ސިންގަޕޫރުގެ ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)ގެ ރައީސް އަދި މަހުޖަނު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުނީގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވާ އެންގުމާ އެއްގޮތަށް މިހާތަނަށް ނުދައްކައި ހުރި ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ރައްޔިތުންގެެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ ފަރާތުން ހައިކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުނާފީ މިމައްސަލަ ހުށަހަޅާފައިވީ ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
2009 ވަނަ އަހަރު އިރުފުށި ރިސޯޓު ހަދަން ސަން ކުންފުނިން ހިލްޓަން ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ހަވާލުކުރުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް ހިލްޓަނުން އަމަލުނުކުރާ ކަމަށް ބުނެ ސަންޓްރެވަލުން 2013ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު ހިލްޓަނުންވަނީ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ.
އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ ނ. މެދުފުށީގައި ތަރައްގީކޮށްފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް ހިންގަން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލްސް ކުންފުނިން ބާތިލުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ހިލްޓަނަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކުމުންނެވެ.
އާބިޓްރޭޝަނުން 2015 ވަނަ އަހަރު ސަން ކުންފުންޏާ ދެކޮޅަށް މައްސަލަ ނިންމައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދިނުމަށް އާބިޓަރޭޝަނުން އެންގިއެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަންގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2020 ވަނަ އަހަރު ކޯޓުން ވަނީ ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރުމަށްވެސް އަމުރު ކޮށްފައެވެ.
ސިޔާމް ގެންދަވަނީ ރާއްޖޭގައި ހަތަަރު ޓޫރިސްޓު ރިސޯޓެއް ހިންގަވަމުންނެވެ.
ހިލްޓަންއަށް ފައިސާ ދޭންޖެހޭ މައްސަލަ ސަންއިން އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ