ލިސާން 37
"ބުނެބަލަ... ކިހިނެއް މިވަނީ؟" "ނަމީރު. ތިޔަ ހިމޭންކަމުން މަންމަ ނަގަންވީ ކޮންކަހަލަ މާނައެއް؟ ބައްޕައަށް ގޮވަންވީތަ؟" ބަތީލާ ބޭނުންވީ ނަމީރުގެ ފަރާތުން ހަޤީޤަތް ހޯދުމަށެވެ. އޭނަ ނަމީރަށް ބިރުދައްކައިލި ސަބަބަކީވެސް އެއީއެވެ. "ނޫން..." ބަތީލާގެ އަޑުގައިވި އަސަރުތަކުން ނަމީރަށް ނިކަން އަވަސް އަވަހަށް ބުނެވުނެވެ. "އެހެން ވިއްޔާ ތި ވެގެން އުޅޭ ގޮތެއް ސާފުކޮށް މަންމައަށް ކިޔައިދީ. ރައާބިލް ފިލުމާ ނާވީއާ އޮތް ގުޅުމަކީ ކޮބާ؟" ބަތީލާއަށް މިފަހަރު ސުވާލުކޮށްލެވުނީ ތަންކޮޅެއް ބާރަށެވެ. ނަމީރު އޭނައަށް ވަރަށް ގިނަ ކަންތައްތައް ސިއްރުކުރާކަން ބަތީލާއަށް ޔަޤީންކުރެވުނެވެ. އިތުރު އެއްޗެއް ބުނުމުގެ ކުރިން ނަމީރު ފަރާތް ފަރާތަށް ނަޒަރު ހިންގައިލިއެވެ. އޭނައާ ބަތީލާގެ އަޑު އިތުރު މީހަކަށް ނޫވޭތޯ ޔަޤީންކުރަން ބޭނުންވީއެވެ. "ނަމީރު..." ބަތީލާ އަނެއްކާވެސް ގޮވައިލިއެވެ. ނަމީރުގ ޖަވާބަކަށް އޭނާ ދިޔައީ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންނެވެ. މިފަހަރު ނަމީރު ފުންނޭވާއެއް ދޫކޮށްލިއެވެ. "މަންމާ.... މިތަނުގައި ވާހަކަތައް ދެއްކުން އެހާ ރައްކާތެރިއެއް ނުވާނެ." ނަމީރު ބުންޏެވެ. އޭނަ އެހެން ބުނެލިއިރު ހުރީ ޖެހިލުންވެފައެވެ. ކޮންމެ ގޮތެއްވި ނަމަވެސް، މިއަދު ބަތީލާއަށް ހުރިހާކަމެއް ކިޔައިނުދީ ސަލާމަތްނުވާނެކަން ނަމީރަށް އެނގެއެވެ. "އެހެންވިއްޔާ ހިނގާ... ތި ވާހަކަ ދައްކަން އެކަށޭނެ މާހައުލަކަށް ހިނގާ... މަންމައަށް ވަގުތު އެބައޮތް." ބަތީލާ ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނަ ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ. "އަޅުގަނޑު ހުރިހާ ވާހަކައެއްވެސް ވެސް ފަހުން މަންމައަށް ކިޔައިދޭނަން. އެކަމަކު މިވަގުތު ރައާބިލް ވީތަނެއް ހޯދަން ބިންގަރާހަށް ދިޔުން މުހިންމު." ނަމީރު އުޅުނީ އެތަނުން ދުވެ ފިލާށެވެ. އެހެންނަމަވެސް އެކަމެއް އޭނާއަކަށް ކާމިޔާބެއް ނުވިއެވެ. ދާންވެގެން ހިނގައިގަތްހެން ހީނުވެ، ބަތީލާ އޭނާގެ އަތުގައި ހިފެއްޓިއެވެ. ނަމީރު ބަތީލާއަށް ބަލައިލިއިރު ބަތީލާ ހުރީ އޭނާގެ ދެލޯ ދިއްލާލައިގެންނެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ނުދީ ނުދެވޭނެޔޭ އެ ނަޒަރުން ދިޔައީ ބުނަމުންނެވެ. "ކޮންމެ ގޮތަކަށް ކަންތައްވިޔަސް، ހަޤީޤަތް ކިޔައިދީފަ ނޫނީ ނަމީރަކަށް މިތަނަކުން ނުދެވޭނެ." ބަތީލާ ބުނެލީ މަޖުބޫރުކުރާ ޒާތަކަށެވެ. "ނާވީއާ މިކަމާ އޮތީ ކޮން ގުޅުމެއްހޭ؟" "މަންމާ... ރައާބިލް... ރައާބިލް ފިލަން އެހީވީ ނާވީ...." ނަމީރު އެންމެފަހުން ހާމަކޮށްލިއެވެ. އެއާއެކު ބަތީލާއަށް އޭނަގެ ބުމަ ގާތްކޮށްލެވުނެވެ. ނާވީ އެފަދަ ގޮތަކަށް ކަންތައްކުރީ ކީއްވެގެންކަމާމެދު ބަތީލާގެ ހިތުގައި ސުވާލު އުފެދުނެވެ. ނާވީއަށް ރައާބިލް އެނގުނީ ކިހިނަކުން ހެއްޔެވެ؟ އޭނަ ރައާބިލްއާ ބައްދަލުކުރަން ދަނީހެއްޔެވެ؟ އެހެންވެއްޖެނަމަ އެކަން ހިނގާތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟ ނާވީއަށް އެނގެނީ ކޮންކަންތައް ތަކެއްހެއްޔެވެ؟ ފޮރުވިފައިވާ ހަޤީޤަތުން އޭނާއަށް އެނގެނީ ކޮން މިންވަރެއްހެއްޔެވެ؟ އެހުރިހާކަމެއް އެއްކިބާކޮށްފައި ނާވީ ރައާބިލްއަށް އެހީވާ ސަބަބަކީ ކޮބައިހެއްޔެވެ؟ ބަތީލާގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ. ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ސިކުނޑީގެ ހުރިހާ ނާރުތަކަށް ވާންކުރުމުންވެސް ސިކުނޑި ގޮސް ވެއްޓެނީ ގޮތް ނޭނގޭ ހުސްކަމެއްގެ ތެރެއަށެވެ. އެންމެފަހުން އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި އޭނާ ބަލައިލީ ނަމީރަށެވެ. ނަމީރު ނޫން މީހަކަށް އޭނާގެ ސުވާލުތަކުގެ ޖަވާބު ނުދެވޭނެކަން ބަތީލާއަށް ފަހުމްވިއެވެ. ނަމީރުގެ މޫނުމަތީންވެސް ފެންނަނީ ޖެހިލުންވުމާއި ނުތަނަވަސްކަމެކެވެ. ނަމީރު ބަތީލާއަށް އެއްވެސް ވާހަކައެއް ކިޔައިދޭން ބޭނުންނުވާކަން އެ މޫނުމަތީގެ އަސަރުތަކުން އެކަނިވެސް ހެކި ދެއެވެ. ހީވަނީ ބަތީލާއާ ކުރިމަތިލާންވެސް ބޭނުންނުވެފައި ހުރި ހެންނެވެ. "ކޮން ކަމެއްތަ މަންމައަށް ތި ސިއްރުކުރަނީ؟ ނާވީ ކީއްވެ ރައާބިލްއަށް އެހީވާންވީ؟ އޭނައަށް ކިހިނެއް ރައާބިލް އެނގުނީ؟ ކޮންއިރަކު އޭނަ ބިންގަރާހުގެ ކަންތައްތަކަށް ޝައުޤުވެރިވާން ފެށީ؟" މިފަހަރު ބަތީލާގެ އަޑު މަޑެވެ. ނަމީރުގެ ހާސްކަން ފަހުމްވެ ތަންކޮޅެއް އޯގާތެރި ރާގެއްގައި ސުވާލުކޮށްލިއެވެ. ނާވީ އަކީ މީގެ ކުރިން ގަނޑުވަރާ އަދި ރަސްކަމުގެ އެއްވެސް ކަމަކަށް ޝައުޤުވެރިކަން ހުރި ޒުވާނެއް ނޫނެވެ. ޒުވާންވެ ފުރާ ފުރިހަމަވިފަހުން އޭނާ ހަމައެކަނި ބޭނުންވީ ތަންތަން ބަލައިލާ ތަޖުރިބާކޮށްލުމަށެވެ. ވީއިރު އެފަދަ ބޮޑު ކަމެއްގެ ތެރެއަށް ނާވީ ވަންނަންވީ ކީއްވެގެން ހެއްޔެވެ؟ ބަތީލާއަށް ޖަވާބު ދޭނެ ގޮތަކާ މެދު ނަމީރު ވިސްނަމުން ދިޔައެވެ. ބަތީލާއަކީ ބައްޕަ އިންޖާބާ ޚިލާފަށް، މަޑުމައިތިރި އޯގާތެރި މީހެއް ނަމަވެސް، ނާވީގެ ހަޤީޤަތް އެނގުމުން އޭނަ ކަންތައްކުރާނެ ގޮތެއް ނަމީރަކަށް އަންދާޒާކޮށެއް ނުލެވެއެވެ. ހަޤީޤަތް ހާމަކޮށްލަން އެހާ ޖެހިލުންވާ ސަބަބަކީވެސް އެއީއެވެ. "މިތަނުގައި ތި ވާހަކަ ދައްކަން ޖެހިލުންވަނީ ދޯ..." އެހެން ބުނެލުމަށްފަހު، ނަމީރަށް ޖަވާބު ދޭނެ ފުރުސަތެއް ބަތީލާ ނުދިނެވެ. އޭނަގެ ގާތުން އެރި އަލިކަމާއެކު ނަމީރު ގޮވައިގެން ބަތީލާ ގެއްލުނީއެވެ. ބަތީލާގެ ހަލުވިކަމުން އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނަމީރަކަށް ނުލިބުނެވެ. އޭނައަށް ހޭވެރިކަންވީއިރު ހުރެވުނީ ގަސްބޯ ޖަންގައްޔެއްގެ ތެރޭގައެވެ. ފަތިހުގެ ވަގުތަށްވުމާއެކު، ފިނިފައިބަމުން ދިޔައެވެ. "ދެން ކިޔާ..." ބަތީލާ އަމުރުކުރިއެވެ. "މަންމާ... ނާވީ... ނާވީއަށް ހުރިހާ ކަމެއް އެނގިއްޖެ. އަޅުގަނޑާ ރައާބިލްގެ ގުޅުމާ ރައާބިލް އެތަނުގައި ހައްޔަރުކުރި ސަބަބުވެސް. ރައާބިލް ލޯބިވީ އިންސިއާ މެދު ކަންތައް ވީގޮތްވެސް. ހުރިހާކަމެއް އޭނައަށް އެނގިއްޖެ." ނަމީރަށް ބުނެވުނެވެ. އަދިވެސް ހުރިހާ ހަޤީޤަތެއް ދުލުކުރިއަށް ގެންނަން އޭނަ ޖެހިލުންވަނީއެވެ. "ކުރިއަށް ގެންދޭ..." ނަމީރު އެ ބުނަނީ ހަޤީޤަތުގެ އެއްބައިކަން ބަތީލާއަށް އެނގެއެވެ. އޭނަ ވާހަކަ ކުރިއަށް ގެންދިޔުމަށް ނަމީރަށް އިޝާރާތްކުރިއެވެ. "އެކަމަކު އޭނަ ކީއްވެގެން ރައާބިލްއާ ބައްދަލުކުރަން ދިޔައީ؟ ރައާބިލް އެތަނުން ސަލާމަތްކުރި ސަބަބަކީ ކޮބާ؟" "މަންމާ... ނާވީ... ނާވީ... ނާވީ ރައާބިލްގެ އެހީތެރިކަން ބޭނުންވީ. އޭނަ ބިންގަރާހަށް ދިޔަ ސަބަބަކީ އެއީ..." ނަމީރު ހާމަކޮށްލިއެވެ. ބަތީލާގެ ހިތުގައި ސުވާލުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ ނަމީރަށް ބަލަހައްޓައިގެން ހުރީ ހުރިހާކަމެއް ކިޔައިދޭށޭ ބުނާފަދަ ގޮތަކަށެވެ. އެންމެ ހިނދުކޮޅަކުވެސް ނަމީރާ އޭނާގެ ނަޒަރު ވަކިވެގެން ނުދެއެވެ. ވާހަކަ ދައްކަމުން ދިޔަ ނަމީރަށް އެކަމުން އިތުރު ނުތަނަވަސްކަމެއް ލިބުން ނޫންކަމެއް ނުވެއެވެ. ބަތީލާއާ ނަޒަރު ސީދާކޮށްލައިގެން ހުރުމަކީ އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ. "ނާވީ ކޮން އެހީއެއް ބޭނުންވީ؟" ނަމީރު އަނެއްކާވެސް ހިމޭންވުމާއެކު، ބަތީލާ ސުވާލުކޮށްލިއެވެ. "މަންމާ... މިވާހަކަ މަންމައަށް ހާމަކޮށްދޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު ނާވީއަށް ވަރަށް ނަސޭހަތް ދިނިން. އެކަމަކުވެސް ނާވީ ގޮތެއް ދުލެއް ނުކުރި. އޭނައަށް އެކުރެވެނީ ކިހާ ނުރައްކާތެރިކަމެއް ކަން އެނގި ހުރެވެސް ނާވީ އެހުރީ އެ ހުރިހާ ކަމަކައިގެން ކުރިއަށް ދާން ތައްޔާރުވެގެން. ބައްޕަ... ބައްޕަގެ ފަރާތުން ކުރިމަތިވެދާނެ އަނިޔާ އެނގުނަސް އޭނަ ހުރީ ގޮތުގަ." ނަމީރަށް ބުނެވުނެވެ. "ނާވީ... ނާވީ ލޯބިވަނީ އިންސިއެއް ދެކެ. އޭނަ ގުޅިގެން އުޅެނީ އިންސިއަކާ...." ދެލޯ މަރައިލުމަށްފަހު ބަތީލާއާ ފުރަގަސްދެމުން ނަމީރު ހަޤީޤަތް ހާމަކޮށްލިއެވެ. "ކީކޭ؟ ނަމީރު ކީކޭ ތިކިޔަނީ؟" ބަތީލާއަށް ލިބުނީ ޝޮކެކެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފުރަގަސްދީގެން ހުރި ނަމީރަށް ބަލައިލުމަށްފަހު، ނަމީރުގެ އަތުގައި ހިފާ އޭނައާ ދިމާލަށް އަނބުރައިލެވުނީ ވެސް ބާރަކަށެވެ. އޭރު ހަށިގަނޑަށް އަރާފައިވާ ބާރުގެ ސަބަބުން ނުވިސްނާ ހުރި ނަމީރު ވިއްސައިގެން ނުދިޔައީވެސް ކިރިޔާއެވެ. އޭނަގެ އަތަށް ތަދުވެސް ވިއެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކާ ވިސްނޭވަރަށްވުރެ، ބަތީލާގެ ޙާލު ބޮޑެވެ. އޭނާއަށް ލިބިފައިވި ވަރުގަދަ ޝޮކުގެ ސަބަބުން ނަމީރަށް އަނިޔާވިކަން ވެސް ރޭކާނުލިއެވެ. "މީ... މީ ހަޤީޤަތް މަންމާ... ނާވީއަށް ރައާބިލް ޤައިދުގައި ހުރިކަން އެނގުނީމަ އެ އިންސި ހިމާޔަތްކުރަން އެހީތެރިކަން ހޯދަންވެގެން ރައާބިލް ކައިރިއަށް ދިޔައީ..." ނަމީރު ބުންޏެވެ. އޭނަ ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނަ އެކަން ހުއްޓުވަން އުޅުނު ގޮތެވެ. އެވާހަކަތަކުގެ ތެރެއަށް އޭނަ ރަނީމްއަށް އަނިޔާވެރިވި ވާހަކަވެސް ނަމީރު ކިޔައިދިނެވެ. "ދަރިފުޅު ކުށެއް ނެތް އިންސާނަކަށް އަނިޔާވެރިވީތަ؟" ނަމީރު އެކަން ކުރީ ނާވީއަށް ރަނގަޅަކަށްކަން އެނގުނު ނަމަވެސް އެކަން ބަލައިގަންނަން ބަތީލާއަށް އުނދަގޫވިއެވެ. "އިތުރު އެއްވެސް ގޮތެއް ނެތޭ މަންމާ... އެކަމަކު މިހާރަކު އެކަން ކުރާނެ ހިތްވަރެއް ނެތް. އިތުރަކަށް އެ އަންހެން ކުއްޖާއަކަށް ގެއްލުމެއް ދޭކަށް ނެތިން." ނަމީރު ބުނެލިއެވެ. "ނާވީ ހުއްޓުވާ ނަމީރު... ބައްޕައަށް ތިކަން އެނގިއްޖެއްޔާ ގަނޑުވަރަށް ވަރުގަދަ ޒަލްޒަލާއެއް އަންނާނެ." މާޒީގެ ހަނދާންތައް އާވެގެން ދިޔަހިނދު ބަތީލާއަށް ބުނެވުނެވެ. އަލުން އެ މާޒީ ތަކުރާރުވާން އެދޭނީ ކިހިނަކުން ހެއްޔެވެ؟ "އެހެންވީމަ ނާވީ ބޭނުންވަނީ ރައާބިލް މިނިވަންކޮށްގެން އެ އިންސި ހިމާޔަތްކުރަން ދޯ. ރައާބިލްއަށް އެހީތެރިވި ޖުންދީގެ އެހީ ހޯދަން ދޯ ނާވީ އެއުޅެނީ." ބަތީލާ ބުނެލުމާއެކެ، ނަމީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. "އެހެންވިއްޔާ ދަރިފުޅަށް އެނގޭނެއެއްނު ނާވީ ދާނެ ތަނެއް؟ އެ އަންހެން ކުއްޖާ އުޅޭ ރަށްވެސް އެނގޭނެއެއްނު. ނާވީ ރައާބިލްއާއެކު ދާނީ އެރަށަކަށްނު." ބަތީލާއަށް އަނެއްކާވެސް ވާހަކަ ދެއްކުނެވެ. "މަންމާ... އިތުރަށް އަޅުގަނޑާ ސުވާލުނުކުރޭ... މިވަގުތު އަޅުގަނޑުވެސް މިހުރީ ވަރަށް ހާސްވެފައި. ބައްޕައަށް ނާވީއާ ރައާބިލްއާ އެކުގައި ފެނިއްޖެނަމަ ވާނެ ގޮތެއް ނޭނގެ. މިވަގުތު އަޅުގަނޑު ދިޔުމަށް ހުއްދަ ދެއްވާ..." ނަމީރު އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އޭނާ ހުރިހާ ވާހަކައެއް ކިޔައިދިން ނަމަވެސް، ރަނީމްގެ ހަޤީޤަތް ސިއްރުކުރިއެވެ. އެއީ ރައާބިލްގެ ދަރިފުޅުކަމާއި ނާވީގެ ލޯބިވެރިޔާކަންވެސް މެއެވެ. ވަގުތުގެ ނާޒުކުކަން ވިސްނުމުން ބަތީލާ ބޯ ޖަހައިލިއެވެ. "މަންމާ... ބައްޕަ..." ނަމީރު ޖުމްލަ ފުރިހަމަ ނުކުރިނަމަވެސް އޭނާ ބުނަން އެ އުޅެނީ ކީކޭކަން ބަތީލާއަށް ފަހުމްވިއެވެ. އޭނަ ނަމީރުގެ ކޮނޑުގައި އަތް ޖައްސައިލަމުން ބޯ ޖަހައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ. "ދަރިފުޅު ކަންބޮޑުނުވޭ. މަންމަ މިކަން ބައްޕައަށް ސިއްރުކޮށްދޭނަން. އެކަމަކު... އެކަމަކު ވީ އެންމެ އަވަހަކަށް ނާވީމެން ހޯދައިގެން ގެނޭ. ކަންތައްތައް އިތުރަށް ގޯސްވުމަށް ފުރުސަތު ދެވިގެން ނުވާނެ." ބަތީލާއަށް ބުނެވުނެވެ. ނަމީރު އެތަނުން ދިޔުމާއެކު ބަތީލާވެސް އެތަނުން ދާންވެގެން އަވަސްވެގަތެވެ. އޭނަ ވައިގެ ތެރޭގައި އުދުހިގަތްއިރު ހުދުކުލައިގެ ހެދުމުގެ ފަސްބައި ވަޔާއެކު ވިހުރެން ފެށިއެވެ. ނަމީރު އެ ދިޔަގޮތަށް ގޮސްވަނީ، ގަނޑުވަރުގެ ތިރީގައި ހެދިފައިވާ ބިންގަރާހުގައި ހުންނަ ސިއްރު ކޮޓަރިއަށެވެ. ތަނުގައިވަނީ އާދަޔާޚިލާފު އަނދިރިކަމެކެވެ. ފާރުގައި ހަރުކޮށްފައިވާ އަލިފާން ދަނޑިތައް ވެސް ހުރީ ނިވިފައެވެ. ނަމީރު ލޮލުން ކޮށްލި އިޝާރާތަކާއެކު، ފެހި ނޫ އައްޔެއް ފެތުރިގެން ދިޔައެވެ. އެ ކޮޓަރި ތެރޭގައި ހުރީ އެކިކަހަލަ ހަތިޔާރެވެ. އެއްފަރާތުގައި ހުރި ހަރުގަނޑެއްގައި ފޮތްތަކެއް ވެސް ހުއްޓެވެ. ފޮތްތައް ހުރި ކަބަޑުގެ އެއްފަރާތު ފާރުގައި އަޅުވާފައި ހުރި ދަގަނޑު ބޮޅުތަކުގައި ހުރީ ހުސް ތަޅުދަނޑިއެވެ. ބައެއް ތަޅުދަނޑިތަކުގެ ދިގުމިނުގައި ދެތިން ފޫޓު ހުންނާނެއެވެ. ދެން ހުރި ތަޅުދަނޑިތަކުގެ ފަރުމާތައް ތަފާތެވެ. ފަޅި ބުރެއްގެ ބައްޓަމަށް ހުރި ތަޅުދަނޑިތަކުގައި ހުރި ތުޑުތައް ތޫނެވެ. އެ ހުރީ އޭގެ އަނެއްބަޔާ ޖައްސާ ގުޅުވާލެވޭހެންނެވެ. ނަމީރު ގޮސް އެތަނަށް ހުއްޓުމަށްފަހު ބަލައިލިއެވެ. އޭނައަށް ދެލޯ މަރައިލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިންޖާބަށް ޚާއްސަ ބިންގަރާހުގެ ތަޅުދަނޑިއެއް ނެތެވެ. އެ ނެގީ ނާވީކަން ނަމީރަށް އެނގުމާއެކު، އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެއީ އިންޖާބުގެ ސިއްރު ކޮޓަރިއެކެވެ. އެތަނަށް އިންޖާބުގެ ހުއްދަނެތި ވަދެ ނުކުތުމަކީ ޚުދު އޭނައަށްވެސް މަނާކަމެކެވެ. ނާވީ އެކުރީ ބޮޑު ކުށެކެވެ. އެ ކުށަށް އިންޖާބު އޭނައަށް އަބަދު ދޭނެއެވެ. އެތަނުން ނުކުމެގެން ނަމީރު ދެން ދިޔައީ ބިންގަރާހަށެވެ. އޭރު ވެސް ބައެއް ސިފައިންތައް މަޝްވަރާތަކުގައި ތިއްބެވެ. ދެން ހަދާނެ ގޮތަކާ މެދު އެމީހުން ދިޔައީ ވިސްނަމުންނެވެ. އިރު އެރުމާއެކު، ލަސްނުކޮށް އިންޖާބަށް އެ ޚަބަރު ދޭން އިސްކޮށް ހުރި ޖިންނިއަކު މަޝްވަރާދިނެވެ. "އެހަށް ބައްޕައަށް މިއިން އެއްވެސް ކަމެއް އަންގާނެކަމެއް ނެތް." އެމީހުންގެ ކައިރިއަށް ހުއްޓުމަށްފަހު، ނަމީރު އަމުރުކުރިއެވެ. "ދެން ކިހިނެއްތޯ ހަދާނީ؟ މިއަދު ނޫނީ މާދަން ރައާބިލް ނެތްކަން ރަސްގެފާނަށް އެނގޭނެނުންތޯ؟" އެހެން ފާރަވެރިޔަކު ބުނެލިއެވެ. "އަހަރެމެން އެހަށް ރައާބިލް ހޯދަން މަސައްކަތްކުރާނީ. " ނަމީރުގެ އެދުމަށް ގިނަ ބަޔަކު އެއްބަސްވިއެވެ. އިންޖާބަށް އެނގުމުން، އެމީހުންނަށްވެސް އަދަބު ލިބޭނެކަން އެނގޭތީއެވެ. އޭގެތެރޭގައި ތިބި އިނގިލިން ގުނާލެވޭހާ މަދުބަޔަކު އެ ޚިޔާލަށް ތާއިދު ނުކުރިނަމަވެސް، ނަމީރާ ދެކޮޅެއް ނުހަދައެވެ. އެމީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އިންޖާބަށް ވަރަށް ވަފާތެރި ޖިންނިއަކު ހުއްޓެވެ. އޭނަ ނިންމީ އިންޖާބަށް އެ ޚަބަރު ގެންދިޔުމަށެވެ. ނަމީރުގެ ވާހަކަ މުޅީން ގޯސް ނޫން ނަމަވެސް، އިންޖާބަށް ސިއްރުކޮށްގެން ލިބޭނެ މޮޅެއް ނެތްކަން އޭނައަށް ވިސްނުނީތީއެވެ. އޭނަ ނަމީރަށް ސިއްރުން އެތަނުން ދިޔައީ ގަނޑުވަރާ ދިމާލަށެވެ. ގަނޑުވަރުގެ ވަށައިގެން ތިބި ފާރަވެރިން އޭނަ މަޑުކުރުވުމާއެކު، ބިންގަރާހުގައި ބޮޑު ކަމެއް ދިމާވެގެން އޭނަ އިންޖާބަށް ޚަބަރު ދޭން ޖެހޭނެކަމަށް ބުނެ އެތެރެއަށް ވަނުމުގެ ހުއްދައަކަށް އެދުނެވެ. އެއާއެކު ފާރަވެރިން އެކަކު އަނެކަކަށް ބަލައިލާފައި ހުއްދަ ދިނީ އެމީހުންނަށް ދެންމެ ނަމީރުވެސް ނުކުމެގެން ބިންގަރާހާ ދިމާލަށް ދިޔަތަން ފެނިފައިވާތީއެވެ. އެމީހުން ހީކުރީ ނަމީރު ބުނެގެން އައި މީހެއްކަމުގައެވެ. އެތެރެއަށް ވަދެވުމާއެކު، ގަނޑުވަރުގެ ޚާދިމަކާ ދިމާވިއެވެ. އޭނަ ގާތު އިންޖާބަށް އޭނަ އައިސް ހުރިކަން އަންގައިދޭން އެ ޖިންނި ފާރަވެރިޔާ އެދުނެވެ. އޭނަ ހާމަފެންޑާގައި މަޑުކޮށްލައިގެން މާގިނަ އިރު ހުންނާކަށް ނުޖެހުނެވެ. އިންޖާބު އަތުވެއްޖެއެވެ. އެއާއެކު އިންޖާބަށް އިޙްތިރާމް އަދާކުރިއެވެ. "އެރި އިރާއެކު ކަލޭ މިތަނަށް އައި ބޭނުމަކީ ކޮބާ؟" އިންޖާބު ސުވާލުކޮށްލިއެވެ. ފާރަވެރިޔާ އިސްޖަހައިލަމުން ވެގެން އުޅޭ ގޮތެއް ހާމަކޮށްލިއެވެ. އެއާއެކު އިންޖާބުގެ ދެބުމަ ގާތްވެގެން ދިޔައެވެ. ރުޅި އައިސް ރަތްވެފައިވާ ޙާލު އޭނާ ބިންގަރާހާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ ދިޔައިރު ނަމީރު ސިފައިންތަކާ އެކީ ހުއްޓެވެ. އެ ދިމާލަށް އަންނަމުން ދިޔަ އިންޖާބާ، އޭނަގެ ފަހަތުގައި ހުރި ފާރަވެރިޔާ މީހާ ފެނުމާއެކު، ވީގޮތް ނަމީރަށް ނަގައިގަނެވުނެވެ. އޭނަ ބަލައިލުމާއެކު، އޭނަ އިސްޖަހައިލިއެވެ. އިންޖާބު އައިސް ނަމީރުމެންގެ ކައިރިއަށް ހުއްޓުމަށްފަހު، ވާހަކަ ދެއްކިއެވެ. "އޭނަ ކިހިނެއް ފިލީ؟" އިންޖާބުގެ އެންމެ ފުރަތަމަ ސުވާލަކީ އެއީއެވެ. އެއާއެކު، އެންމެންނަށްވެސް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެމީހުންގެ ހިމޭންކަން ފެނުމުން އިންޖާބު ހިނގައިގަތީ ބިންގަރާހުގެ ތެރެއަށެވެ. އޭނަ ބާރުބާރަށް ގޮސް ރައާބިލްގެ ގޮޅީގެ ކައިރިއަށް ހުއްޓުނެވެ. އޭރު ފަހަތުން އެހެން މީހުންވެސް އަތުވެއްޖެއެވެ. ފެނުނު މަންޒަރާއެކު އިންޖާބަށް ބަލައިލެވުނީ، ފަހަރަކު މީހެއްގެ މޫނަށެވެ. "އަޅުގަނޑުމެން އެކަކަށްވެސް ނޭނގެ ކިހިނެއްކަމެއް އޭނަ ފިލީ. ތަޅުދަނޑި އޮތީ އަޅުގަނޑުގެ އަތުގައި. އިތުރު މީހަކަށް ނުވެސް ދެން. ތަނެއްގައި ނުވެސް ބާއްވަން." ތަޅުދަނޑި އަތުގައި އޮތް ޖިންނި ކުރިއަށް ޖެހިލާ ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. "ކަލޭގެ އިހުމާލެއް މިކަމުގައި އޮތްކަމުގައިވާނަމަ ހަރުކަށި އަދަބުދޭނަން." އިންޖާބުގެ ހަރުކަށި އަޑު އިވިގެން ދިޔައެވެ. އެހެންނަމަވެސް، މިވަގުތަށް އެންމެ މުހިންމީ ރައާބިލް ހޯދުން ކަމަށް ވުމާއެކު އިތުރު މީހަކަށް އަދަބެއް ދިނުމަކީ ބުއްދިވެރިކަމަކަށް ނުވާނެކަން އިންޖާބަށް އެނގުނެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލާފައި ފަހަރަކު މީހެއްގެ މޫނަށް އޭނަ ވަކިވަކީން ބަލައިލިއެވެ. ނަމީރަށްވެސް މެއެވެ. "ބައްޕާ. އަޅުގަނޑަށް އެ ޚަބަރު ލިބުމާއެކު މިއައީ. ހާސްވެނުލައްވާ. ރައާބިލް ހޯދަން މިދަނީ." ނަމީރު އަވަސް އަވަހަށް ބުނެލިއެވެ. "ރައާބިލް ފިލައިފިއްޔާ އޭނަ ދާނެ ތަން ކަލޭމެން އެންމެނަށް ހަމަ ރަނގަޅަށް އެނގޭނެ. އޭނަ ދާނީ އެ އިންސި ކައިރިއަށް. އެ ރަށަށް. ހަމަ މިހާރު ދޭ. ގޮސް ހައްޔަރުކޮށްގެން އޭނަ ގެނޭ." އިންޖާބު އަމުރުކޮށްލިއެވެ. "އަޅުގަނޑު އިސްވެހުރެ އެމީހުންނާއެކު ދާނަން." ނަމީރު ބުނެލިއެވެ. "އަވަހަށް ދޭ..." އިންޖާބުގެ އިޒުނައާއެކު އެމީހުން އަވަސްވެގަތީ އެތަނުން ދާށެވެ. އެންމެން ފޮނުވާލާފައި އިންޖާބު، އެ ގޮޅިއަށް ރަނގަޅަށް ބަލައިލިއެވެ. ތަޅުތަކަށްވެސް މެއެވެ. އެތަޅު އެހުރީ ހުޅުވާފައެވެ. ހިލިހިލާތައްވެސް ވަނީ ނައްޓާލާފައެވެ. ވިސްނައިލުމާއެކު، އިންޖާބަށް ދެބުމަ ގާތްކޮށްލެވުނެވެ. އޭނައަށް ޝައްކެތްވީއެވެ. އެތަން ހުޅުވާފައި ހުރި ގޮތުންނެވެ. އޭނަ ވަގުތުން އެތަނުން ނުކުތެވެ. އަދި ގަނޑުވަރަށް ދިޔައެވެ. ސިއްރު ކޮޓަރިއަށް ވަނުމަށްފަހު، އޭނަ ތަޅުދަނޑި އޮތްތޯ ބަލައިލިއެވެ. އެހެންނަމަވެސް އެ ތަޅުދަނޑިއެއް އޭނައަކަށް ނުފެނުނެވެ. ވީގޮތް އިންޖާބަށް ފަހުމްވިއެވެ. އެ ދޮރު ހުޅުވާފައި އެވަނީ އޭނަގެ ތަޅޫދަނޑިންނެވެ. އެކަމަކު އެތަނަށް ވަދެ އެ ނަގަނީ ކާކުހެއްޔެވެ؟ "އަނެއްކާ... އަނެއްކާ ނަމީރު..." އިންޖާބަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ނޫނެކެވެ. އެއީ ނަމީރަކަށް ނުވާނެއެވެ. އޭނައަށް ނަމީރުގެ މޫނުމަތިން ފެނުނު އަސަރުތައްވެސް އެކަމަށް ހެކިދެއެވެ. މިހުރިހާ ދުވަހު އެތަނުގައި އެ ތަޅުދަނޑި އޮތްކަން އެނގި އޭގެ ބޭނުން ނުކުރި ނަމީރު ހަމަ ހުރެހުރެފައި ރައާބިލް މިނިވަނެއް ނުކުރާނެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ