ގައުމީ ބޮޑީބޯޑިން ލީގު ކާމިޔާބު ކުރުމުގެ ޓާގެޓަށް ވާސިލްވިއިރު، މުޅި ސީޒަން ދިޔައީ އެންމެ ބޭނުންވި ގޮތަށް ކަމަށް މި ފަހަރުގެ ސީނިއާ މެންސް ޗެމްޕިއަންކަން ހޯދި އާމިން އުމަރު މޫސާ ބުނެފި އެވެ.
ތަފާތު ފޯމެއްގައި މި ސީޒަނުގައި ފެނުނު، ސީނިއާ މެންސް ޗެމްޕިއަންކަން ހޯދި އާމިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރެވެ.
މި ފަހަރު މި ވަނީ އާމިން އެންމެ ބޭނުންވި ސީނިއާ މެންސް ޗެމްޕިއަންކަން ހޯދައިފަ އެެވެ.
"އާމިން މިހާރު ވަރަށް މަސައްކަތް ކުރަމުން އައި ޓައިޓަލްއެއް މި ލިބުނީ. ހަމަ އަހަރު ފެށިއިރު ވެސް، ކުރިން އަހަރު ވެސް ވަރަށް އަމާޒުކުރި ޓައިޓަލް، އެކަމަކު ކުރިން އަހަރު ބޭނުންވި ގޮތަކަށް ނޫން ދިޔައީ، އެކަމަކު މި އަހަރު ދެ މުބާރާތް މޮޅުވެފައި މި މުބާރާތުން ތިން ވަނަ މި ލިބުނީ. ލިބުނެއް ކަމަކު އޯވަރޯލް އާމިން ވަރަށް އުފާވެއްޖެ، މި ސީޒަން އެއްކޮށް އާމިންގެ ޕަފޯމަންސާ މެދު، އެހެންވެ، މި ޓައިޓަލް ލިބުނީމަ ވަރަށް އުފާވެއްޖެ،" އާމިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ)، އާމިންއާ ގައުމީ ލީގުގެ ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ
އާމިން ވަނީ މި ފަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން އާމިން އަށް ލިބުނީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްފަ އެވެ.
"ދެ މުބާރާތް މޮޅުވީމަ ހަމަ ވަރަށް ބޮޑަށް އެޑްވާންޓޭޖެއް އެ ލިބެނީ އެއް ވަނަ އަށް އެރީމަ. އެ ގޮތުން، އައްޔަ އަށް އިން ދެ ފަހަރު ވެސް ދެ ވަަނަ ލިބިފައި. އެހެންވީމަ، ވަރަށް ކައިރި ކޮންމެ އަކަަސް މި މުބާރާތަށް އައިއިރު އެނގުން، ކޮންމެ މީހަކަށް ވެސް ލިބިދާނެކަން، މި އަދި ޑަބަލް ޕޮއިންޓްސްގެ މުބާރާތެއް ވީމަ، ކުއާޓާގައި އިޔަންއާ ޖެހި، ވަރަށް އުނދަގޫ ހީޓެއް ދިޔައީ، ދެން، ސެމީގައި އަޅަންޖެހުނީ އަޝްރަފްއާ، އަޝްރަފް މި މުބާރާތުގައި މޮޅުވީ، މުޅި މުބާރާތުގައި ވެސް އެންމެ ރަނގަޅަށް އަޅަމުން އައީ އަޝްރަފް،" އާމިން ބުންޏެވެ.
އާމިން ބުނީ ފައިނަލް ހީޓު ބަލަން ހުރީ ވަރަށް ހާސްވެފައި ކަމަށާއި އަޝްރަފަށް ސަޕޯޓްކުރީ ލީގު ބޭނުންވެފައި ހުރި މިންވަރު ބޮޑުވުމުން ކަމަށެވެ.
"އެ ހީޓުން އަޝްރަފް ބަލިވިނަމަ، އާމިން އަކަށް ނުލިބޭނެ. އައްޔަ އަށް ލިބޭނީ، މުޅި ހީޓުތެރޭގައި އާމިން ހުރީ އަޝްރަފް އަށް ސަޕޯޓްކުރަން. އެއީ، އައްޔަ އަށް ވެސް އެނގޭނެ. އަނެއްހެން އައްޔައާ ދެކޮޅަށް ހުރީކީއެއް ނޫން. އެކަމަކު މީތި ބޭނުންވެގެންކަން،" އާމިން ބުންޏެވެ.
ފައިނަލް ހީޓަށް ފަހު އާމިން (ކ) ކުޑަ އައްޔަ ގައިގައި ބައްދާލައިގެން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ގައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން އާމިން އަށް ލިބުނީ ކުޑަ އައްޔަ އަށް ވުރެން 20 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި ފަހަރުގެ ގައުމީ ލީގުގެ ތިން މުބާރާތުގެ ވެސް މެންސް އޯޕަން ބައިގެ ރަނަރަޕަށް ދިޔަ ކުޑަ އައްޔަ ވަނީ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ވެސް ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އާމިން ބުނީ މުޅި ސީޒަން ދިޔައީ ބޭނުންވި ގޮތަށް ކަމަށެެވެ. ޖޫނިއާ ލީގު ޗެމްޕިއަންކަން އިޔަން އަށް ލިބުމަކީ ވެސް ބޮޑު ހިތްހަަމަޖެހުމެއް ކަމަށް އާމިން ވަނީ ބުނެފަ އެވެ.
"މި ހަމަ އާމިން، ދާން ބޭނުންވި ގޮތަށް މުޅި ސީޒަން ދިޔައީ، އިޔަންއާ އެކީ ލީގުގައި މޮޅުވެފައި. އައްޔައާ އެކީގައި ދެތިން ފައިނަލް އަޅަން ލިބި، މުޅި ސީޒަން ތެރޭގައި، ޓައިޓަލް އަށް ކޮމްޕީޓްކުރީ އައްޔައާ، އައްޔަ އަކީ އެންމެންނަށް ވެސް އެނގޭ ގޮތުގައި އެންމެ މޮޅު ރާޅާއަޅާމީހާ، އެހެންވީމަ، އާމިން އެންމެ ބޭނުންވި ގޮތަށް ލީގު މިދިޔައީ،" އާމިން ބުންޏެވެ.
މި ފަހަރުގެ ލީގު ޗެމްޕިއަންކަން އާމިން ހޯދީ ޖުމްލަ 3460 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ކުޑަ އައްޔަ އަށް ލިބުނީ 3440 ޕޮއިންޓް އެވެ. ތިން ވަނަ ހޯދި މުހައްމަދު ކައިފް އަށް ލިބުނީ 2680 ޕޮއިންޓް އެވެ. ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދައިގެން ގައުމީ ސްކޮޑަށް އެރި، އަޝްރަފް އަށް ލިބުނީ 2610 ޕޮއިންޓެެވެ. އަންނަ އަހަރުގެ ގައުމީ ސްކޮޑުގައި ހިމެނެނީ މި ހަތަރު ބޮޑީބޯޑަރުންނެވެ.
ލީގު ޗެމްޕިއަންކަން އާމިން އަށް: ސީޒަން ދިޔައީ ބޭނުންވި ގޮތަށް ލީގު ޗެމްޕިއަންކަން އާމިން އަށް: ސީޒަން ދިޔައީ ބޭނުންވި ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ