މަދޫރީ އާއި ތުރިޕްތީގެ ފިލްމުގެ ނަމަކީ 'މާ ބެހެން'ކަން ރަސްމީކޮށް އިއުލާނުކޮށްފި

މީގެކުރިންވެސް ފިލްމެއްގައި އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓް އާއި ތުރިޕްތީ ދިމްރީގެ ދެވަނަ ފިލްމުގެ ނަމަކީ "މާ ބެހެން" ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ފިލްމަކީ ނެޓްފްލިކްސް އާއި އަބުންދާތިއާ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. "މާ ބެހެން"ގެ މާނަ އަކީ މަންމަ އާއި އަންހެން ކޮއްކޮ ކަމަށްވިޔަސް ފިލްމުގައި ތުރިޕްތީ ކުޅެން ހަމަޖެހިފައި ވަނީ މަދޫރީގެ ދަރިފުޅުގެ ރޯލެވެ. އެހެންކަމުން ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައިވާ ގޮތުން މަންމަ އަކާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ގެނެސްދޭނީ އެކުވެރިކަމުގެ ގުޅުން ވެސް ދައްކުވައިދޭ ކަހަލަ ގޮތަކަށްކަން ފިލްމުގެ ނަމުން ދޭހަވައެވެ. ތުރިޕްތީގެ އެންމެފަހުން ރިލީޒްވި ފިލްމު "ދަޅަކް 2"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "މާ ބެހެން"ގެ ޑައިރެކްޓަރަކީ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ތުމާރީ ސުލޫ"ގެ ޑައިރެކްޓަރު ސުރޭޝް ތުރިވޭނީއެވެ. ބަތަލާ މަދޫރީ އާއި ތުރިޕްތީ މުހިއްމު ރޯލް ކުޅޭ މި ފިލްމުގައި ވެސް ކޮމެޑީއާ އެއްވަރަށް އެކްޝަން އަދި ހިތާ ކުޅެލާ ކަހަލަ ޖަޒުބާތުތަކެއް ސުރޭޝް ތުރިވޭނީ ހިމަނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަދޫރީ އާއި ތުރިޕްތީގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ޝަރްދުލް ބަރަދުވާޖް، ދާރުނާ ދުރުގާ އަދި ރަވީ ކިޝަން ހިމެނެއެވެ. މަދޫރީ އާއި ތުރިޕްތީ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ ޑައިރެކްޓަރު އަނީޒް ބަޒްމީގެ ބިރުވެރި ފިލްމު "ބޫލް ބުލައްޔާ 3"އެވެ. ފިލްމުގައި ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދިޔައިރު އިތުރު ފިލްމަކުން ދެ ތަރިން ފެންނާނެ އިރަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ބޮލީވުޑްގެ އެންމެ ޑިމާންޑު އޮންނަ ޒުވާން ބަތަލާއިންގެތެރޭ ހިމެނޭ ތުރިޕްތީގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ލޯބީގެ ފިލްމު "ދަޅަކް 2"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ