މަސްތުވާން ތިއްބައި ރަސްގެތީމުން ހަތް ފިރިހެނުންނާއި ދެ އަންހެނުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް، ނުވަ މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ނުވަ މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަތަރު ރަށަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި ހަތް ފިރިހެނުން ހިމެނެއެވެ. އެއީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ 23 އަހަރުގެ މީހަކާއި ، 30 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހަކާ 38 އަހަރުުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ރަސްގެތީމަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނަކާ 41 އަހަރުގެ ފިރިހެނެއް، ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މި ނުވަ މީހުންގެ ތެރޭގައި ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންހެނަކާ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެއް ހިމެނެއެވެ. ފުލުހުން ބުނީ މި އެންމެން ހައްޔަރުކުރީ ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43،500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. https://sun.mv/213352 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ފަސް މީހުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހު ލ. ދަނބިދޫއާއި ލ. ގަމުގައި ވެސް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެެއް ކުރިއަށް ގެންގޮސްފައެވެ. ފުލުހުން ބުނީ ދަނބިދޫގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިގެން އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ދަނބިދޫ ބަނދަރުމަތީގައި ހުރެ، ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެއެވެ. މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިގެން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް، ގަމުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރީ އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. https://sun.mv/213388 ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،620 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ