ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މައުރޫފް ޖަމީލް އައްޔަން ކުރުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އޭނަ އަކީ ވަރަށް ނަޒާހަތްތެރި ވެސް ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ އާ އެމްޑީއަކަށް މައުރޫފް މިއަދު އައްޔަން ކުރުމާ ގުޅިގެން މައުމޫން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަރުހަބާ ދަންނަވައި ވިދާޅުވީ މައުރޫފަކީ ގާބިލު، ތަޖުރިބާ ހުންނެވި އަދި ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.
Delighted by the appointment of a person of such integrity, ability and experience as Mauroof Jameel as head of HDC. Congratulations and good luck! pic.twitter.com/PbhJJvOosz
— Maumoon Abdul Gayoom (@maumoonagayoom) December 22, 2024
މައުރޫފަކީ މައުމޫންގެ ވެރިކަމުގައި ހިއްކައިގެން ތަރައްގީ ކުރަން ފެށި ހުޅުމާލެ އަށް ހާއްސަކޮށްގެން އުފެއްދި އެޗްޑީސީގެ އެންމެ ކުރީކޮޅުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އެޗްޑީސީ އުފެއްދުމުގެ ކުރިން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދި އިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލްކަން ވެސް މައުރޫފް އަދާކުރެއްވި އެވެ.
މައުރޫފަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު އޭނަ މަސައްކަތް ކުރައްވަމުން ގެންދެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް އޭނަ މިއަދު އައްޔަންކުރީ އެ ކުންފުނީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އެމްޑީގެ މަގާމުގައު ހުންނެވި ފަޒުލް ރަޝީދު މިދިޔަ ބުރާސްފަތ ދުވަހު ސަސްޕެންޑްކޮށްފައި ވަނިކޮށް، އޭނަ ރޭ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެޗްޑީސީގެ 15 މުވައްފަކު މިއަދު ވަޒީފާތަކުން ވަކިކޮށްފައިވެ އެވެ.
މައުރޫފަކީ ގާބިލު، ނަޒާހަތްތެރި ބޭފުޅެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ