ދިވެހި މަސްވެރިކަން 'ޑިޕެންޑެންސީ' ގެ ކަސްތޮޅުން މިންޖުކުރުން ދިވެހި މަސްވެރިކަން 'ޑިޕެންޑެންސީ' ގެ ކަސްތޮޅުން މިންޖުކުރުން

މަސްވެރިކަމަކީ ދިވެހި އިގްތިސާދުގެ ލޭނާރޭ ބުނި މީހަކު އެހެން ބުނީ، އެ ވާހަކަ ބުނި ޒަމާނެއްގައި އެކަން އެހެން އޮތީމާ ކަން ގައިމެވެ. ދިވެހި ސަރުކާރުތަކުން ވެސް އެއީ ޝިއާރެއް ކަމުގައި ބަލައިގަނެ، އެ ލޭނާރުގެ ދިފާއުގައި ކޮށްދީފައި އޮތީތީ ފެންނާން ހުރި އެންމެ ބޮޑު ހިދުމަތްތަކަކީ މަސްވެރިކަމާ ގުޅޭ ލަވަ ހެދުމާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމާއި، އެވޯޑު ދިނުމެވެ. ދެން، ކުރެވުނު ކަމަކީ، ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ބެލުމެއް ނެތި 'ހަމަ އަގު' ގެ ނަމުގައި 'ނުއަގާއި' 'ބޮޑުއަގު' ދީ، މަސްވެރިކަމުގެ އިގުތިސާދީ ހަގީގަތްތައް އޮޅުވާލުމެވެ. ސަރުކާރުތަކަށް އައްސަރިބަހުން ސާބަހެވެ.
ދިވެހި ކަނޑުގައި ހުރި މަހަކީ 'މަތިން ދެއްވި ރޯދިބަރަކާތް' ކަމަށް ކިޔައިގެން އުޅޭ ބަޔަކު އެ ރިޒުގަށް ޝުކުރުވެރިވާން ޖެހެ އެވެ. ޝުކުރުވެރިވުމަކީ، މި ކަނޑުތަކުގައި ހުރި މަހަކީ ކެއުމުގެ އިތުރުން އަޅުގަނޑުމެންގެ އެހެން މުހުތާދުތައް ވެސް ފުއްދުމަށް މިންވަރުކުރެއްވި ވަސީލަތެއް ކަމަށް ގަބޫލުކޮށް، އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމެވެ. މަސްވެރިކަމުން ނަފާ ހޯދުމަށް ކުރެވޭނޭ ކަންކަމާމެދު ވިސްނާންވީ ހަމައެކަނި ސަރުކާރުތަކަކުންނެއް ނޫނެވެ. އަޅުގަނޑުމެން އާންމު ރައްޔިތުން ވެސް އެކަމުގައި ސިކުނޑި ހިންގައި ފެންނަ އެއްޗެއް ކިޔާން ޖެހެ އެވެ. 'ހަމަ އަގު ދޭން' ގޮވާލުމުގެ އިތުރުން އެ ބުނާ ހަމަ އަގެއް ނެރެވޭނޭ ގޮތަކާމެދު ވެސް ފިކުރުކުރާންޖެހެ އެވެ.
މި ލިޔުމުގައި ބަލައިލާން މި ގަސްތުކުރަނީ ދިވެހި މަސްވެރިކަމުން ހަގީގީ މަންފާ ނުހޯދޭ ކަމަށް ފެންނަ ބައެއް ސަބަބުތަކަކަށާއި، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނޭ ކަމަށް ފެންނަ ބައެއް ކަންކަމުގެ މައްޗަށެވެ. މި ލިޔުމުގެ ބިނާއަކީ، ނަވާރަސަތޭކަ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ފަލްސަފާވެރިން ބަހުސްކުރި 'ޑިޕެންޑެންސީ ތިއަރީ' އެވެ.
އިގުތިސާދުގައި ދުނިޔެ ބެހިފައި އޮތީ ދެބަޔަކަށެވެ. އެއީ ގުލޯބަލް ސައުތު ނުވަތަ ފަގީރު ނުވަތަ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވެފައިވާ ގައުމުތަކެވެ. ޑިޕެންޑެންސީ ތިއަރީ ބުނެދެނީ، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތައް އެހިސާބުން ކުރިއަށް ނުކަނޑައި، ތާށިވެފައި ތިބޭ ސަބަބެވެ. އެއް ޖުމުލައިން ބުނާނަމަ މި ނަޒަރިއްޔާގައި ބުނަނީ، ގިނަ ވަސީލަތްތައް ހުރި ގްލޯބަލް ސައުތު ނުވަތަ ފަގީރު ގައުމުތައް އެ ހާލަތުގައި އެތިބޭ ސަބަބަކީ މުއްސަނދި ގައުމުތަކަށް ބަރޯސާވާންޖެހޭ ގޮތަށް ދުނިޔޭގެ އިގުތިސާދު ބައްޓަންކޮށްފައި އޮތުން ކަމަށެވެ.
މި ނަޒަރިއްޔާ ކިޔައިދޭ ތިއަރިސްޓުން ވަށްބުރެއްގައި ދުނިޔެ ކުރަހާލާއިރު، ދުނިޔޭގެ މެދަކީ މުއްސަނދި ނުވަތަ ތަރައްގީވެފައިވާ ގައުމުތަކެވެ. އެ ވަށްބުރުގެ ހަވާސާގައި ހިމެނެނީ ފަގީރު ނުވަތަ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކެވެ. ގުދުރަތީ ވަސީލަތްތައް ގިނައީ ހަވާސާގައި ހުންނަ ގައުމުތަކުގަ އެވެ. އެހެންނަމަވެސް އެ ވަސީލަތްތަކުން އިތުރު މަންފާ ނެރުމުގެ ގާބިލުކަން ނުހުންނާތީ އެ ގައުމުތަކުން އެފަދަ ތަބީއީ ވަސީލަތްތައް މުއްސަނދި ގައުމުތަކަށް ނުއަގުގައި ވިއްކާލަނީ އެވެ. އެ ގައުމުތަކުން އެއަށް ވެލިއު އެޑްކޮށްގެން، އެ ރޯމެޓީރިއަލް ވިއްކި ގައުމު ވެސް ހިމެނޭހެން ދުނިޔޭގެ ހުރިހައި ގައުމަކަށް އެ ޕްރޮޑަކްޓުތައް ވިއްކައިގެން މުއްސަނދިކަން ހޯދަނީ އެވެ. ޑިޕެންޑެންސީ ތިއަރިސްޓުން ބުރަވާ ގޮތުގައި ދުނިޔޭގެ އިގުތިސާދު ބައްޓަންކޮށްފައި އެއޮތީ އެ ވަށްބުރުގެ ހަވާސާގައި ހުރި ގައުމުތައް އެގޮތުގައި ތާއަބަދު ދެމިތިބޭކަން ކަށަވަރުކުރެވޭނޭ ގޮތަށެވެ. މުއްސަނދި ގައުމުތަކުގެ މުއްސަނދިކަން ދެމެހެއްޓޭނީ އިގުތިސާދުގައި މި ނިޒާމު މިހެން އޮތީމާ ކަމަށް މި ނަޒަރިއްޔާ ކިޔައިދޭ ތިއަރިސްޓުން ބުރަވެ އެވެ.
ރާއްޖޭގެ މިސާލުގައި ބަލާނަމަ އެ ގުދުރަތީ ވަސީލަތަކީ މަހެވެ. އެހެންނަމަވެސް އެ މަސް ޕްރޮސެސްކޮށްގެން އެހެން ޕްރޮޑަކްޓެއް އުފައްދައިގެން އެއަށް އަގުއިތުރު ކުރުމުގެ ގާބިލުކަން ރާއްޖެއަކު ނެތެވެ. އެހެންވެ، ރާއްޖެއިން ކުރާ ކަމަކީ އެ މަސް ރޮލާ ބާއްވައިގެން 'ދުނިޔޭގެ މެދުގެ ގައުމަކަށް' ނުއަގުގައި ވިއްކާލުމެވެ. އެ ގައުމުން ރާއްޖެއަށް އަގު ދޭނީ ކިލޯ ކިރައިގެން، ބައެއް ބާކީކޮށްލައިގެން އެވެރިން ގަބޫލުކުރާ މިންގަނޑަށް ފެތުނު ރޯމަސް ކޮޅަށެވެ.
އޭގެ ފަހުން އެ ގައުމުގައި އެ މަސް ޕްރޮސެސްކޮށްގެން އެކިއެކި ޕްރޮޑަކްޓުތައް އުފައްދައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ބޮޑުއަގުގައި ވިއްކަ އެވެ. ސޫޝީއާއި، އޮޅު ޖަނަވާރަށް ދޭ ކާނާއާއި، ގަސްކާނާއާއި މަސްތެޔޮ ފަދަ ޕްރޮޑަކްޓްތައް އުފައްދަނީ އެ ގައުމުތަކުންނެވެ. އަޅުގަނޑުމެން އެތަކެތި ބޭނުންވީމާ ކުރާ ކަމަކީ އެތަކެތި އިމްޕޯޓު ކުރުމެވެ. ރޯމަހަށް ދިން ފައިސާކޮޅު އަލުން އެއްކަލަ ގައުމުތަކަށް ދެނީ އަތުން އިތުރަށް ލައިގެންނެވެ. މިއީ ނިމުމެއް ނެތް ވިހަބުރެކެވެ.
މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުން 2004 ވަނަ އަހަރު ޝާއިއުކުރި ރިވިއުގައި ބުނާ ގޮތުން ރާއްޖޭގައި އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން އޮންނަތާ 750 އަހަރަށްވުރެ ގިނަވެއްޖެ އެވެ. އެ ދާއިރަށް އާދަޔާ ހިލާފު ކުރިއެރުމެއް ލިބިގެން ދިޔައީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެހެންނަމަވެސް، އަދިވެސް އެއީ ރާއްޖޭގެ އިގުތިސާދުގެ ފުރަތަމަ ދާއިރާއެއް ނޫނެވެ. މަސްވެރިކަން ގުނެނީ ފަތުރުވެރިކަމުގެ ފަހަތުންނެވެ. އެއީ އެ ރިޕޯޓު ހެދިއިރުގެ ހާލަތެވެ. މިހާރުގެ ހާލަތަކީ ކޮބައިތޯ ސާފުނުކުރެވި އޮތީ އެ މައުލޫމާތު ހޯދަން 'އާރުޓީއައި އެއް ލައިފިނަމަ އެކަމަށް ހިނގާފާނޭ ހޭދައިގެ ބޮޑުކަން' ހިތަށް އަރައި ހަމަ އެއްގޮތަކަށް ވެސް އެކަން ކުރާން ނުކެރިގެންނެވެ.
އެ ރިޕޯޓުގައި ބުނެފައި އޮތް ގޮތުން ރާއްޖޭގައި ކުރާ މަސްވެރިކަމުގެ 98 އިންސައްތައަކީ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަމެވެ.
ބޭރުފުށުން ބަލާއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކޮންޓްރޯލްކުރަނީ ދިވެހިންނެވެ. އެހެންނަމަވެސް، އިގުތިސާދީ ނަޒަރަކުން ބެލީމާ، ދިވެހިންނަށް މި އަދާކުރެވެނީ ލޭބަރުންގެ ނުވަތަ މަޖޫރީ ދައުރުކަމަށް ބުރަވާން ޖާގަ ލިބެ އެވެ. އެއީ ކަނޑު ހާވައިގެން މަސް ހޯދުމާއި، ބޭނުމާއި، އެ މަސް ހަލާކުވިޔަ ނުދީ ބެލެހެއްޓުމާއި، އޭގެ ފަހުން 'ހަގީގީ ވެރިފަރާތަށް' މަސް ވިއްކާލުމެވެ. މިހެން މިކަން އޮތަސް، މަސްވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ހޯދުމަށްޓަކައި ރާއްޖޭގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ ރާއްޖެއިން ކުރާ ނަމޫނާ މަސައްކަތެކެވެ. ގާނޫނުތަކުން ހިމާޔަތް ހޯދައިން، އަވަށްޓެރި ގައުމުތަކުގެ މަދަދާއެކު އަޅުގަނޑުމެން އެކަން އެބަ ކުރެ އެވެ.
ގުދާރު ބިނދޭ ވަރަށް ލަކިޖަހައިގެން، އެއްޗަކުން އެއްޗަކުން އޮޑިއަށް އެތެރެކޮށް، އޮޑިފުރާލާ މަސްވެރިންގެ ވިސްނުން ހުއްޓިފައި އޮންނަނީ ހަފުތާކޮޅަށް، ނުވަތަ މަސް ނިމޭއިރަށް ލިބޭނޭ ފައިސާކޮޅުގެ މައްޗަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މަސްވެރިކަމުގެ ނިޒާމު އޮތީ އޮޑީގެ އާމްދަނީގެ ބޮޑުއިންސައްތައެއް ފަޅުވެރިންނަށް ލިބޭ ގޮތަށެވެ. އެއީ ވިޔަފާރިއެއް ހިންގާން އެންމެ އިންސާފުވެރި ގޮތް ކަމަށް އަޅުގަނޑަށް ފެނެ އެވެ. މިހެން ދެންނެވިޔަސް އެކި ރަށްރަށުގައި 'ފައިސާ ބެހުމުގައި' އަމަލުކުރާ ގޮތް ތަފާތެވެ. ބައެއް ރަށްރަށުގައި ބޮޑުބައި ލިބެނީ އޮޑިވެރިޔާއަށެވެ.
ރާއްޖެއިން އެކި ގައުމުތަކަށް މަސް އެކްސްޕޯޓުކުރަމުން ގެންދާތާ ޒަމާންތަކެއް ފާއިތުވެއްޖެ އެވެ. ކުރިން ވަރަށް ދިގު އެ ލިސްޓުން އިނގިރޭސިވިލާތާއި ޔޫރަޕު އުނިވީ، އެންމެ ކުޑަކޮށް ތަރައްގީވެފައި ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓަށް އެރި ހިސާބުންނެވެ. އޭގެ ކުރިން ޔޫރަޕިއަން ޔޫނިއަންގެ 'އެވްރިތިންގ ބަޓް އާމްސް' ޕޮލިސީގެ ދަށުން ރާއްޖެއަށް އޮތީ ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުގެ ދޮރު ތަންމިނަށް ހުޅުވާލެވިފަ އެވެ. 'އެވްރިތިންގ ބަޓް އާމްސް' އަކީ އެންމެ ކުޑަކޮށް ތަރައްގީވެފައި ގައުމުތަކަށް ހާއްސަކޮށް ޔޫރަޕިއަން ޔޫނިއަންއިން ތައާރަފުކުރި ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ޑިއުޓީއާ ނުލައި މަސްބޭރުކުރުމުގެ ފުރުސަތު އޭރު އޮތެވެ. އެހެންނަމަވެސް ރާއްޖެއަކީ ތަރައްގީވަމުންދާ ގައުމެއް ކަމަށް ކަނޑައެޅުނު ހިސާބުން އިނގިރޭސިވިލާތަށާއި ޔޫރަޕަށް މަސް ބޭރުކުރުމުގައި 20-24 އިންސައްތައިގެ ޓެރިފެއް އެކަށައެޅުނެވެ. ނަތީޖާއަކަށްވަނީ ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ އަގު އިންތިހާއަށް ބޮޑުވާނެތީ ރާއްޖެއަށް އެ މާކެޓު ބަންދުވުމެވެ.
އޮޅު ޖަނަވާރަށް ކާންދޭ ކާނާއަކީ މިހާރު ރާއްޖެއިން ވެސް ލިބެން ހުރި އެއްޗެކެވެ. އެ ޕްރޮޑަކްޓް އުފެއްދުމުގެ ރޯމެޓީރިއަލްއަކީ ރާއްޖޭގެ އޮޑިއެއްގައި ގަދަ ކަނޑަށް ނުކުތް މަސްވެރިޔާ ބޭނި މަހެވެ. ރާއްޖޭގެ ސަރުކާރުން އެ މަސް ރޮލާ ގަނެ، ގަނޑުކޮށްގެން ޑޮލަރަކަށް ކިލޯއެއްގެ މަގުން އެހެން ގައުމަކަށް ވިއްކާލީމާ، ފަސް ޑޮލަރަށް ސަތޭކަ ގުރާމުގެ މަގުން ވިއްކާ އެ ޕްރޮޑަކްޓު ތައްޔާރުކުރީ އެ ގައުމުންނެވެ. އެ ގައުމުން އަޅުގަނޑުމެންނަށް ދިން ލާރިކޮޅާއެކު ޖީބުން ބައެއް ލައިގެން އަޅުގަނޑުމެންނަށް ގަނެވޭވަރު މިވީ ބުޅަލަށް ކާންދޭ ކާނާގެ ސަތޭކަ ގުރާމުގެ ޕެކެޓެކެވެ.
ދުނިޔޭގެ އިގުތިސާދީ ނިޒާމު ބިނާވެފައި އޮތީ މި ޑިޕެންޑެންސީ ތިއަރީގެ މައްޗަށެވެ. ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުމަކީ ދުނިޔޭގެ ނިޒާމުން ހަމައެކަނި "ސަލާމަތްވުން" ނުވަތަ އެ ނިޒާމުން އެއްކިބާވުން އެކަންޏެއް ނޫނެވެ. އެ ނިޒާމުން އެކީއެކަށް ސަލާމަތްވުމަކީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ޑިޕެންޑެންސީގެ ކަސްތޮޅުން ނެއްޓުމަކީ އަޅުގަނޑުމެން ކަހަލަ ގައުމަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު، އުނދަގޫކަމަކަށް ވީތީ ނުކޮށް ތިބެވެން އޮތް ކަމެއް ވެސް ނޫނެވެ. ފުރަތަމަ ފިޔަވަޅަކަށް ވާންވާނީ ދުނިޔޭގެ ސިޔާސީ ހަގީގަތް ގަބޫލުކުރުމާއެކު އެކަމާ ކުރިމަތިލުމެވެ. އަޅުގަނޑުމެންގެ ފަގީރުކަމަކީ މުއްސަނދިންގެ މުއްސަނދިކަމުގެ ހަގީގީ ސަބަބެވެ. 'ތަރައްގީވަމުންދާ ގައުމުތައް' އެއީ ތަރައްގީގެ ސަފުގައި އަންނަ 'މަރުހަލާ'އެއް ނޫނެވެ. އެއީ ދިގުދެމިގެންވާ ހުއްޓިއެކެވެ. ވިހަބުރެކެވެ. މިހާލަތުގައި ރާއްޖެއިން އަމަލުކުރަންވާނޭ ކަމަށް ފެންނަ ގޮތަކީ ދުނިޔޭގެ ނިޒާމާ އެކުލެވޭނެ ގޮތަށް އަޅުގަނޑުމެންގެ އުސޫލުތައް ބައްޓަންކުރުމެވެ.
އޭގެ އެންމެ މައިގަނޑު ފިޔަވަޅެއްކަމަށް ގަބޫލުކުރެވެނީ ރާއްޖެއިން ބާނާ މަހުން ރާއްޖޭގައި އެކިއެކި ބާވަތްތައް އުފެއްދޭނޭ މަގު ތަނަވަސްކުރުމެވެ. މަހުތެލާއި، އަގުބޮޑު ސޫޝީއާއި، ޖަނަވާރަށް ކާންދޭ ކާނާ ފަދަ ތަކެއްޗަކީ ރާއްޖެއަށް ނުއުފެއްދޭނޭ އެއްޗެއް ހެއްޔެވެ؟ އެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ނެތީ އަޅުގަނޑުމެން އެކަމަށް އިންވެސްޓު ނުކުރީތީ އެވެ. އެ ގާބިލުކަން އުފައްދަން އިންވެސްޓު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރާ ކަމަކީ ކޯލްޑުސްޓޯރޭޖް ހަދައިގެން، ބޭރުކުރާ ރޯމަހުގެ ނިސްބަތް އަދިވެސް އިތުރުކުރުމެވެ.
މަގު ހެދުމާއި، ކައުންސިލް އިމާރާތް އެޅުމާއި ބުރިޖު ހެދުން ފަދަ، އާމްދަނީ ނުއުފައްދާ މަޝްރޫއުތައް އަޅުގަނޑުމެންގެ ގައުމުގައި ހިންގަނީ ލޯނު ނަގައިގެންނެވެ. ގޭގެ ކުލި ދެއްކޭނެ ގޮތެއް ނެތި، ބޭންކު ލޯނެއް ނަގައިގެން ފަހުގެ އައި ފޯނު ހޯދާ ޒުވާނާގެ ކޮށި ވިސްނުމަށް ހަޖޫޖަހައި، އޭނާގެ ބޮލަށް އިގުތިސާދީ ހޭލުންތެރިކަމުން މިންވަރެއް ވެއްދޭތޯ ސަރުކާރުތަކުން މަސައްކަތްކުރެ އެވެ. އެ ޒުވާނާގެ އިގްތިސާދީ ވިސްނުމާއި ސަރުކާރުތަކުގެ ވިސްނުމާ ތަފާތެއް އެބައޮތް ހެއްޔެވެ؟ ޒުވާނާ ލޯނު ނަގައިގެން ފޯނު ގަތީ އޭގެ ސަބަބުން އޭނާގެ ވަށައިގެންވާ މީހުންގެ ކުރިމަތީގައި އޭނާގެ ގަދަރު މަތިވާކަމަށް ދެކިގެންނެވެ. ސަރުކާރުން މަގު ހަދަން ލޯނު ނެގީ ރަށު ރައްޔިތުންގެ ސިޔާސީ ރުހުމާއި ތާއީދު އިތުރުވާނޭ ކަމަށް ދެކިގެންނެވެ. ދެ ވިސްނުމުގައި ވެސް އޮތީ ދުނިޔެވީ ވަގުތީ ހަގީގަތާއި، ފޮރުވިފައިވާ ފޫނުބެދޭ ބޮޑު ގެއްލުމެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހާލަތު، ޑިޕެންޑެންސީ ތިއަރީއާ ގުޅުވާލުމުން، ދިވެހިރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވެފައި ހުރި އެންމެ އަސާސީ ހުރަސްތައް ހާމަވެގެން ދެ އެވެ. އެއާއެކު އެ ހުރަސްތައް ގިރާ ކުރެވޭނޭ ފޯމިއުލާ ވެސް ލިބެ އެވެ. އެކަން ހާސިލުކުރުމުގައި ގޮންޖެހުންތައް ހުންނާނޭކަން ގައިމެވެ. އެ ގޮންޖެހުންތަކުގެ ވާހަކަ ދައްކާންވާނީ ހައްލު ހޯދުމުގެ ނިޔަތުގަ އެވެ. އެކަން ނުކުރާން ދައްކާ ބަހަނާއެއްގެ ގޮތުގައެއް ނޫނެވެ.
ރާއްޖޭގެ ކަނޑުތަކުން ބާނާ މަހަށް ރަނގަޅު އަގެއް ލިބޭނީ އެއަށް ވެލިއު އެޑު ކުރެވިގެންކަން އެއީ އައު ހިޔާލެއް ނުވަތަ ފަލްސަފާއެއް ނޫނެވެ. ތަފާތު ވިސްނުމެއް ވެސް ނޫނެވެ. އެއީ އިގުތިސާދާމެދު އެންމެ ކުޑަ މިންވަރަކަށް ވިސްނާ މީހާއަށް ވެސް ފަހުމުވާނޭ ހަގީގަތެކެވެ. މިހެން އޮތް ކަމެއްގައި ސަރުކާރުތަކުން އެކަމާ ނުއުޅެނީ އެކަމުގައި ކޮން ހިކުމަތެއް އޮވެގެންބާއޭ ހިތަށް އަރައިގެން އެކަމާ ވިސްނޭތާ ކިތަންމެ ދުވަހެކެވެ. މިހެން މިކަން އޮތަސް، ސަރުކާރުތަކުގައި މި މަސައްކަތް ހިންގާން ހަވާލުވެ ތިއްބަވާ ނުލާހިކު އިލްމީ ބޭބޭފުޅުން މި ވާހަކަ ނުދައްކަވާތީ، އަޅުގަނޑުގެ ހިތަށް މި އަރައިފައިބާ ހިޔާލުތަކަކީ އެއްވެސް އަސްލެއް އަސާސެއް ނެތް ހިޔާލުތަކަކަށް ނުވެދާނެބާއޭ ހީވެ މި މަޒުމޫނު މި ހިސާބަށް ކުރުކޮށްލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ