ދަރަނި މެނޭޖުކުރުމުން ނުފުދޭ، އިގުތިސާދުތައް ސިންދަފާތުކުރުން ލާޒިމު: ރައީސް

އެންމެ ދެތިން ސިނާއަތަށް ބަރޯސާވުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދު ވަރަށް ބޮޑަށް ނާޒުކު ފައްތަރެއްގައި އޮންނަކަން ފާހަގަކުރައްވި އެވެ. އަދި އިގުތިސާދު ސިންދަފާތުކުރުމަކީ މިހާރު ޒަރޫރީ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރުމަށް އެ ގައުމުތަކުގެ ދަރަނި މެނޭޖުކުރުމުން ނުފެދޭ ކަމަށާއި، ކުދި ޖަޒީރާަ ގައުމުތަކުގެ އިގުތިސާދުތައް ސިންދަފާތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
އދ.ގެ އާންމު ބައްދަލުވުމުގެ ޖަލްސާގެ ހަވާސާގައި އޮތް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދައުލަތްތައް (ސިޑްސް)ގެ ބައްދަލުވުމެއްގައި މިރޭ ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދުތައް ވަރަށް ގިނަ ފަހަރަށް ބަރޯސާވަނީ ވަރަށް ހަނި ދާއިރާތަކެއްގެ މައްޗަށް ކަމަށާއި، އެއީ ގިނަ ފަހަރަށް ފަތުރުވެރިކަން ނުވަތަ މަސްވެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. 
އެންމެ ދެތިން ސިނާއަތަށް ބަރޯސާވުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދު ވަރަށް ބޮޑަށް ނާޒުކު ފައްތަރެއްގައި އޮންނަކަން ފާހަގަކުރައްވައި އެކަމުގެ މިސާލެއްގެ ގޮތުގައި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ރާއްޖެއާއި ކުދި ޖަަޒީރާ ގައުމުތަކުގެ އިގުތިސާދަށް އައި ހީނަރުކަން ރައީސް ފާހަގަކުރެއްވި އެވެ. 
ކުދި ޖަޒީރާ ގައުމުތަކަށް އިގުތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ލަނޑުދަނޑިއެއް ނޫންކަމަށާއި، އަވަސް އަވަހަށް ބަދަލުވަމުންދާ ބައިނަލްއަގުވާމީ އިގުތިސާދެއްގައި ސަލާމަތުން ދެމިތިބުމަށް އެއީ ޒަރޫރީ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. 
އިތުރަށް ރައީސް ވިދާޅުވީ އިގުތިސާދުތައް ސިންދަފާަތުކުރުމަށް ފައިސާ ލިބެންޖެހޭ ކަމަށެވެ. ކުދި ގައުމުތަކަށް އެތެރެވާ ވަސީލަތްތަކަށްވުރެ ދަރަނި ދޭ ފަރާތްތަކަށް އަނބުރ ދައްކަންޖެހޭ ފައިސާ އިތުރުވެ ވިޔަފާރީގެ ތިލަފަތް ނުހަމަކަން އިތުރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ކުދި ޖަޒީރާ ދައުލަތްތަކުގެ ތަރައްގީ މަޑުޖެހެމުންދާ ކަމަށެވެ. 
ރައީސް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މާލީ އެހީތެރިކަން ދިނުމާއި ދަރަންޏަށް ލުއިތައް ދިނުން ގުޅުަވއިލަންޖެހޭ ކަމަށެވެ. 
އޭގެ އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ކުދި ޖަޒީރާ ދައުލަތްތަކަށް ބޭނުންކުރެވިދާނެ އެއް ވަސީލަތަކީ ބައިނަލްއަގުވާމީ މާލީ މުއައްސަސާތކުން ކަނޑައަޅާފައިވާ ސްޕެޝަލް ޑްރޮވިން ރައިޓްސް ބޭނުންކުރެވޭ ގޮތްތަކަށް ބަދަލުތަކެއް ގެނައުން ކަމށެވެ. 
އދި ގިނަ ދައުލަތްތައް ބައިވެރިވަ އިދާރާތަކާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާަތަކާއެކު މަސައްކަތްކޮށް ބެލެންސް ޝީޓުތަކުގެ ހާލަތު ރަނގަޅުކުރެވޭނެ އީޖާދުތަކަށް ހިތްވަރު ލިބޭނެ އަދި އާ އިގުތިސާދީ ފުރުސުތަތުތައް ފަހިކުރެވޭނެ އިންވެސްޓުމެންޓުތަކަށް ޖާގަ ހޯދޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ