މައުމޫން ދައުރު ހިމެނޭހެން ހަލާކުވެފައިވާ ގިނަ އަދަދެއްގެ ތަކެތި ރައީސް އޮފީހުން ނީލަމުގައި ވިއްކާލަނީ

ކުރީގެ ރައީސް މައުމޫނު ދައުރު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުރި ހަލާކުވެފައިވާ ގިނަ އަދަދެއްގެ އެއްޗެހި ނީލަމުގައި ވިއްކާލުމަށް ނިންމައި އިއުލާނުކޮށްފިއެވެ.
ނީލަމުގައި ވިއްކާލަން ނިންމާފައިވާ އެއްޗެހީގެ ތެރޭގައި މީގެ 23 އަހަރުކުރިން ރައީސް އޮފީހަށް ގެނެސްފައިވާ ތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި އެގްޒެކްޓިވް ގޮނޑިކޮޅުތަކާއި، މޭޒްކޮޅުތަކުގެ އިތުރުން އެގްޒެކްޓިވް ޓީވީ ކަޕްބޮޑު ހިމެނެއެވެ. ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ގިނަ އަދަދެއްގެ ތަކެތީގެ ތެރޭގައި ހިމެނެނީ ފަރުނީޗަރާއި އިލެކްޓިކް އާލާތްތަކެވެ. 
މިހުރިހާ ތަކެއްޗެއްވެސް ވިއްކާލުމަށް ނިންމާފައިވަނީ ހަލާކުވުމުގެ ސަބަބުން ރައީސް އޮފީހަށް އެތަކެތި ބޭނުން ނުވުމުންނެވެ. ރައީސް އޮފީހުން ކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ، ނީލަމުގެ އުޞޫލުން ތަކެތި ނީލަން ކިޔުން، ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ހެނދުނު އަމީނީމަގުގައި ހުންނަ އޮފީހުގެ ރިހިޖެހިކޮށީގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ އެނޫންވެސް ސަރުކާރުގެ އިދާރާތަކުން ނީލަމުގައި ވިއްކާލުމަށް ހުށަހަޅާ ތަކެތި ގަތުމަކީ ބައެއް ފަރާތްތަކުން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ހާއްސަ ގޮތެއްގައި ތާރީހީ ތަކެތި އެއްކުރާ ފަރާތްތަތައް މީގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. މިގޮތުން ދުަވަސްވީ ތަކެތި އެ ފަރާތްތަކުން ގަންނަނީ ދިގު މުއްދަތަކަށް ރަށްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޝައުގުވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ