ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ފޫވެއްޓިފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް އިންތިހާއަށް ބުރަ އާއި ތަކުލީފާ ކުރިމަތިލާން ޖެހޭނެ އަހަރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މިތާ ތިބެގެން ސަނާތޯ ކިޔަންވީ. ވަދެބަލަ ގޮސް ރާއްޖެ ތެރޭގެ ގޭގެއަށް، މާލޭގެ ގޭގެއަށް، ރައްޔިތުން ރުޅި އައިސް ތިބި ވަރު ފެންނާނެ. އެއީ ދެނެގަންނަންވީ ކަމަކީ. ހެޔޮ ވެރިކަމެއް ކުރަން އައިސް ހެޔޮ ވެރިކަމެއް ކޮށްދޭންވީ. ސަރުކާރު އެއީ މުޅި ދައުލަތުގެ އެންމެ ބޮޑަށް ރައްޔިތުންނަށް ވަޒީފާ ދޭ ތަންތަނަށް ވެގެން ތަންތަނުގެ ޖޯލިފަތި ފުރިޔަކަސް އެ ހިންގެނީ އިގުތިސޯދީ ހަރަކާތެއް ނޫން،" ޣަފޫރު ވިދާޅުވި އެވެ.
އެ ގޮތަށް ވަޒީފާ ދިނުމަކީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ވައްކަން ކުރުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ފެނަކައިގެ ޖޯލިފަތި ފުރައިގެން އިގުތިސޯދީ ހަރަކާތެއް ކުރިއަށްނުދާނެ ކަމަށާއި އެ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ގައުމެއްގެ ސިފަ މިތަނުން ކެނޑިގެން މިދަނީ. މީއީކީ ނޫން ގައުމު އޮންނަން ޖެހޭ ހާލަތަކީ. ވައްކަން ކުރަން ވެސް މި ތިބީ ވައްކަން ކުރަން ނުދަންނަ ބައެއް."
ރައްޔިތުން ތިބީ ދަތި ހާލުގައި ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަން ހުރީ ދުވަހަކު ވެސް ނުދާހާ ދަށް ފެންވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ހުރިހާ ކަމެއް އިބިލީހުގެ ކައިވެންޏަށް ވަމުންދާ ކަމަށް މަޖިލީހުގައި އިންނަވާ އެންމެ ތަޖުރިބާކާރު އެއް މެންބަރު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ ވާހަކަ ވެސް މި ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓަކުން ފެންނަން ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ސަރުކާރު ހިންގުމުގައި ލަދު ހަޔާތް ކެނޑުނީމައި ރައްޔިތުންނަށް ވާނެ ގޮތް ވިސްނަވާ. ރޯމާދުވާލު ވައްކަމުގެ ބޮޑެތ ސިލްސިލާތަކެއް ހިންގަމުން ދަނީ. އެހެނެއް ނޫން ކަންކަން ކުރަން ޖެހެނީ. އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން،" ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.
"ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ފޫވެއްޓިއްޖެ، ކުރިއަށް އޮތީ އިންތިހާއަށް ބުރަ އާއި ތަކުލީފު އޮތް އަހަރެއް" "ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ފޫވެއްޓިއްޖެ، ކުރިއަށް އޮތީ އިންތިހާއަށް ބުރަ އާއި ތަކުލީފު އޮތް އަހަރެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ