ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު، ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި ފަށާނެ ކަމަށާއި އެއަށްފަހު، މި މޫސުމުގެ އަސަރު މެދުރާއްޖެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެ ކަމަށާއި މެދުރާއްޖެއަށް ފެށުނީ މިއަދު ކަމަށް ވެސް އެ އިދާރާ އިން ބުނެފައި ވެއެވެ.
އެ އިދާރާއިން ވަނީ ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތައް ވެސް ހާމަކޮށްފައެވެ.
އެގޮތުން މެއި 1 ވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމާއި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގުދެކުނާއި ހުޅަނގާއި ދެމެދު ހުރުމާއެކު، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައި ޖެހުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދިއުން ވެސް ހިމެނޭ ކަމަށް ބުނެއެވެ.
ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ