މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަށް ބޭނުންވާ ޖާގަ އިތުރުކޮށްދެނީ

މާލޭ ސިޓީ ކައުންސިލުން ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ޖާގަ އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ މާލެސިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު ތާއީދު ކުރައްވާ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރުވަނަ ދައުރުގެ 105 ވަނަ އާންމު ޖަލްސާގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާޤުން ވަނީ އެ ނިންމުން ނިންމާ ފާސްކޮށްފައި ކަމަށެވެ.
އެ ނިންމުން ނިންމާ ފާސްކޮށްފައިވަނީ ސްޓެލްކޯއިން އެކަމަށް އެދި މާލެސިޓީ ކައުންސިލަށް ފޮނުވަފައިވާ ސިޓީއަކާއިގުޅިގެންކަމަށް ވެސް އެކައުންސިލުން ބުނެއެވެ.
Advertisement
ސްޓެލްކޯއިން އެދޭ ފަދައިން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަޖައްސައި ނުދެވިއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ލޯޑް ބޮޑުވެގެން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ސްޓެލްކޯއިން އެދިފައިވާ ސަރަޙައްދުގެ ތަންތަނުން ކަރަންޓް ކެނޑިއްޖެ ޙާލަތެއްގައި އެ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދެވޭނެގޮތެއް ނޯންނާނެ ކަމަށް އެ ސިޓީ ގައި ބުނެފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
އެހެންކަމުން ސްޓެލްކޯއިން އެދިލައްވާފައިވާ ގޮތަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ ކުންފުޏަށް ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަ ޖައްސައި ދިނުމަށް އެދިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އެ ޖަލްސާގައި މިކަމަާއި މެދު ވާހަކަ ދައްކަވަމުން މާލެސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މާލެ ސަރަޙައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުމަށްޓަކައި ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އެކުންފުނިން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ސްޓެލްކޯގެ ހުށަހެޅުން ފާސްކޮށްދީފައިވަނީ އިތުރުކުރި ބައެއް ޝަރުތުތަކާ އެކުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ