ފީފާ ވޯލްޑް ކަޕްގެ ޖާގަ 28 ގައުމަކުން ހޯދައިފި ފީފާ ވޯލްޑް ކަޕްގެ ޖާގަ 28 ގައުމަކުން ހޯދައިފި

ޕެރިސް (އޮކްޓޫބަރު 16) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕުން 28 ގައުމަކުން ޖާގަ ހޯދައިފި އެވެ.
ޖުމްލަ އެކު، 48 ގައުމާ އެކު، އަންނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު އެމެެރިކާގެ ނިއު ޖާޒީގައި ފަށާނެ އެެވެ. އެ މުބާރާތުގެ ފުރަތަމަ ތިން ޖާގަ ލިބިފައިވަނީ، ހޯސްޓުންގެ ގޮތުގައި، އެމެރިކާ، މެކްސިކޯ އަދި ކެނަޑާ އަށެވެ.
މި ވަގުތަށް ބަލާއިރު، އެންމެ ގިނަ ގައުމު ކޮލިފައިވެފައިވަނީ، އެފްރިކާ އިންނެވެ. އެ ގޮތުން، އެފްރިކާ އިން ވަނީ ނުވަ ގައުމެއް ކޮލިފައިވެފަ އެވެ. އެއީ، 500،000 މީހުންގެ އާބާދީގެ ކޭޕް ވާޑްގެ އިތުރުން، މިސްރު، ގާނާ، ޓިއުނީޝިއާ، އަލްޖީރިއާ، އައިވަރީ ކޯސްޓް، މޮރޮކޯ، ސެނެގާލް އަދި ދެކުނު އެފްރިކާ އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކުން ވޯލްޑް ކަޕްގައި މި ކުޅެނީ މެދުކެނޑުމަކަށް ފަހު އެވެ.
ދެ ވަނަ އަށް އެންމެ ގިނަ ގައުމުން ވޯލްޑް ކަޕްގެ ޖާގަ ހޯދާފައިވަނީ އޭޝިއާ އިންނެވެ. އެ ގޮތުން، އޭޝިއާ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދައިފައިވަނީ، މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާނެ ޖޯޑަން އާއި އުޒްބެކިސްތާންގެ އިތުރުން، އޮސްޓްރޭލިއާ، އިރާން، ޖަޕާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ދެކުނު ކޮރެއާ އެވެ.
ޔޫރަޕުން ފީފާ ވޯލްޑް ކަޕްގެ ޖާގަ މިހާތަނަށް ހޯދާފައިވަނީ، އިންގްލެންޑުން އެކަންޏެވެ. އެކަމަކު، އަންނަ މަހުގެ ކޮލިފައިން މެޗުތަކުގައި އިތުރު ގައުމުތަކުން ޖާގަ ކަށަވަރުކުރާނެ އެވެ. އަދި، އޯޝެނިއާ އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފައިވަނީ، ނިއު ޒީލެންޑް އެވެ.
ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ކޮލިފައިން ނިންމާލައިފައިވާއިރު، ޖާގަޔަގީންކުރީ ގަދަ ދެ ބާރު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން، ކޮލަމްބިއާ، އުރުގުއޭ، އެކުއެޑޯ އަދި ޕެރަގުއޭ އެވެ. ދެކުނު އެމެރިކާ އަށް ލިބޭ ޕްލޭއޮފްގެ ޖާގަ ހޯދީ ބޮލިވިއާ އިންނެވެ.
ފީފާ ވޯލްޑް ކަޕްގެ ހުރިހާ ޖާގައެއް ޔަގީންވާނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، މުބާރާތުގެ ގުރުއަތުލުން އަންނަ ޑިސެމްބަރު މަހު ފަސް ވަނަ ދުވަހު ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ