'ކަލްކީ'ގެ ޓީމާ ޕްރިޔަންކާ ގުޅެނީ؟
ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން 2024ގައި ގެނެސްދިން ސައިންސް ފިކްޝަން "ކަލްކީ 2898AD"ގެ ދެވަނަ ބަޔަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ގެނައުމުގެ މަޝްވަރާތަކެއް ކުރާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ބޮލީވުޑް ޚަބަރުތައް ބުނާގޮތުން ޕްރިޔަންކާއަށް ހުށަހަޅާފައިވަނީ ދެވަނަ ފިލްމުގައި ބަތަލާ ދީޕިކާ ޕަދުކޯންއަށް ހުށަހެޅި ރޯލެވެ. ޕްރިޔަންކާ ފިލްމަށް ގެނައުމާމެދު ވިސްނީ، ބަތަލާ ދީޕިކާއާއި ފިލްމުގެ ޓީމާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ދީޕިކާ ފިލްމުން ވަކިވާން ނިންމުމުންނެވެ. ފިލްމު "ކަލްކީ"ގެ ޕްރޮޑަކްޝަން ޓީމުން އެކަން ކަށަވަރުކޮށްދީފައިނުވާއިރު ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ސައުތު ބަތަލާ ސައި ޕައްލަވީއަށް ވެސް "ކަލްކީ2"ގެ ރޯލްތަކެއް ހުށަހެޅުމާ މެދު އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ. އެހެންކަމުން އިންޑިއާގެ ބަތަލާ ޕްރިޔަންކާއަށް ހުށަހަޅާފައިވަނީ ސީދާ ދީޕިކާ ދޫކޮށްލި ރޯލްކަމެއް އަދި ޔަގީނެއް ނުވެއެވެ. ޕްރިޔަންކާ އަދި ދީޕިކާ އެކީގައި މަސައްކަތްކުރި ފިލްމު "ބަޖިރާއީ މަސްތާނީ"ގެ މަންޒަރެއްގައި ދެ ތަރިން--ފޮޓޯ/އެންޑީޓީވީ ބަތަލާ ދީޕިކާ ފިލްމު "ކަލްކީ 2"އިން ވަކިވާން ނިންމީ ބަތަލާ މި ފަހުން ޑިމާންޑުކުރަމުން އަންނަ ޝޫޓިން ވަގުތު ކުޑަކުރުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އަލަތު ދަރިފުޅު ލިބުމަށް ފަހު އާއިލާއަށް ވަގުތުދީ ދަރިފުޅަށް ވަގުތު ހުސްކުރުމުގެ ގޮތުން ދީޕިކާ ވަނީ އަށް ގަޑިއިރަށްވުރެ ގިނަ ވަގުތު ފިލްމު ޝޫޓިންގައި ހޭދަނުކުރެވޭނެ ކަމަށް ބުނެފައެވެ. އެ ނިންމުމާ ގުޅިގެން ބަތަލާއަށް ފިލްމު އިންޑަސްޓްރީން ގިނަ ފުރުސަތުތަކެއް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" ވެސް ހިމެނެއެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މިހާރު ފިލްމީ ކެރިއަރު ފަށާފައިވާ ބަތަލާ ވަނީ ދިގު މުއްދަތަކަށް ފަހު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އެނބުރި އަންނަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އިންޑިއާގެ ފިލްމުތަކުން ނުފެންނަތާ އަހަރުތަކެއްވުމަށްފަހު ބަތަލާ ވަނީ ސައުތު ސިނަމާގެ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމަކަށް ސޮއިކޮށް އެ ފިލްމުގެ ޝޫޓިން ވެސް ފަށާފައެވެ. "ވަރަނަސީ"ގެ ނަމުގައި ރާޖާމޮލީ ގެނެސްދޭ މި ފިލްމުގެ އެކްޓަރުންނަކީ މަހޭޝް ބާބޫ އަދި ޕްރިތުވީރާޖް ސުކުމަރަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ