ބޮޑެތި މުޒާހަރާތަކަށް ފަހު ބަލްގޭރިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

މުޒާހަރާގެ ބައިވެރިން ބަލްގޭރިއާގެ ބޮޑެތި ސިޓީތަކާއި ވެރިރަށް ސޯފިއާގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުން ބޮޑުވަޒީރު ރޮސެން ޒެލިއާސްކޯފްގެ ސަރުކާރާއި އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
ޒެލިއަޒްކޯވް މި ފިޔަވަޅު އަޅުއްވާއި މި ވަނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އަދި ބަލްގޭރިއާ ޔޫރޯއާ ގުޅުމުގެ 20 ދުވަސް ކުރިންނެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރަނީ ޖެނުއަރީ މަހުން ފެށިގެން ވެރިކަމުގައި އޮތް މައިނޯރިޓީ ސެންޓަ ރައިޓް ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ. މިދިޔަ ހަފުތާގައި ކުރި މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސް ކުރުން ދިގު ދައްމާލައިފަ އެވެ. 
"އަޅުގަނޑުމެންނަށް އަޑު އިވިއްޖެ ސަރުކާރާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރާ އަޑު،" ޒެލިއާސްކޯފް ވިދާޅުވި އެވެ.
"ޒުވާނުންނާއި ބޮޑެތި މީހުން ވެސް [އަޅުގަނޑުމެންގެ އިސްތިއުފާއަށް] ވަނީ އަޑު އުފުލާފައި. މި މަދަނީ ހަކަތައަށް އެއްބާރުލުންދީ، ހިތްވަރު ދޭން ޖެހޭ،" އޭނާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އާ ކެބިނެޓެއް އިންތިހާބު ކުރެވެންދެން ވަޒީރުން މަގާމުގައި ދެމިތިބޭނެ ކަމަށް އެ ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.
ސޯފިއާގެ އިންޑިޕެންޑެންސް ސްކޮޔާއަށް 50،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވެ، ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި ވަނީ ބުދަ ދުވަހު މުޒާހަރާކޮށްފަ އެވެ. "އިސްތިއުފާ" އާއި "މާފިއާ އައުޓް" މި ލަފުޒުތައް މަޖިލީހުގެ އިމާރާތުގައި ގުގުމާފައިވެ އެވެ.
މިދިޔަ ހަފުތާގައި އެ ސަރުކާރަށް ތާއީދު ކުރެއްވި ރައީސް ރުމަން ރަދޭވް ވެސް ވަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އިތުބާރު ނެތް ކަމަށް ނެގި ވޯޓުން ޒެލިއާޒްކޯފްގެ ސަރުކާރު ސަލާމަތްވީ ފަސް ވޯޓުގެ ތަފާތަކުންނެވެ. އަދި އިތުރު ވޯޓެއް ބުރާސްފަތި ދުވަހު ނެގުމަށް އޮތީ ހަމަޖެހިފަ އެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ރުޅި އައިސްފައި ވަނީ އޮލިގާޗް ޑެލިޔަން ޕީވްސްކީ އާއި ކުރީގެ ބޮޑުވަޒީރު ބޮއިކޯ ބޮރިސޯވްގެ ދައުރާ ގުޅިގެންނެވެ. އަދި ބުދަ ދުވަހުގެ އެއްވުން އިންތިޒާމު ކުރީ ޕީވްސްކީ އާއި ބޮރިސޯވް ބޭރުކުރުމަށް ގޮވާލަމުންނެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ޕީވްސްކީގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރު، އޭނާގެ ޕާޓީން ވަނީ ސަރުކާރަށް ތާއީދު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ