”މައިންބަފައިންނަށް ކަމޭހިތުމަކީ މުޞީބާތްތަކުން ސަލާމަތްވާނެ ކަމެއް؛ އެއީ ދުޢާ އިޖާބަވުމުގެ ސަބަބެއް“

މައިންބަފައިންނަށް ކަމޭހިތުމަކީ އިންސާނާ ދުނިޔަވީ މުޞީބާތްތަކުން ސަލާމަތްކޮށްދޭ، ދިރިއުޅުމުގައި ބަރަކާތް އިތުރުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ މުހިންމު ސަބަބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މަތިވެރިކަމާއި އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ބާއްޖަވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، الله ތަޢާލާ ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައެވެ. ދަރިން ދުނިޔެއަށް އައުމުގެ ސަބަބަކީ އެއީ ކަމުގައިވާއިރު، އެ ދެމީހުންގެ އިޙްސާންތެރިކަމާ އަޅާކިޔޭނެ ފަދަ އެހެން ބަޔަކު ނުވެއެވެ. މައިންބަފައިން ދަރިންނަށްޓަކައި ޖާނާއި މާލުންވާ ގުރުބާނީގެ އަގު ވަޒަންނުކުރެވޭނެކަމަށާއި، އެބަޔަކަށް ހެޔޮކޮށް ހިތުމަކީ އިންސާނީ ބުއްދިވެސް ލާޒިމުކުރާ ކަމެއްކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް ދީފައިވާ މަތިވެރި ދަރަޖައަށް ބަލާއިރު، ކީރިތި ޤުރުއާނުގެ ހަތަރު ތަނެއްގައި الله އަށް އަޅުކަންކުރުމަށް އަމުރުކުރެއްވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި މިއީ ނަބީބޭކަލުންނާއި ޞާލިޙުންގެ މަތިވެރި ސިފައެއްކަމަށާއި، މައިންބަފައިންނަށް ކަމޭހިތުމަކީ ސުވަރުގެއަށް ވާޞިލުކޮށްދޭ މަގުތަކުން މަގެއްކަންވެސް ބަޔާންކުރިއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْوَالِدُ أَوْسَطُ أَبْوَابِ الْـجَنَّةِ، فَإِنْ شِئْتَ فَأَضِعْ ذَلِكَ الْبَابَ أَوِ احْفَظْهُ) މާނައީ: "މަންމައާއި ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. (އެބަހީ: ބައްޕައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ އެންމެ މޮޅު ދޮރުކޮޅުން ވަދެވޭނޭ މަގެވެ.) ފަހެ އެ ދޮރުކޮޅު ނަގައިލުން ނުވަތަ އެއަށް ރައްކާތެރިވުން ވެސް ވަނީ ތިބާގެ އިޚުތިޔާރުގައެވެ."
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވަމުން ޚުތުބާގައި ބުނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ الله ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާ ޢަމަލެއް ކަމަށެވެ. އަދި މުސްކުޅި ޢުމުރުގައި މައިންބަފައިންނާ ބައްދަލުވެ، އެ ދެ މީހުންނަށް ޚިދުމަތްނުކޮށް އަޅައިލައި އޯގާތެރިނުވުމުގެ ސަބަބުން ސުވަރުގެ ނުލިބުނު މީހަކީ ގެއްލި ހަލާކުވެފައިވާ މީހެއްކަމަށްވެސް ޚުތުބާގައި ބުންޏެވެ.
ސަލަފުއްޞާލިޙުންގެ ނަމޫނާ ދައްކަވަމުން، އުވައިސުލް ޤަރްނީގެ ވާހަކަ ޚުތުބާގައި ފާހަގަކުރިއެވެ. އެކަލޭގެފާނަށް މީސްތަކުންގެ މެދުގައި މަތިވެރި ޝަރަފާއި، ދުޢާ އިޖާބަކުރައްވާ ބޭކަލެއްގެ ދަރަޖަ ލިބިވަޑައިގަތީ ހަމައެކަނި މަންމައަށް ކުރެއްވި މަތިވެރި ޚިދުމަތުގެ ސަބަބުންކަން ޚުތުބާގައި ބަޔާންކުރިއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، މައިންބަފައިންނަށް ހަމައެކަނި ފައިސާ ދިނުމަކުން އެމީހުންގެ ޙައްޤު އަދާކުރެވުނީ ކަމަށް ނުދެކުމަށާއި، އެމީހުންނަށް އޯގާތެރިވެ، މާތް ބަހުން ވާހަކަދައްކާ، އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުމުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ