ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 ޖެހިގެންނެވެ. ކޮވިޑަށް ޕޮޒިޓިވް ވީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތް ފަހުންނެވެ. އަދި މި މަހު 11ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ.
އުމަރު ޒާހިރު އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި މިއަދު މެންދުރު 2:02 ހާއިރު އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ، އުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިހާ ޒާހިރާ ރައީސް ފޯނުން ގުޅުއްވައި، އާއިލާގެ ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ވިދާޅުވި ކަމަށެވެ. އަދި އުމަރު ޒާހިރަކީ، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި އަދި ގައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި އުމަރު ޒާހިރު އަވަހާރަވުމަކީ، މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ރައީސް ވަނީ އުމަރު ޒާހިރުގެ އާއިލާއަށް ލިބުނު ފުން ހިތާމައަށް ކެތްތެރިވުމަށް ހިތްވަރު ދެއްވައިފަ އެވެ.
އުމަރު ޒާހިރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ގައުމަށް މަތީ ހިދުމަތްތަކެއް ކުރެއްވި، ދައުލަތުގެ މަތީ މަގާމްތަކެއް ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަމުގެ ޒިންމާތައް ވެސް އުފުއްލެވި އެވެ. ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގެވުމާއި އެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި އިޖުތިމާއީ އަދި ގައުމީ ވަރަށް ގިނަ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެކެވެ.
ގުޅުން ހުރި ކަމެއް - އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވައިފަ އެވެ.
އިތުރަށް ކިޔާލަން -
ގައުމީ ހިދުމަތްތެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ
އުމަރު ޒާހިރު: މިވަރުގެ ޝަހުސިއްޔަތެއް ރާއްޖޭގައި މަދުވާނެ
އުމަރު ޒާހިރުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ