ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އަންގައިފި

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަސައްކަތެއްގައި ބޭރުގެ ކުންފުންޏަކަށް ދީފައިވާ ގިނަ އަދަދެއްގެ ފައިސާ ދައުލަތައް އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް އަންގައިފިއެވެ.
އޭސީސީން ބުނީ ހުޅުމާލޭގައި 690 ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތާގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމްއާރުއީއައިސީ)އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007ވަނަ އަހަރު ދީފައިވާ ފަސްސަތޭކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އަންގައިފައިވާ ކަމަށެވެ.
އޭސީސީން މިގޮތަށް އަންގާފައިވަނީ އެމްޓީސީސީގެ 99.99 އިންސައްތަ ހިއްސާވާ އެމްއާރުއީއައިސީއިން "އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެދޮރު ބިނާކޮށް ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ފަހުގައެވެ.
އައިއެފްސީއޭއަށް ދީފައިވާ ފަސްސަތޭކަ ފަންސާސް ހާސް އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭއިން ހޯދުމަށްފަހު އެމްއާރުއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާކަމާއި، އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީން އެމްއާރުއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.
އައިއެފްސީއޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީއަށް ދީފައިނުވާތީ، މި މައްސަލާގައި ހިމެނޭ ފަސްސަތޭކަ ފަންސާސް ހާސް އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރުއީއައިސީއަށް އޭސީސީންވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ