އެއް އާއިލާއަކަށް ދެ ފުލެޓެއް ނުދެން: އަކްރަމް
މީގެ ކުރީގެ ހައުސިން މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ދެމަފިރިންނަށް ވެސް މިދިޔަ ސަރުކާރުގައި ގޯއްޗާއި ފްލެޓު ދީފައިވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހެއްދެވީ އިތުރުފުޅެއް ކަމަށް ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު ކުރީގެ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގެ ހައުސިން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެގޮތަށް އެއްވެސް ބަޔަކަށް ފްލެޓް ދީފައިނުވާނެ ކަމަށެވެ."މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެން ސަރުކާރުގައި 900 އެތައް ބަޔަކަށް އަޅުގަނޑުމެން އެގޮތަށް ފްލެޓް ދިނޭ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. އެއީ އޮޅުވާލުމެއް،" އަކްރަމް ވިދާޅުވި އެވެ.އަކްރަމް ވިދާޅުވީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކުރިން ފްލެޓް ލިބިފައިވާނަމަ، އެ މީހުންނަށް ފްލެޓް ދޭން އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށެވެ. އަދި ފްލެޓަށް އެދި އަނބިމީހާ އާއި ފިރިމީހާ ވެސް ވަކިން ފޯމު ހުށަހަޅާފައިވާ ނަމަ، އެ ދެމަފިރިންނަށް އެލޮކޭޓްކޮށްފައި ވާނީ އެއް ފްލެޓެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.އަކްރަމް ވިދާޅުވި ގޮތުގައި ދެމަފިރިން ކުރެ އެކަކަށް ފްލެޓް ކަނޑައެޅުމަށްފަހު، އެއާ މެދު ދެމަފިރިން ގޮތެއް ނިންމަންދެން ފްލެޓް ހުންނާނީ ހޯލްޑްކޮށްފަ އެވެ."މުއްތޮލިބަކަށް އެނގިވަޑައެއްނުގަންނަވާ ވާނުވާއެއް. ދެން އެ ތަނަށްލީ ފައިރޫޒް ކިޔާ ކުއްޖެއް. އެ ކުއްޖާއަކަށް ނޭނގެ ވާނުވާއެއް. އެ ކުއްޖާ ގޮސް ބުނީ ފްލެޓު ނުދީ އެބަތިއްބޭ އެތައް ބައެއް،" އަކްރަމް ވިދާޅުވި އެވެ."ބުނީމާ ހަމަ ވަގުތުން [މުއްތޮލިބު] ވިދާޅުވީ އިއުލާނެއް ކުރައްވާށޭ. އިއުލާނެއް ކުރައްވާފައި 76 މަތިން [މާކްސް ލިބުނު މީހުންނަށް] އަޅުގަނޑުމެން ނުދީ އެބަތިއްބޭ ކިޔާފައި، ފަހުން އެ މީހުން ގުރުއަތުލާނީއޭ ވިދާޅުވެފައި، ފަހުން އެ ބޭފުޅުންނަށް ރެއަކާލީ. އެކަމަކު ރެއަކާލީއިރު މިއޮތީ އަތަށް ގޮވާފައި."މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވެފައިވަނީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހަކު ހިމެނޭ ކަމަށެވެ.އެކަމަކު އެ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ހަދަން ވަރަށް މަސައްކަތް ކުރި ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތުމުން އިތުރު ފްލެޓެއް ނުދެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.މިދިޔަ ސަރުކާރުގައި ގޯތި ދިނުމުގައި ގޯހެއް ހައްދަވާފަ ނުވާނެ ކަމަށް އަކްރަމް ވިދާޅުވިއިރު، 'ގެދޮރުވެރިޔާ' އަދި 'ބިންވެރިޔާ' ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓާއި ގޯތި ދިނުމަށް ލިސްޓުގައި ހިމަނައި ބައެއް ފަރާތްތަކަށް އެ ތަންތަން ދިން ކަމަށް ތުހުމަތުކޮށް، އަކްރަމް ހިމެނޭހެން، އެ މިިނިސްޓްރީގެ އިސް ތިން މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ