ލިސާން 47

ރަނީމްއާއެކު ގެއަށް ވަނުމަށްފަހު، ކޮޓަރިއާ ދިމާލަށް މިސްރާބުޖެހި ނާވީގެ ފިޔަވަޅުތައް ހުއްޓުނެވެ. މޫނުމަތީން ފެނުނު ހާސްކަމާއެކު އޭނަ ވަގުތުން ރަނީމް ގެނެސް ގަޔާ ކައިރި ކޮށްލައިފިއެވެ. ނާވީގެ ކުއްލި އަމަލުން ރަނީމްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނަ ނާވީއަށް ބަލައިލިއިރު ނާވީގެ ފެހިނޫ ދެލޮލުގެ ވިދުން ވަނީ ގަދަވެފައެވެ. އޭރު އޭނަގެ ނަޒަރު ހުރީ ކޮޓަރީގެ ދޮރަށް ހުއްޓިފައެވެ. އެ މޫނުމަތީންވެސް ފެންނަނީ ކަންބޮޑުވެފައިވާ ފަދަ އަސަރުތަކެކެވެ. "ނާވީ... ކިހިނެއްވީ؟" ރަނީމްގެ ސުވާލާއެކު, ރަނީމްއަށް އަވަސް ނަޒަރެއް ދީފައި ނާވީ އިތުރަށް ރަނީމް އޭނަގެ ގަޔާ ކައިރިކޮށްލީއެވެ. ހީވީ ދިމާވެދާނެ ނުރައްކަލަކުން ރަނީމް ރައްކާތެރިކުރަނީ ހެންނެވެ. އޭނަގެ ސުވާލަށް ޖަވާބު ނުދީ ނާވީ އޭނަ އިތުރަށް ގަޔާ ކައިރިކޮށްލުމުން ރަނީމް ވެސް ކަންބޮޑުވާގޮތްވިއެވެ. "ނާވީ ކިހިނެއްވީތަ؟" ރަނީމްއަށް ނާވީގެ އަތަށް ދަމައިލަމުން ސުވާލުކޮށްލެވުނެވެ. އޭރު އޭނަގެ ހިތްވެސް ދިޔައީ އިންތިހާ ބާރު މިނުގައި ތެޅެމުންނެވެ. ވެގެން އުޅެނީ ކީއްކަން ނާވީ ނުބުނި ނަމަވެސް، ބޮޑުކަމެއް ވެއްޖެކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. "މަންމަ..." ރަނީމްއަށް އެހެން ބުނެވުމާއެކު ނާވީގެ އަތަށް އިހުނަށް ވުރެ ބޮޑަށް ބާރުކޮށްލެވުނެވެ. ދެން ކަންތައްކުރަންވީ ކިހިނެއްކަމާ މެދު ވިސްނަން ހުރި ނާވީ ރަނީމްއަށް ގޮވައިލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނަގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އެތެރޭގެ ޙާލަތު އޭނައަށް ވަޒަންކޮށްލެވުނު ހިނދު ރައާބިލްގެ ހަޅޭކުގެ އަޑުވެސް އޭނައަށް އިވުނެވެ. ރަނީމްއަށް ވެސް މެއެވެ. އެހެންނަމަވެސް އެއީ އާދައިގެ ހަޅޭކެއް ނޫނެވެ. އެ އަޑު ބަރުވެފައި ނުހަނު ބާރެވެ. ރައާބިލްގެ ކަރުގައި ހިފައިގެން އޭނަ ބިމުން މައްޗަށް އުފުއްލައިލި އިންޖާބުގެ ރުޅިގަނޑުވަނީ އިންތިހާ ދަރަޖައިގައެވެ. އޭނަ ރައާބިލްއަށް ބަލަމުން ދިޔައީ ރުޅިވެރިކަމާ ނަފްރަތު އެކުލެވޭ ބެލުމަކުންނެވެ. ރައާބިލްގެ ފުރާނަ ދުއްވައިލަންވެސް އޭނަ ޖެހިލުމެއް ނުވެޔޭ އެ ނަޒަރުން އެކަނިވެސް ބުނާފަދައެވެ. އިންޖާބުގެ ކުރިމަތީގައި ކިތަންމެ ގަދަހަދަން މަސައްކަތްކުރި ނަމަވެސް، ރައާބިލްގެ އެފަދަ ބާރެއް ނެތެވެ. އެ ބަލިކަށިކަމާއެކު އޭނަ އިންޖާބުގެ އަތުގެތެރޭގައި ނިމިގެންދާނީކަން ރައާބިލްއަށް އެނގެއެވެ. އިންޖާބު އޭނައަށް ރަޙުމެއް ނުކުރާނެއެވެ. އެއީ އެއަށްވުރެ ހިތް ހަރު މީހެކެވެ. "ކަލޭއަށް އެނގޭނެ ނާވީ ވީތަންވެސް. އަހަރެން މިކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދީ. އެހެން ނޫނީ ކަލޭ މިއަދު އަހަރެންގެ އަތުން މަރުވާނެ." އިންޖާބު އިންޒާރު ދިނެވެ. "އިންޖާބު... ރުޅިމަޑުކޮށް..." ބަތީލާ ވާހަކަ ދައްކަން އުޅުނު ނަމަވެސް، އިންޖާބު އޭނަގެ ވާހަކަ މެދު ކަނޑައިލަމުން ބަތީލާއަށް ބަލައިލިއެވެ. އެއާއެކު ވަގުތުން ބަތީލާ ހިމޭންވިއެވެ. "މި ހުރިހާކަމެއް މިވަނީ ކަލޭމެންނާ ހެދި. ނާވީގެ ކުށްވެސް ފޮރުވީ ހަމަ ކަލޭމެން އެންމެން..." އިންޖާބުގެ ރުޅި މަޑުވާގޮތެއް ނުވިއެވެ. މީގެ ކުރިން ދުވަހަކުވެސް ބަތީލާއާ ވާހަކަ ނުދައްކާހާ ހަރުކަށިކޮށް އޭނައަށް ވާހަކަ ދެއްކެން ފެށުނެވެ. އިންޖާބުގެ ރުޅިވެރިކަން ފެނި ބަތީލާ އިންތިހާއަށް ދެރަވިއެވެ. އޭނައަކީ އިންޖާބުހާ ހިތްހަރު މީހެއް ނޫނެވެ. ރުޅިއިސްކޮށްގެން އެއްވެސް ކަމެއް ރަނގަޅަކަށް ނުވާނެއެވެ. ވީކަމެއް ނުވާކަމަކަށް ވެސް ނުހެދޭނެއެވެ. ކޮންމެ ގޮތެއްވިޔަސް ނާވީއަކީ އޭނަގެ ވެސް މާމަ ދަރިއެކެވެ. އޭނަ އިންތިހާއަށް ނާވީ ދެކެ ލޯބިވެއެވެ. އެންމެ ދެރަވަނީ އައިސްފައި ހުރި ރުޅީގައި އިންޖާބު ނާވީއަށް ގެއްލުމެއް ދީފާނެތީއެވެ. އެކަން އެގޮތަށް ވެއްޖެނަމަ އިންޖާބުވެސް ކޮންމެވެސް ދުވަހަކުން އެކަމާ މެދު ދެރަވާނެކަން ގައިމެވެ. ގިނަ މީހުންނަށް ވިސްނެނީ ވަގުތު ފާއިތުވާފަހުންނެވެ. އިންޖާބަށް ވިސްނައިދޭން ބޭނުންވަނީ އެހެންވެގެންނެވެ. އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް އޭނައަށް ހިމޭންކަން އިޚްތިޔާރުކުރެވުނުއިރު، ނަމީރަށާއި ޝައިސްތާއަށްވެސް ބަލައިލެވިއްޖެއެވެ. ބަތީލާގެ މޫނުމަތީން ފެންނަނީ އާދޭހުގެ އަސަރެކެވެ. އޭނަގެ ދެލޯ ފެންކަޅިވެފައި ވީތަން ނަމީރަށްވެސް ފެނުނެވެ. ނާވީއަށްޓަކައި ބިރުގަތްފައިވާ މިންވަރުވެސް މެއެވެ. "ބައްޕާ...." ހިތްވަރުކޮށްފައި ނަމީރު ވެސް ވާހަކަ ދައްކަން އުޅުނެވެ. "ޚަބަރުދާރު. އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. ހުރިހާކަމެއް އަހަންނަށް ސިއްރުކޮށްގެން ނާވީއަށް ދޫދީގެން ތިބިއިރު، އެއްވެސް ވާހަކައެއް އަހަންނާ ހިއްސާކުރާކަށް އެކަކުވެސް ބޭނުމެއް ނުވި. ވީއިރު މިއަދު އަހަރެންވެސް ކަންތައްކުރާނީ އަހަންނަށް ފެންނަ ގޮތަކަށް. އަހަރެންގެ އުސޫލުތަކަށް ދެކޮޅުވީ ކޮންމެ މީހަކަސް އެމީހަކަށް ހަރުކަށި އަދަބު ލިބޭނެ." އިންޖާބު ނަމީރުގެ ވާހަކަވެސް މެދުކަނޑައިލީއެވެ. އޭރުވެސް އޭނަ ހުރީ ރައާބިލްގެ ކަރުގައި ހިފައްޓައިގެން އުފުއްލާލައިގެންނެވެ. އެނދުގައި އޮތް ސަމްރާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައިރު މާޒީގެ ހަނދާންތައް އޭނައަށް އާވަމުން ދިޔައެވެ. މޭގައި ދިލަތަދެއް އުފެދިގެން ދިޔައެވެ. "ރަ.އާ.ބި.ލް..." އޭނައަށް އުނދަގުލުން ރައާބިލްއަށް ގޮވައިލެވުނުއިރު، އަތް ހަރަކާތްކުރަން މަސައްކަތްކުރެވުނެވެ. "މަންމާ...." ރަނީމް އެ ދިޔަ ގޮތަށް ގޮސް ކޮޓަރީގެ ދޮރު ބާރަކަށް ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނައާއެކު ނާވީވެސް ދިޔައެވެ. ފެނުނު މަންޒަރާއެކު ރަނީމްއަށް ހަޅޭއްލަވައިގަނެވުނެވެ. އެންމެންގެ ނަޒަރު އެއާއެކު ދޮރާ ދިމާލަށް ހުއްޓުނެވެ. އިންޖާބުގެ ނަޒަރުވެސް މެއެވެ. އޭނަގެ އަތަށް ދޫކަމެއް ވެރިވެގެން ދިޔައީ، ރަނީމްގެ ފަހަތުގައި ހުރި ނާވީ ފެނިފައެވެ. ރައާބިލް ގަދަ ހަދައިލުމާއެކު، އިންޖާބު އޭނަގެ ގައިން މިފަހަރު ދޫކޮށްލުމަށްފަހު، ކޮށްޕައިލި ގޮތުން ރައާބިލް ގޮސް ޖެހުނީ ފާރުގައެވެ. އެއާއެކު މުޅި ގެއަށް ލޮޅުން އަރައިގެންދިޔައެވެ. ރަނީމްއަށް ކޮޓަރިތެރެއަށް ދެވުނީ އަވަސް ނަޒަރެކެވެ. އެހެންނަމަވެސް އެތަނުގައި ތިބި ޝައިސްތާއާ ނަމީރު ލޮލުގައި އަޅައިގަތުމުން އެއީ ނާވީގެ ޢާއިލާކަން އޭނައަށް އެނގުނެވެ. "ބައްޕާ..." ހަޅޭއްލަވައިގަތުމާއެކު، ރަނީމްއަށް ދުއްވައިގަނެވުނީ ރައާބިލްއާ ދިމާލަށެވެ. ސަމްރާގެ އެނދާ ދިމާ ފާރުގައި ޖެހުނު ރައާބިލްގެ ގާތަށް ގޮސް މަޑުކޮށްލުމާއެކު، ރައާބިލް ތެދުވިއެވެ. "މަންމަ..." ދެން ރަނީމްއަށް ބަލައިލެވުނީ ސަމްރާއަށެވެ. އޭރުވެސް ސަމްރާ ދިޔައީ ރޮމުންނެވެ. ރަނީމް ގޮސް ސަމްރާގެ ގައިގައި ބައްދައިލާފައި އޭނަގެ ރުއިން މަތަކުރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް މިވަގުތު އެ މަންމަ ހިތްހަމަ ޖައްސައިދޭން ބުނާނީ ކީކޭކަމެއް އޭނައަކަށް ނޭނގުނެވެ. އެ މަންޒަރު ބަލަން ހުރި އިންޖާބު ހައިރާންވި އެވެ. އޭނަ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެއިން އެކަކުވެސް އޭނައާ ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވާ ފަދައެވެ. ދެންމެ ރައާބިލްގެ ގާތަށް އެދިޔައީ އޭނަގެ ދަރިއެވެ. އެކަން އިންޖާބަށް ޔަޤީންވެއެވެ. އެހެންނަމަވެސް އޭނަ އެންމެ ހައިރާންވީ އެ އިންސި އަންހެން ކުއްޖާއާއެކު ނާވީ އައުމުންނެވެ. "ނާވީ..." އިންޖާބުގެ ބާރު އަޑު އަނެއްކާވެސް ގުގުމައިގެން ދިޔައެވެ. އިންޖާބަށް ބަލަހައްޓައިގެން ހުރި ނާވީ ހިންދިރުވައިލިއިރު، އޭނައަށް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ބަލައިލެވުނެވެ. އޭނަގެ ދިފާޢުގައި ބުނާނެ އެއްޗެއް މިއަދު ނާވީގެ އަތަކު ނެތެވެ. ކިތަންމެ ހާސްވިނަމަވެސް، އޭނަ އެ އަސަރުތައް ފޮރުވަން މަސައްކަތްކުރަމުން ދިޔައެވެ. "ކަލޭ ލޯބިވީ އިންސިއަކީ އެއީތަ؟" އިންޖާބު ދެވަނަ ފަހަރަށް ހަޅޭއްލަވައިގަތެވެ. މީގެ ކުރިން ދުވަހަކުވެސް ނާވީއާ ދިމާލަށް އެފަދަ ގޮތަކަށް އިންޖާބު ހަޅޭއްލަވާފައެއް ނުވެއެވެ. މިއަދު އެފަދަ ގޮތަކަށް ކާފަ އޭނައާ ވާހަކަ ދެއްކުމުން ނާވީ އިންތިހާއަށް ދެރަވީ އެހެންވެގެންނެވެ. މީގެ ކުރިން ބައްޕަ އޭނައާ ހަރުކަށިކޮށް މުޚާތަބު ކުރާއިރުވެސް ކާފަ ހުންނަނީ އޭނަގެ ދިފާޢުގައެވެ. "ކާފާ...." ނާވީއަށް ހަމައެކަނި އިންޖާބަށް ގޮވައިލެވުނީއެވެ. "އަހަރެމެންގެ އުސޫލުތައް އެނގިހުރެ ހުރިހާ ކަމެއް ތިޔަ ކުރަނީ އެ އިންސިއަށްޓަކާތަ؟" އިންޖާބު ސުވާލުކޮށްލިއެވެ. "އަހަރެމެން ކަލޭ ދެކެ ވީ ލޯބީގެ ބަދަލު ދޭން އެނގުނު ގޮތަކީ ތިއީތަ؟ ދިން މިނިވަންކަމަށް ބަދަލު ދޭން އެނގުނު ގޮތަކީ ތީތަ؟ " އިންޖާބުގެ ވާހަކަދެއްކުމާއި ރާގު ހުރި ގޮތުން އޭނަ އެހުރީ ރުޅިގަނޑު މައިތިރި ކުރެވޭނެ ޙާލަތެއްގައި ނޫންކަން ނާވީއަށް ވެސް އެނގުނެވެ. އޭނައަށް އެހީތެރިކަމަށް އެދި ބަލައިލެވުނީ އޭނަގެ ޢާއިލާއަށެވެ. "އަހަންނަކީ ވަކި މީހަކަށްވަކި ގޮތަކަށް ކަންތައްކުރާނެ މީހެއް ނޫން. އަހަރެންގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ." އިންޖާބު ނާވީއަށް ދިނީ އިންޒާރެއްކަން ޚުދު އޭނައަށްވެސް އެނގެއެވެ. އޭނަ ނާވީއާ ދިމާލަށް ފިޔަވަޅެއް އަޅައިލުމާއެކު ބަތީލާ އެ ދެމެދަށް ވަނެވެ. "އިންޖާބު... އެއީ އަހަރެންގެ މާމަ ދަރިފުޅު. އެ ދަރިއެއް ދެކެ އިންޖާބުވެސް ނުހަނު ލޯބިވާ ކާފަ ދަރިފުޅު. އަހަރެމެންގެ ޢާއިލާގެ އުފާވެރިކަން. ނަމީރުގެ ހަމައެކަނި ދަރިފުޅު. އޭނައަށް މާފުކޮށްދީ...." އައިސްފައި ހުރި ރުޅީގައި އިންޖާބު ނާވީއަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެކަން އެނގޭތީ ބަތީލާ ކަންބޮޑުވިއެވެ. ނެތް ހިތްވަރުލާފައި އޭނާ އިންޖާބުގެ ކުރިމައްޗަށް އެރި ސަބަބަކީ އެއީއެވެ. ނާވީ ހިމާޔަތްކުރަން އޭނަގެ ހިތް އެދި ގޮވި ވަރުންނެވެ. ދުރަށްދޭ ބަތީލާ..." އިންޖާބު ބަތީލާއަށް ބުނެލިއެވެ. ބަތީލާއަށް އަނިޔާވެރިވާކަށް އިންޖާބު ބޭނުމެއް ނުވެއެވެ. އޭނައަކީ ކިތަންމެ ހަރުކަށިމީހަކަށްވީ ނަމަވެސް، އަނބިމީހާ ދެކެ އޭނަ ލޯބިވެއެވެ. "ނޫން... ނާވީއަށް އަނިޔާވެރިވެގެން ނުވާނެ." ބަތީލާ އާދޭސްކުރަން ފެށިއެވެ. "ނަމީރު... ބައްޕައަށް ވިސްނައިދީ. ނާވީއަށް އަނިޔާވެރިވިޔަ ނުދީ.... އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅޭ... ނަމީރު... ހެޔޮނުވާނެ..." ބަތީލާ ކަންތައްކުރި ގޮތް ފެނި ޝައިސްތާވެސް ނަމީރުގެ ގާތުގައި އާދޭސްކުރަން ފެށިއެވެ. "ބައްޕާ... ހެޔޮނުވާނެ އަޅުގަނޑުގެ ދަރިފުޅަށް އަނިޔާވެރިނުވޭ..." ނަމީރުވެސް ކުރިއަށް ޖެހިލިއެވެ. އެ މަންޒަރު ބަލަން ސަމްރާގެ އަތުގައި ހިފައްޓާލައިގެން އިން ރަނީމް ބަލައިލީ ރައާބިލްއަށެވެ. އޭނަވަނީ ބިރުގަތްފައެވެ. އިންޖާބު ނާވީއަށް ގެއްލުން ދީފާނެކަމަށް ހިތްވެސް ދިޔައީ އިންތިހާ ބާރު މިނުގައި ތެޅެމުންނެވެ. އެހެންނަމަވެސް ރައާބިލް ދެފަރާތަށް ބޯ ހޫރައިލީ، އިތުރު ކަމެއް ނުކޮށް މަޑުމަޑުން އިންނާށޭ ބުނާފަދަ އަކުންނެވެ. ނާވީގެ ގާތަށް ދާން ކިތަންމެ ބޭނުންވެފައި އިންނަމަވެސް، ރަނީމްއަށް ހަރަކާތްކުރާކަށް ނުކެރުނެވެ. އޭނައަށް ސަމްރާގެ އަތަށް ބާރުކޮށްލެވުނެވެ. އަދި ސަމްރާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެދިނެވެ. "ނާވީ... ނާވީ ދެނެއް އެ އިންސިއަކާ ގުޅުމެއް ނުބާއްވާނެ ދޯ... ހިނގާ މިތަނުން ދާން." ބަތީލާ ނާވީގެ އަތުގައި ހިފައްޓަމުން ބުނެލީ މަސްލަހަތު ހަމައަކަށް އެޅުވުމުގެ ގޮތުންނެވެ. "މާމާ. އަޅުގަނޑު ރަނީމް ދެކެ އިންތިހާއަށް ލޯބިވޭ..." ނާވީ ބުނެލިއެވެ. އެ އަޑުގައިވި އަސަރުން ބަތީލާއަށްވެސް ލޯ މަރައިލެވުނެވެ. ނާވީ އެ އިންސިއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް ނާވީއަށް ވިސްނައިދެވޭތޯ ބަތީލާ މަސައްކަތްކުރިއެވެ. އޭނަ ރަނީމްއަށްވެސް ބަލައިލިއެވެ. ރަނީމްގެ މޫނުމަތިން އޭނަ ކަންބޮޑުވެފައިވާ މިންވަރާއި ނާވީ ދެކެ ލޯބިވާ މިންވަރުވެސް ބަތީލާއަށް ފެނުނެވެ. "ހިނގާ ދާން... ކާފަ ގާތުން މާފަށް އެދި ދެން ދުވަހަކުވެސް އެ އިންސި...." ބަތީލާ ވާހަކަ ދައްކަދައްކާ ހުއްޓާ ނާވީ ބަތީލާގެ އަތުގައި ބޮސްދީފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "މާމާ. ރަނީމްއާ ވަކިވާން އަޅުގަނޑުގެ ގާތުން ނޭދޭ... ހެޔޮނުވާނެ. އެ ނޫން އެހެން ކޮންމެ ކަމަކު އެދުނަސް އަޅުގަނޑު އެކަމެއް ހިތުން ރުހުމުން ކޮށްދޭނަން." ނާވީ ބުނެލިއެވެ. އޭނަ ރަނީމްއަށް ބަލައިލިއެވެ. ލޯބިވެތި ނަޒަރަކުންނެވެ. ރަނީމްއާ ވަކިވާންޖެހިއްޖެނަމަ އޭނަގެ ހިތަކަށް ކެތެއް ނުވާނެއެވެ. ރަނީމްއަކީ ހަމައެކަނި އޭނަގެ ހިތުން ޖާގަ ދެވުނު އަންހެން ކުއްޖާއެވެ. "ބަތީލާ. އޭނަގެ ޖަވާބު އަޑު އިވިއްޖެއެއްނު. ދެން އަހަންނަށް ފުރުސަތު ދީ..." ބަތީލާ ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވަމުން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، އިންޖާބު ވާހަކަ ދެއްކިއެވެ. އޭނަ ބަތީލާ ދުރުކޮށްލިއެވެ. "އެއީ އަމިއްލަ ކާފަ ދަރިފުޅަކަސް ރަހުމެއް ނުކުރާނަންތަ؟" ކުއްލިއަކަށް އިވުނީ ރައާބިލްގެ އަޑެވެ. އިންޖާބަށް އެ ދިމާލަށް ބަލައިލެވުނެވެ. "މީ ހުސް ކަލޭގެ ކަންތައް!.... މިއަދު މީ ކަލޭގެ ވެސް އެންމެ ފަހު ދުވަސް. އަހަރެންގެ ކާފަ ދަރިފުޅު ލައްވާ އެކަން ކުރުވީ ކަލޭ..." ރައާބިލް މީގެ ކުރިން ބުނެފައިވާ ޖުމްލަ ކަންފަތުގައި ގުގުމައިލުމާއެކު، އިންޖާބުގެ ރުޅިގަނޑު އިތުރަށް ހިލުން ނޫންކަމެއް ނުވިއެވެ. އިންޖާބު ރައާބިލްއާ ދިމާލަށް ދާންވެގެން އުޅުނު ވަގުތު އެކަމަށް ހުރަސް އެޅީ ނާވީއެވެ. "ނޫން ކާފާ. އެކަމުގައި ރަނީމްގެ ބައްޕަގެ އެއްވެސް ކުށެއް ނެތް. އެހީތެރިކަން ބޭނުންވެގެން އޭނަ ގާތަށް ދިޔަ މީހަކީ ޚުދު އަޅުގަނޑު..." ނާވީ ވާހަކަ ދެއްކިއެވެ. "އޭރު އޭނައަކަށް ނޭނގެ އަޅުގަނޑު ލޯބިވީ އޭނަގެ ދަރިފުޅު ދެކެކަމެއް. އެކަން ނޭނގި އެ ދުވަހުވެސް، އޭނަ މަސައްކަތްކުރީ އަޅުގަނޑަށް ވިސްނައިދޭން. ކިތަންމެ ވަރަކަށްވެސް އެކަން ކުރަން މަސައްކަތްކުރި. އެކަމަކު އެ ނަޞޭޙަތް ޤަބޫލުނުކުރީ ހަމަ އަޅުގަނޑު... ވިއިރު އޭނަގެ އެއްވެސް ކުށެއް މިކަމުގައި ނެތް. މީ އަޅުގަނޑު އަމިއްލަ އިޚްތިޔާރުގައި ކުރިކަމެއް." "އޭނައަކީ ގޯސް މީހެއް ނޫން... ރަނީމްއަކީ އޭނަގެ ދަރިފުޅުކަން އެނގުނީމަ އެ ޢާއިލާ އެއްތަން ކުރުވީވެސް އަޅުގަނޑު..." ނާވީ އިތުރަށްވެސް އޮޅުން ފިލުވައިދޭން މަސައްކަތްކުރިއެވެ. ފެށިގެން ނިމެންދެން ކަންތައް ވީ ގޮތް ކިޔައިދޭން މަސައްކަތްކުރި ނަމަވެސް، ނާވީގެ ވާހަކަ އަޑު އަހަން އިންޖާބު ބޭނުން ނުވާފަދައެވެ. އޭނަ ނާވީގެ ވާހަކަ މެނޑުކަނޑައިލިއެވެ. "އެހެންވިޔަސް އަހަރެންގެ ޢާއިލާގެ މީހަކު އިންސިއަކާ ގުޅުމަކީ އަހަންނަށް ރުހެވޭނެ ކަމެއް ނޫން. ޢާއިލާ އެކަންޏެއް ނޫން. އަހަރެމެންގެ ތެރެއިން އެކަކަށްވެސް އެއީ ކުރެވޭނެ ކަމެއް ނޫން." އިންޖާބު ބުންޏެވެ. އޭނަ ރައާބިލްއަށް ވެސް ބަލައިލި އެވެ. "ނޫން ކާފާ..." ނާވީ އިންޖާބަށް ގޮވައިލި ނަމަވެސް، މިފަހަރުވެސް ނާވީގެ ވާހަކަ އޭނަ އަޑެއް ނޭހިއެވެ. އިވުނު ވާހަކަތަކާ ފެންނަމުން ދިޔަ މަންޒަރުތަކުން އިތުރަށް ރުޅި އައުން ނޫންކަމެއް ނުވިއެވެ. "މީގެ ފަންސަވީސް އަހަރު ކުރިން، އަހަރެން އޭނަ މަރާނުލާ ދޫކޮށްލީ އެއީ އިންސިއެއްގެ ބަނޑުން އުފަންވި އިންސިއެއް ކަމުގައިވާތީ...." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ