ގިނަބައަކު ކުރާ 2 ސުވާލެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ސުވާލަކީ އަތްމަތި ދަތިކަންމަތީގައި އުޅެންޖެހޭނީ ކިހާދުވަހަކު ހެއްޔެވެ؟ ދެވަނަ ސުވާލަކީ ކުރިމަތިވެފައިވާ ހިތާމައާ ހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީހެއްޔެވެ؟
މިދެ ސުވާލުގައި ގުޅުމެއް ވެއެވެ. ސަބަބަކީ ދެ ސުވާލުވެސް އެގުޅުވަނީ ކެތްތެރިކަމާއިއެވެ. އެގޮތުން ފުރަތަމަ ސުވާލަށް ބަލައިފިނަމަ އެކުރާ ސުވާލަކީ ތަނަވަސްކަން ދެއްވަވާނީ ކިހާދުވަހަކު ކެތްތެރިވެގެން ހުރުމުން ހެއްޔެވެ؟ ދެވަނަ ސުވާލަށް ބަލައިފިނަމަ އެބުނެވެނީ ކެތްތެރިވި ކަމަށްވާނީ ލިބެމުން މިދާ އަނިޔާތަކަށް ކިހައި ދުވަހަކު ކެތްކުރީމައި ހެއްޔެވެ؟ ނޫނީ ޢުމުރަށް ކެތްތެރިވެގެން ހުންނަންވީ ހެއްޔެވެ؟
2 ސުވާލުގެ ޖަވާބަށް ބަލައިލަމާ ހިނގާށެވެ!
ފުރަތަމަ ކަމަކަށް ކުރިން ބުނިފަދައިން މިދެ ސުވާލުގައި މިވަނީ ތަފާތު ދެކަމެކެވެ. ފުރަތަމަ އެއޮތީ ދަތިޙާލުގެ ވާހަކައެވެ. ދަތިޙާލަށް ކެތްތެރިވާންވީ އެކަން ދެމިއޮތްހައި ދުވަހަކަށެވެ. ﷲ ތަޢާލާ އެކަން ފިއްލަވައިދެއްވަވަންދެންނެވެ. އެހެނީ ތިބާއަށް މަސައްކަތް ކުރެވޭނީއެވެ. ދަތިޙާލުން ސަލާމަތްކޮށްދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
ވީމާ ބުނަން އޮތީ ޢުމުރު ދުވަހު ކެތްކުރަންޖެހުނަސް ކެތްތެރިވާށެވެ. ވިސްނަންވީ ކެތްތެރިވެގެން ހުންނަން ޖެހިދާނެ މުއްދަތަކަށް ނޫނެވެ. ކެތްތެރިވުމުން ދެއްވަވާނެ ޖަޒާއަށެވެ. ކެތްތެރިންނަށް އޮތް ޖަޒާ ޤުރްއާނުގެ އެތައް އާޔަތެއްގައިވެއެވެ. ހަމައެކަނި މިއާޔަތުންވެސް ފުދެއެވެ.
قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ
"ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި ﷲ ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތިއެވެ." (އައްޒުމަރު: 10)
ދެން އޮތީ ދެވަނަ ސުވާލެވެ. ކުރިމަތިވެފައިވާ ހިތާމައާ ހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީހެއްޔެވެ؟ މިސުވާލު ގިނައިން ކުރިމަތިކުރުވަނީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ހިތްދަތިޙާލުގައި ދުވަސްތައް ވޭތިކުރަންޖެހުމުންނެވެ. ވީމާ މިއީ ކުރިން ބުނި ޙާލަތާއި މުޅިން ތަފާތު ޙާލަތެކެވެ. މީހެއްގެ ކިބައިން ލިބެމުންދާ އަނިޔާއެކެވެ.
އެހާލަތުގައި ފުރަތަމަ އޮތީ އަނެކާއަށް ވިސްނައިދީގެން ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އެގޮތުން މަގެއް ނުފެނިއްޖެނަމަ އަނިޔާލިބިލިބި އިނުމެއް ނުވަތަ ހުރުމެއް ނެތެވެ. އުފާވެރިކަން ލިބޭނެ މަގެއް އިޚްތިޔާރު ކުރުމަކީ ކެތްތެރިނުވުމެއް ނޫނެވެ. އިސްލާމް ދީނުގައި އެކަން ވަނީ ހުއްދަ ކުރައްވަވައިފައެވެ.
އެހެނަސް ފިޔަވަޅު އަޅަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ތިމާ މިއަޅާ ފިޔަވަޅަކީ މިހާރު ކުރަންޖެހިފައިވާ ހިތާމަތަކުން ސަލާމަތްވެވި އުފާވެރިކަން ލިބޭނެ ފިޔަވަޅެއްކަން ޔަޤީންކޮށް ކަށަވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ނޫންނަމަ އެޅޭ ފިޔަވަޅުގެ ސަބަބުން ކުރިމަތިވާ ޙާލަތަކީ މާހިތާމަވެރި ޙާލަތަކަށްވެސް ވެދާނެތީއެވެ.
މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން އިސްތިޚާރާކުރުން ވަރަށް މުހިންމެވެ. އެއިރުން ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަތްމަތި ދަތިކަމާ ހިތްދަތިކަން ކުރިމަތިވާނަމަ ކަންބޮޑުވެގެން ގިނަ ބައަކު ކުރިމަތިކުރުވާ 2 ސުވާލާ އެއިގެ ޖަވާބު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ