ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުބުނޭ: ޕީޖީއޯ

ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަ ދެއްކެވި ކަމަށް ފެތުރެމުންދާ ޚަބަރުތައް ޕީޖީ އޮފީހުން ދޮގުކޮށްފިއެވެ. އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ހަވާލާދީ އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާއިއި ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ "ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށެވެ. އާރަށު މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަސައްކަތް ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅުގެ އެދުމުގެ މަތީން ޕީޖީ ހުސެއިން ޝަމީމް ވަނީ އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލްކުރައްވާފައެވެ. ޕީޖީ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުން ވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށާއި، މައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުން ވެސް ލަސްވެފައި އޮތުމުން ކަމަށެވެ. އެހެން ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ އޮފީހުން ބުނީ ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ދެއްކި ވާހަކައަކީ އިދިކޮޅު ލީޑާޝިޕުން އަމިއްލައަށް ފާޅުކުރި ޝުއޫރެއް ކަމަށާއި، އެކަމަކީ ޕީޖީއޯގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން ޕީޖީ އޮފީހަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން، އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތުން ހުކުމެއް ކޮށްފައިވާއިރު، މަތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބަދަލު ނުކުރާހާ ހިނދަކު އެ ހުކުމަކީ ސައްހަ، ގާނޫނީ ބާރުލިބިގެންވާ ހުކުމެއް ކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި، މި ހާލަތުގައި ރައީސް ޔާމީނަކީ ހުކުމް ތަންފީޒް ކުރަމުންދާ ގައިދީއެއް ކަމަށާއި، ގައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސާވިސް ކަމަށް ވާތީ، ރައީސް ޔާމީންގެ ބަންދުގެ ހާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް އެ އިދާރާއަށް ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އާރަށު މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެ މަނިކުފާނު މި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ