ތެލުގެ ދަތިކަމާ ހުރެ، ހަފުތާއަކު 4 ދުވަހު މަސައްކަތްކުރާ ގޮތަށް ލަންކާއިން ނިންމައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސްރީލަންކާގައި ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. ސްރީލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް، ޕްރަބާތު ޗަންދްރަކީރްތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ލަންކާއަށް ތެޔޮ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ގައުމުގެ ރައީސާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެޅި ފިޔަވަޅެކެވެ. މި ނިންމުމުގެ ދަށުން ސްރީލަންކާގެ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ކޯޓުތައް ވެސް ބުދަ ދުވަހު ބަންދުވާނެއެވެ. ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން މި ބަންދުން އިސްތިސްނާވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި، ބަނދަރުތަކާއި، ފެނުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސްރީލަންކާ ކަސްޓަމްސް ހިމެނެއެވެ. މީގެ އިތުރުން، ދަތުރުފަތުރުކުރުން މަދުކޮށް ތެޔޮ ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ބާއްވާ ހުރިހާ ރަސްމިއްޔާތުތަކާއި ހަރަކާތްތައް ވެސް ވަކި ގޮތެއް އަންގަންދެން ވަނީ މެދުކަނޑާލާފައެވެ. ލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީގެ ސެކްރެޓަރީ އެސް އަލޯކާ ބަންޑާރަ ވިދާޅުވީ، ހަފުތާގެ މެދުތެރެއިން ބުދަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ، ހުކުރު ދުވަސް ބަންދުކޮށްފިނަމަ ވިދިވިދިގެން ތިން ދުވަހު އޮފީސްތައް ބަންދުވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބޮޑު ބުރޫއެއް އަރާނެތީ ކަމަށެވެ. ސަރުކާރުގެ އިދާރާތަކެކޭ އެއްގޮތަށް، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް މި އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ވިސްނުމަށް ކޮމިޝަނާ ޖެނެރަލް ވަނީ އެދިވަޑައިގެންފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެޔޮ އުފައްދާ މަރުކަޒުތަކަށް ގެއްލުންވެ، ލަންކާއަށް ވަނީ ތެލުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމާ ގުޅިގެން، ސިލޯން ޗެމްބާ އޮފް ކޮމާސްއިން ވަނީ ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ފިޔަވައި ބޭރު ފައިސާ ގައުމުން ބޭރުކުރުން މަޑުޖައްސާލުމަށާއި، ތެޔޮ ގަތުމަށް ޑޮލަރު އިސްކުރުމަށް ސަރުކާރަށް ލަފާދީފައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ އިގުތިސާދީ ކާރިސާގައި ބޭނުންކުރި "ކިއުއާރު ކޯޑު" މެދުވެރިކޮށް ތެޔޮ ދޫކުރުމުގެ ނިޒާމު އަލުން ތަންފީޒުކުރަން ފަށާފައިވާއިރު، އާ އުޅަނދުތައް އެ ނިޒާމުގައި ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތަކުގައި ވަނީ ކިޔޫތައް ދިގުވާން ފަށާފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، މިކަމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި ސަޕްލައި ޔަގީންކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގައި މި ވަގުތު ހުރީ 70 މިލިއަން ލީޓަރުގެ ޑީސަލް އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށާއި، އެއީ އެންމެ 20 ދުވަހުގެ ސްޓޮކް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު ދިވެހި ސަރުކާރުން އަދި މާ ބޮޑު ފިޔަވަޅުތަކެއް ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރާކަށް ނާޅައެވެ. އެއީ ގޯހެއް ކަމަށް ބުނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިގްތިސާދީ ތަޖުރިބާކާރުން ވެސް އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ