މައުމޫންގެ 30 އަހަރު މާ ރަނގަޅު ކަމަށް މިހާރު ރައްޔިތުން ގަބޫލުކުރޭ: ނާދިރާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެ މަނިކުފާނު ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވި ގޮތް މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ގަބޫލުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލަން ނިންމި އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
މައުމޫން އިސްވެ ތިންވަނަ އަށް އުފެއްދި ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނާދިރާ ވިދާޅުވީ، އީސީން އެ ޕާޓީ އުވާލީ ސިޔާސީ މަގުސަދެއްގައި ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ. އެކަމަކު، އެ މަގުސަދު ހާސިލުވިޔަ ނުދޭނެ ކަމަށާއި އެ ގޮތަށް ހީކުރުމަކީ ވެސް "ވަރަށް ބޮޑު ގޯހެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
ނާދިރާ ވިދާޅުވި ގޮތުގައި، އީސީން އެމްއާރުއެމް އުވާލަން ނިންމީ މައުމޫންގެ ވެރިކަން މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ބުނާތީ އެ ޕާޓީ އަށް އޮތް ތާއީދު ފަނޑުކޮށްލުމަށެވެ.
"މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ. އެ ކަން ހުއްޓުވޭނީ ވެސް މި ކަހަލަ ކަންކަން ކޮށްގެން ކަމަށް ހީވާ ނަމަ އަޅުގަނޑު ދަންނަވާނީ އެކަމެއް ނުހުއްޓޭނެއޭ،" ނާދިރާ ވިދާޅުވި އެވެ.
"އިސްލާހު ކުރަން ނިކުމެ މި ތިބީ. އިސްލާހު ކުރާނަން، އިސްލާހުކޮށްފައި ނޫނީ ގެއަކަށް ވެސް ނުވަންނާނަން."
އެމްއާރުއެމް އުވާލަން ނިންމުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއާރުއެމް
ނާދިރާ ތުހުމަތު ކުރެއްވި ގޮތުގައި، އީސީން ޒިންމާދާރު ކަމާއެކު އެއްވެސް މަސައްކަތެއް މިހާރު ނުކުރެ އެވެ. އެކަން ހުރިހާ އެންމެންނަށް ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ކަންކަން ރަނގަޅަށް ނުދާ ކަމަށާއި އެމްއާރުއެމް އުވާލިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.
"2018 ގައި އަޅުގަނޑުމެން ވެރިކަން ބަދަލުކުރީ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އިސްލާހުކުރުމަށްޓަކައި. މިއަދު ރައްޔިތުން އެބަ ސުވާލު އުފައްދާ ރަނގަޅުވެއްޖެ ހެއްޔޭ. ގިނަ ރައްޔިތުން ބުނަނީ ރަނގަޅެއް ނުވެއޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަން އީސީން އިއުލާންކުރީ މިއަދެވެ. އެގޮތަށް ނިންމީ އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަކުރަން ތިން ފަހަރު ނޯޓިސް ފޮނުވުމުން ވެސް އެކަން ނުކުރުމަށް ކަމަށް އީސީން ބުންޏެވެ.
އެކަމަކު، އެމްއާރުއެމުން ބުނަނީ އީސީގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. އެހެންވެ، އެ ނިންމުން މުރާޖައާ ކޮށްދޭން އީސީގެ ރައީސް ފުއާދު ތައުފީގަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ