަމަވެސް، ޕަޓާން ހައި ކޯޓުން ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު، އަންފާގެ އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވި ލިއުމުގައި، އިންހާބުގެ މަސައްކަތް ހުއްޓާލަން އަންގައިފަ އެވެ.
އެއާ އެކު، އަންފާގެ އިލެކްޓޯރަލް ކޮމިޓީން ވަނީ، ކޯޓުގެ ހުއްދައެއް މި ކަމުގައި ލިބެންދެން، އިންތިހާބުގެ ކަންކަން މަޑުޖައްސާލައިފަ އެވެ.
ފީފާ އާއި އޭއެފްސީން އިންތިހާބުގެ މަސައްކަތް ކުރިއަށްގެންދަން، ފެހި ސިގްނަލް ދީފައިވަނިކޮށް، ނޭޕާލްގެ ޕަޓާން ހައި ކޯޓު މެދުވެރިކޮށް އިންތިހާބުގެ މަސައްކަތް ހުއްޓާލަން ޖެހުމާ އެކު، ނޭޕާލްގެ ފުޓްބޯޅަ ހިންގުމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ފޯރި ކަމަށް ބަލައި، ފީފާގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭގައި، ފީފާ/އޭއެފްސީން ނޭޕާލްގެ މި ކަންކަން ވަރަށް ގާތުން ބަލަން ފަށާނެ ކަމަށް ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ކޯޓުން ނޭޕާލް ފުޓްބޯޅަ އިންތިހާބު ހުއްޓުވައިފި؛ ފީފާގެ ސަސްޕެންޝަނަކާ ދިމާލަށް؟ ކޯޓުން ނޭޕާލް ފުޓްބޯޅަ އިންތިހާބު ހުއްޓުވައިފި؛ ފީފާގެ ސަސްޕެންޝަނަކާ ދިމާލަށް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ