ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އަންހެން ފަތުރުވެރިން!

ރާއްޖެއަށް ޒިޔާރަތްކުރާ އަންހެން ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 611,439 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 592,490 ފަތުރުވެރިންނާ އަޅާ ބަލާއިރު 3.2 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 53.9 އިންސައްތައަކީ އަންހެން ފަތުރުވެރިންނެވެ. އެއީ މުޅި ޖުމްލަ 329،565 ފަތުރުވެރިންނެވެ. އަދި ބާކީ ތިބި 281،873 ފަތުރުވެރިންނަކީ ފިރިހެން ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 45 އަހަރާއި 54 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. މި އުމުރުގެ ފަތުރުވެރިންގެ 13.1 އިންސައްތައަކީ އަންހެން ފަތުރުވެރިންނެވެ. އަދި 9.5 އިންސައްތައަކީ ފިރިހެން ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ އުމުރުން 55 އަހަރާއި 64 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. މި އުމުރުގެ ފަތުރުވެރިންގެ 11.1 އިންސައްތައަކީ އަންހެން ފަތުރުވެރިންނެވެ. އަދި 9.5 އިންސައްތައަކީ ފިރިހެން ފަތުރުވެރިންނެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 16 އިންސައްތައަކީ އުމުރުން 14 އަހަރުން ދަށުގެ ކުދިންނެވެ. އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ފަތުރުވެރިންގެ ނިސްބަތަކީ 14.1 އިންސައްތައެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 91,506 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން 74,453 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 3 ވަނައިގައި އޮތް އިނގިރޭސިވިލާތުން 57,471 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ