މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރަން އުޅުން: "އަމިއްލަ ކުންފުނިތައް ބަނގުރޫޓްވެ، ބަންދުކުރަންޖެހުމުގެ" ކަންބޮޑުވުން

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ކަނޑުމަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމާއެކު މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މޯލްޑިވްސް ސީފުޑް ޕްރޮސެސާޒް އެންޑް އެކްސްޕޯޓާޒް އެސޯސިއޭއަޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އެސޯސިއޭޝަނަށް ކަންބޮޑުުވުންތައް ހިއްސާކުރަމުން އަންނަކަމަށް ބުނެފައެވެ. https://sun.mv/211663 އެގޮތުން މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ފާހަގަކުރާ ގޮތުގައި، ކަނޑުމަހުގެ ގަންނަ އަގަށް ގެންނަން ހުށަހަޅާފައި ބަދަލަކީ، ބައިނަލްއަޤްވާމީ މާކެޓްތަކަށް ދެމެހެއްޓެނިވި އުސޫލަކުން މަސް އެކްސްޕޯޓްކުރުމަށް ހުރަސްއެޅޭފަދަ މިންވަރެއްގެ ބޮޑު އަގެއްކަމަށް އެސޯސިއޭޝަނުން ބުންޏެވެ. އަދި މި ބަދަލުގެ ސަބަބުން، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ އެސޯސިއޭޝަންގެ މެންބަރުން ދެކޭކަމަށް ވަނީ ބުނެފައެވެ. "މިގޮތުން ދިވެހި މަސް ބޭރު މާކެޓްތަކަށް ގަނެވޭވަރަށް ވުރެ އަގު ބޮޑުވުމުގެ އިތުރުން، މި ސިނާޢަތުގައި ޚަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ބަންގުރޫޓްވެ، އެ ފަރާތްތަކުގެ ފެކްޓްރީތައް ބަންދުކުރަންޖެހުމަކީ އެކަށީގެންވާކަމެއްކަމުގައި ދެކެމެވެ،" ބަޔާނުގައިވެއެވެ. އެ އެސޯސިއޭޝަނުން ބުނީ، ވަގުތީ ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި މިގޮތަށް މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރުމަކީ މި ސިނާޢަތަށް މީގެކުރިން ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން، 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މި ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށާއި މިފްކޯއަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެދޭކަމަށް އެސޯސިއޭޝަނުން ބުންޏެވެ. އަދި ބޮޑެތި އިންވެސްޓްކޮށްގެން އަމިއްލަ ކުންފުނިތަކުން ޤާއިމްކޮށްފައިވާ ކޭނަރީތައް ބަންދުކުރަން ޖެހުމުގެ އިތުރުން، އަދިވެސް އެ ތަންތަން އޮޕަރޭޓްކުރަން ނުފެށިވަނީ އެހެންވެ ކަމަށް ވެސް ސަބަބާއި ވަނީ ފާހަގަކޮށްފައެވެ. "މީގެ އިތުރުން، މިކަމުގެ ސަބަބުން މިފްކޯއަށް މަސްކިރަންޖެހޭނީ ނުހަނު ބޮޑު ގެއްލުމެއްގައި ކަމަށާއި، މި ގެއްލުން ފޫބައްދަން ޖެހޭނީ ދިވެހި ދައުލަތުގެ ބަޖެޓުންކަމަށް ވީހިނދު، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދިވެހި ދައުލަތަށްވާނެ ވަރަށް ބޮޑު ގެއްލުމެއްކަމުގައި ފާހަގަކުރަމެވެ،" އެސޯސިއޭޝަންގެ ބަޔާނުގައި ބުންޏެވެ. އަދި މަސް ގަންނަ އަގު 16 ރުފިޔާގައި ހުރިއިރު ވެސް މިފްކޯ ހިންގަމުން އައީ ގެއްލުމުގައި ކަމަށް ވެފައި، މި އަދަދު 25 އިންސައްތައަށް އިތުރުކޮށް 20 ރުފިޔާއަށް އަށް ބޮޑުކުރުމުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ. އަދި ހަމައެއާއެކު، މިފްކޯގެ ޚިދުމަތް ނުލިބޭ ސަރަޙައްދުތަކުގައި މަސް ގަތުމުގައި އަމިއްލަ ކުންފުނިތަކުން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށާއި، މިފްކޯއަށް ކިރުވާމަހުގެ އަގު ބޮޑުކޮށްފިނަމަ، ހާމަވަނީ މިހާރުގެ ސިޔާސަތުގައި ހުރިހާ މަސްވެރިންނަށް ހަމަހަމަ ފުރުޞަތު ނުލިބުމުގެ މައްސަލަކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އަމިއްލަ ފަރާތްތަކުން ކަނޑުމަސް އެކްސްޕޯޓްކުރުން އިތުރުވަމުން އަންނަ ނަމަވެސް، މަސް ގަންނަ އަގު ބޮޑުކުރުމުގެ ސަބަބުން އެކްސްޕޯޓްކުރުމުގެ ވާދަވެރިކަން ދަށްވެ، މިކަމުގެ ސަބަބުން ކުރާނެ ބައެއް ނޭދެވޭ އަސަރުތައް ވެސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި: ކަނޑުމަހުގެ އެކްސްޕޯޓް މިންވަރު ދަށްވުން. ދިވެހިރާއްޖެއަށް ލިބޭ ބޭރު ފައިސާ (ޔޫއެސް ޑޮލަރު) ގެ މިންވަރު ދަށްވުން. މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު ގެއްލުން. ސިޔާސަތާއި މާކެޓާ ގުޅޭ ޔަޤީންކަން ނެތުމުގެ ސަބަބުން ބޭންކުތަކުން ކުންފުނިތަކަށް ފައިނޭންސްކުރުމަށް ފަސްޖެހުން. ރާއްޖޭގެ މަހުގެ އެކްސްޕޯޓް މާކެޓް ޝެއާ ދަށްވެ އެހެން ޤައުމުތަކަށް އެ ފުރުޞަތު ފަހިވުން. ވެލިއު އެޑިޝަންގެ ފުރުޞަތު ގެއްލުން. މި އެސޯސިއޭޝަނުން ބުނި ގޮތުގައި، މިހާރު މުހިންމީ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި މަސްވެރިން ހިމެނޭހެން ހުރިހާ މަސްވެރިންނަށާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ، ސަބްސިޑީ މޮޑެލްއެއް އެކުލަވާލުމެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން މަސްވެރިކަމަށް ދެވޭ ސަބްސިޑީއަކީ ސީދާ ދިވެހި މަސްވެރިޔާއަށާއި މަސްވެރިކަމުގެ ސިނާޢަތަށް ފައިދާވާ ގޮތަށް ފަރުމާކުރެވިފައިވާ ސިޔާސަތެއްގެ ދަށުން ދެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ. އަދި ހަމައެކަނި ކުރު މުއްދަތެއްގައި މަދު މަސްވެރިންކޮޅަކަށް އެކަނި މަންފާ ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރުމުގެ ބަދަލުގައި، މެދު އަދި ދިގުރާސްތާގައި ދިވެހި މަސްވެރިންނަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ނަފާ ލިބޭގޮތަށް ސިޔާސަތު ފަރުމާކުރުން މުހިންމުކަން އެސޯސިއޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ