ލަންކާއަށް ވިއްސާރަ އައްޔެއް ނުވޭ، މާދަމާވެސް ވަރަށް ވިއްސާރަ
މާދަމާ އިން ފެށިގެން ސްރީ ލަންކާގައި މިހާރު އޮތް ވިއްސާރައިގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލިޖީން ބުނެފިއެވެ. އެގޮތުން، އުތުރު، މެދު އުތުރު، އިރުމަތީ އަދި މެދު ތެރޭ ޕްރޮވިންސްތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި، މެންދުރު ފަހުން އެހެން ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ، ގުގުރުންވެސް އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. ފަރުބަދަމަތީގެ ސަރަހައްދުތަކާއި އުތުރާއި މެދު އުތުރާއި ހުޅަނގު އުތުރު ޕްރޮވިންސްތަކަށް ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަންކެސަންޗުރައި އިން ފެށިގެން ޕޮޓޫވިލް އާއި ޓްރިންކޮމާލީ އާ ހަމައަށް އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ވައިޖެހޭ މިންވަރު ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދު ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ކޮލަމްބޯގެ ބޭރުގައި އޮންނަ ކަޑޫވެލާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައި. ފޮޓޯ/އޭއެފްޕީ ގުގުރުމާއެކު ވާރޭ ވެހޭނެތީ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވެ ތިބުމަށް އާންމުންނަށް ވަނީ އަންގާފައެވެ. މިދިޔަ މަހު 28 ގައި ލަންކާއަށް އެރި ތޫފާން 'ދީތްވާ' ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަންނަން މަސައްކަތްކުރަމުންދާއިރު، ތޫފާންގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 644 އަށް އުފުލިފައެވެ. ހާދިސާތަކުގައި 183 މީހުން ވަނީ ގެއްލިފައެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ތޫފާންގެ ސަބަބުން ލަންކާގެ 385،093 އާއިލާއަކުން ޖުމްލަ 1،344،898 މީހުންނަށް ވަނީ އަސަރު ކޮށްފައެވެ. ޑީއެމްސީން ބުނީ 6،163 ގެ އެއްކޮށް ހަލާކުވެފައިވާއިރު، އެކި ސަރަހައްދުތަކުން އިތުރު 112،171 ގެއަކަށް ގެއްލުން ލިބިފައިވެއެވެ. ޑިސްޓްރިކްޓް އޮތޯރިޓީތަކާއި ޓްރައި ފޯސްތަކާއި ކަމާބެހޭ އެހެން އިދާރާތަކާއި ގުޅިގެން ރިލީފް އޮޕަރޭޝަންތަކާއި ސާޗް އެންޑް ރެސްކިއު މަސައްކަތްތަކާއި ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައެއް ސަރަހައްދުތަކުގެ މޫސުން އަދިވެސް ރަނގަޅު ނުވާތީ، އާންމުން ސަމާލުވުމަށް ޑީއެމްސީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ