ފުއްގިރި މައްސަލައިގެ ނިންމުންތަކުގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ފަށަނީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ދައުވާކުރެ އެވެ.އެ މައްސަލާގެ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އެވެ. އެއީ ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ނިންމި ނިންމުމާއި ބައެއް ލިޔުންތައް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެވެ.އެހެން ނަމަވެސް ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުން ބާތިލް ކުރަން ނުޖެހޭ ކަމަށެވެ.ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކޯޓުން ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ 12:45 އަށެވެ.އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީން މިވަގުތު ހުންނެވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ