ސައްހަ ނޫން މައުލޫމާތު ދީފައިވުމުން، ވައިސް ވަހީދުގެ ސިފްކޯ ފުލެޓު އަތުލީ ރަނގަޅަށް: ސިވިލް ކޯޓު
ސިފައިންނަށް ޚާއްސަކޮށް އަޅައިފައިވާ ސިފްކޯ ފުލެޓުތަކުން ފުލެޓެއް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދަށް ލިބުނު ނަމަވެސް، އެ ފުލެޓު އަތުލައިފައިވާ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އޭނާއާ ދެކޮޅަށް ނިންމައިފައެވެ. ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި މިހާރު ހުންނެވި ވައިސް ވަހީދު، ސިފްކޯއާ ދެކޮޅަށް މައްސަލައެއް ހުށަހެޅުއްވީ މިދިޔަ އަހަރެވެ. އެ ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އޭނާ އެޕްލިކޭޝަން ހުށަހެޅުއްވި ކަމަށެވެ. އަދި އެ އެޕްލިކޭޝަނާއި ފުރަތަމަ ޕޭމަންޓް ބަލައިގަނެ، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށް މައްސަލައިގައިވެއެވެ. ވައިސް ވަހީދަށް އެގްރިމެންޓް ހެދި ފްލެޓަކީ، C1301 ނަންބަރު ފްލެޓެވެ. ފްލެޓް އެގްރިމެންޓް ހެދިނަމަވެސް، ވައިސް ވަހީދުގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ސިފްކޯއިން ނިންމިއެވެ. އެހެންވެ، ވައިސް ވަހީދު މަސައްކަތް ކުރެއްވީ ކޯޓު މެދުވެރިކޮށް އެ ފްލެޓް ހޯއްދަވާށެވެ. މި ހަފުތާގައި ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައިވާ ގޮތުން، ފްލެޓް ގަންނަ ފަރާތަކީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރު ފަޅު ހިމެނޭހެން، މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާ މީހެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަނެއް ދޫކޮށްލާނެ ކަމަށް އެއްބަސްވުމުގައި އޮވެއެވެ. އަދި އެއްބަސްވުމުގައި، ބިމާއި ގޯތިގެދޮރާއި ފްލެޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށް، "އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް" ޝަރީއަތުން ދެކޭ ކަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ