އަބްދުﷲ ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ދިވެހި ދައުލަތަށް ގިނަ ޚިދްމަތްތަކެއް ކޮށްދެއްވި ޚިދްމަތްތެރިޔާ ޢަބްދުالله ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ. 
ޢަބްދުﷲ ޖަމީލްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު ޢަޞްރު ނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ. ފަސްދާނުލެވުނީ، ގަލޮޅު ސަހަރާގައެވެ.
އަލްމަރްޙޫމް ޢަބްދުﷲ ޖަމީލުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.  
Advertisement
ޢަބްދުالله ޖަމީލް އަކީ 54 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި މަގާމުތަކުގައި ހުންނަވާ ދައުލަތަށް ގިނަގުނަ ޚިދްމަތްތަކެެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
"ނިޝާން އިއްޒުއްދީންގެ އިއްޒަތް" ގެ ލަޤަަބުވެސް ޢަބްދުالله ޖަމީލަށް އެރުވިފައިވެއެވެ. އެބޭފުޅާއަކީ ދައުލަތުގެ އެކި ވުޒާރާތަކުގައި ވަޒީރުކަން ކުރައްވައި އަދި ރައްޔިތުަންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޢަބްދުالله ޖަމީލަކީ ރާއްޖޭގެ މަޝްހޫރު ޝާއިރު އަދި ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުޙުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލުގެ ބޭބޭފުޅެވެ.
ޢަބްދުالله ޖަމީލް ނިޔާވިއިރު އިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. ޢަބްދުالله ޖަމީލް ނިޔާވީ މިއަދު ހެނދުނު މާލޭގައެވެ.
އަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 
އެގޮތުން ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް ގައުމީ ދިދަ ބައިދަނޑިއަށް ނެގުުމަށްވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ